ތައިލެންޑްގައި މިހާރު ކުރިއަށްދާ އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގެ ރޭންކިން މެޗުގައި މޮންގޯލިއާ ބަލިކޮށް ގައުމީ ފުޓްސަލް ޓީމުން ތާރީހީ މޮޅެއް ހޯދިއިރު މިމެޗުގައި މޮޅު ކުޅުމެއް ދެއްކި އަބްދުﷲ ޝާފިއު (ޝާއްޕެ) ބޮޑު ޝަރަފެއް ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ރާއްޖެ އާއި މޮންގޯލިއާ ކުޅުނު މިމެޗުގެ ކުޅުން ނިމުނުއިރު ދެޓީމު ވަނީ 3-3 އިން އެއްވަރުވެފައެވެ. މެޗުގައި ނަތީޖާ ނެރުމަށް ޕެނަލްޓީޖެހިއިރު ރާއްޖެއިން މެޗުން މޮޅުވީ ޕެނަލްޓީގައި 7-8 އިން ކުރިހޯދައިގެންނެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ މޮންގޯލިއާ އިންނެވެ. މޮންގޯލިއާގެ ބަޓޫކާ އެޓީމަށް ލީޑުނަގައިދީފައިވަނިކޮށް ރާއްޖެއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޝާއްޕެއެވެ. އަދި ދެވަނަ ފަހަރަކަށް މޮންގޯލިއާ އިން މެޗުގައި ލީޑުނެގީ އަމްގަރާންގް ކާމިޔާބުކުރި ލަނޑުންނެވެ. ދެވަނަ ފަހަރަށްވެސް ރާއްޖެއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހަމަ ޝާއްޕެއެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން

މެޗުގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ލީޑުނެގި ލަނޑު އަދި ރާއްޖެއިން މެޗުގައި ޖެހި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ހުސެއިން ޝަރީފް (އޮންލީ) ނެގި ހުރަހަކުން މުހައްމަދު ޔަފާއުއެވެ. އެހެންނަމަވެސް މޮންގޯލިއާ އިން އިތުރު ލަނޑެއްޖަހާ، ރާއްޖެ އާއި އެއްވަރުކުރީ ޕުރެޑޯރްޖޭ ޖެހި ލަނޑުންނެވެ.

ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހާ، 7-8 އިން ރާއްޖެއިން މެޗު ކާމިޔާބުކުރިއިރު، ރާއްޖޭން ޕެނަލްޓީތައް ކާމިޔާބުކުރީ އަބްދުﷲ ޝައްފާން (ޝާކާ)، އޮންލީ، މުހައްމަދު އިމްރާން (އިންމި)، ސާމިން މުހައްމަދު، އިޝާން އިބްރާހިމް (ސައްޓު)އެވެ.

ރާއްޖެއިން މޮންގޯލިއާގެ މައްޗަށް އަތްގަދަކޮށް މިމެޗު ކާމިޔާބުކުރިއިރު، މިއީ ފުޓްސަލްގެ ތާރީހުގައިވެސް ބައިނަލްއަގްވާމީ މުބާާރާތެއްގައި ރާއްޖެއިން ވާދަކޮށް މޮޅެއް ހޯދި ފުރަތަމަ މެޗެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން

މުބާރާތުގައި ކުޅުނު ފުރަތަމަ ދެމެޗުން ބަލިވުމާއެކު މުބާރާތުގެ ފަސްވަނަ އަދި ހަވަނައަށް ދާ ޓީމެއް ހޯދުމަށް ކުޅުން މިމެޗުގައި ރާއްޖެއިން މޮޅުވެ، ވަނީ ފަސްވަނަ ހޯދާފައެވެ. މެޗުގައި ރާއްޖެ އަތުން ބަލިވި މޮންގޯލިއާ އަކީ ދުނިޔޭގެ ފުޓްސަލް ރޭންކިންގެ 108 ވަނައިގައި ހިމެނޭ ގައުމެވެ. ރާއްޖެ ހިމެނެނީ ވޯލްޑް ރޭންކިންގެ 116 ވަނައިގައެވެ. މޮންގޯލިއާ އަތުން ހޯދި މޮޅާއެކު ރާއްޖެއަށް ރޭންކިންގައި ކުރިއެރުންތަކެއް ލިބޭނެކަމަށް ބެލެވެއެވެ.

މީގެއިތުރުން މެޗުގައި ރާއްޖެއަށް މުހިންމު ދެލަނޑު ކާމިޔާބު ކޮށްދީ ޝާއްޕެ މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. މިއާއެކު އޭނާ ވެގެންގޮސްފައިވަނީ ތާރީހުގައިވެސް، ބައިނަލްއަގްވާމީ މެޗެއްގައި މޭން އޮފް ދަ މެޗު ނުވަތަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފް ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާ އަށެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފް ހޯދީ ޝާއްޕެ

މީގެކުުރިން ރާއްޖެއިން ބައިވެރިވި ބައިނަލްއަގްވާމީ ފުޓްސަލް މުބާރާތަކީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕެވެ. އެމުބާރާތުގައި ރާއްޖެއިން ކުޅުނު ހަތަރު މެޗުންވެސްވީ ބައްޔެވެ.

ތައިލެންޑުގައި ކުރިއަށްދިޔަ މި މުބާރާތަކީ، ގިނަ ދުވަސްތަކަކަށްފަހު ގައުމީ ޓީމެއް އެކުލަވާލާ، ތަމްރީނު ތަކަކަށްފަހު ރާއްޖެއިން އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މުބާރާތެކެވެ. ކުވޭތުގައި ކުޅޭނެކަމަށް ބެލެވޭ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ސަރަހައްދުގެ ޗެމްޕިއަން އީރާން އާއި ކިރްގިސްތާން އަދި ތުރުކުމެނިސްތާން ހިމެނޭ ގުރޫޕުގައެވެ.