އއ. ތޮއްޑޫގައި 50 ވަނަ ގެސްޓް ހައުސް ހުޅުވުމުގެ ގޮތުން އެރަށުގައި ކުލަގަދަ ހަފްލާއެއް ބާއްވައިފިއެވެ.
ތޮއްޑޫ ސްކޫލް ހޯލްގައި އޮތް ހަފްލާ ޝަރަފްވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއެވެ.
މިހަފްލާ ފެށުމުގެ ގޮތުން ހަފްލާއަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ކްލިޕެއް ދައްކާފައިވެއެވެ. މިވީޑިއޯ ކްލިޕަކީ ތޮއްޑޫގައި ގެސްޓްހައުސް ފެށިގެން އައިގޮތާއި އަދި މި ވިޔަފާރީގައި އުޅޭ ބައެއް މީހުންގެ ވާހަކަތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ކްލިޕެކެވެ.
ހަފްލާ ފެށުމުގެ ގޮތުން ބައިވެރިންނާ މުޚާތަބްކޮށް ވާހަކަދައްކަވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް ވިދާޅުވީ ތޮއްޑޫއަކީ ހަމައެކަނި ދަނޑުވެރިކަމުން އެކަނި މަޝްހޫރުކަން ހޯދާފައިވާ ރަށެެއް ނޫންކަމަށެވެ. ތޮއްޑޫ އަންނަނީ ޓޫރިޒަމުން ވެސް މަޝްހޫރުކަމާއި މަގްބޫލު ހޯދަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން 2013 ވަނަ އަހަރު އެންމެ ގެސްޓްހައުސް އަކާއިއެކު ޓޫރިޒަމް ވިޔަފާރީގެ ތެރެއަށް ވަތް ތޮއްޑޫން 9 އަހަރު ތެރޭ އެ ވިޔަފާރި ފުޅާކޮށް މިއަދު މިވަނީ 50 ގެސްޓް ހައުސްއާއި އެކު 650 އެނދުގެ ބެޑް ކެޕޭސިޓީ އިތުރުކުރެވިފައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކަރަމް ވިދާޅުވީ ކޮވިޑްގެ ދަތި އުނދަގޫ ހާލަތުގައި ވެސް ތޮއްޑޫން 200 އެނދު ވިއްކާ ޓޫރިސްޓުންނަށް ޚިދުމަތް ދީފައިވާ ކަމަށެވެ. އަދި މިހާރު 650 އެނދު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށާއި އުއްމީދަކީ އަހަރު ނިމުމުގެ ކުރިން 1000 އެނދު ވިއްކުން ކަމަށް ވެސް ކަރަމްގެ ވާހަކައިގާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާއި އަދި ތޮއްޑޫގައި 50 ވަނަ ގެސްޓް ހައުސް ހުޅުވުމުގެ އުފަލުގައި ބާއްވާފައިވާ މި ހަފްލާގައި ވަނީ ރަށުގައި ފަތުރުވެރިކަން ދިރުވާ އާލާކުރުމުގައި ފާހަގަކުރެވޭ ޚިދުމަތްތެރިންގެ އަގުވަޒަންކޮށް އެ މީހުންނަށް ޚާއްސަ އެވޯރޑެއްވެސް ދީފައެވެ. މި އެވޯޑު ލިބިފައިވަނީ 19 ފަރާތަކަށެވެ.
50 ވަނަ ގެސްޓްހައުސް ހުޅުވުމުގެ އުފަލުގައި ވަނީ ޚާއްސަ ސުވެނިއަރ ސެޓެއްވެސް ނެރެފައެވެ. މި ސުވެނިއަރ ސެޓްގައި ހިމެނެނީ ޚާއްސަ ތޮއްޕަކާއި ކުޑައަކާއި ޓީޝާޓެކެވެ.
މި ހަފްލާގައި ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި ތޮއްޑޫ ކައުންސިލްގެ މެމްބަރުންނާއި އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޒީނާދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ތޮއްޑޫގައި 2013 ވަނަ އަހަރު ފެށި ގެސްޓްހައުސްގެ ވިޔަފާރީގައި އެރަށުން އަންނަނީ ބޮޑެތި ކާމިޔާބީތަކާއި ކުރިއެރުންތައް ހޯދަމުންނެވެ.
އެގޮތުން ހުޅުވިގެން މިދިޔަ ގެސްޓްހައުސްއާއިއެކު މިހާރު ތޮއްޑޫގައި 650 އެނދު ޓޫރިސްޓުންނަށް ވިއްކުމަށް ވަނީ ހުޅުވާލާފައެވެ. އަހަރުގެ މިހާތަނަށް އައިރު ބެޑްކެޕޭސިޓީހުރީ 132 ގައެވެ.
ދަނޑުވެރިކަމަށް މަޝްހޫރު މިރަށުގައި ޓޫރިޒަމް ފުޅާވެގެން އަންނައިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ރަށުގައި ގެސްޓްހައުސްތަކުގެ ވިޔަފާރި މަޑުނުޖެހި ކުރިއަށް ގޮސްފައިވާ ކަން ފާހަގަކުރެވެއެވެ.