ލޯކަލް ޓްރެވެލް އެޖެންޓުންނާ އެއްކޮށް ގެސްޓް ހައުސް ވިއްކުމުގަ ޓޫރިޒަމް މިނިސްޓްރީން އެހީތެރިވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމާއި އއ.ތޮއްޑޫގައި 50 ވަނަ ގެސްޓްހައުސް ހިންގަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.މައުސޫމް ވިދާޅުވީ ކޮވިޑު ޕެންޑަމިކުތެރޭގަ ޓްރެވެލް އެޖެންޓުންގެ މުހިންމު ކަން އެނގިގެންދިޔަ ކަމަށާއި މި ފުރުސަތަކީ ލޯކަލް ޓްރެވެލް އެޖެންޓުން ކުރިއަށް ދެމިލަންވި ވަގުތު ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ލޯކަލް ޓްރެވެލް އެޖެންޓުންނާ އެއްކޮށް ޚާއްސަކޮށް ގެސްޓްހައުސް ވިއްކުމުގަ ނުވަތަ ނެޓްވޯކް ކުރުމުގަ މަސައްކަތްކޮށްދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ އެއް ޓީމެއްގެ ގޮތުގަ. ރާއްޖޭގެ އެންމެން މިއީ ޓޫރިޒަމަށް މަސައްކަތް ކުރާ ޓީމް. ރާއްޖެ އަންނަ ފަތުރުވެރިއާ އަށް ފެންނަން ޖެހޭނީ ނަމޫނާ ރާއްޖެ އެއް. ފަތުރުވެރިއާ އަށް ފެންނަން ޖެހޭނީ ނަމޫނާ ތޮއްޑޫއެއް. އިރާދަކުރެއްވިއްޔާ އެގްރޯ ޓޫރިޒަމާ ބެހޭ ޕްރޮގްރާމުތައް އަޅުގަނޑުމެން ތޮއްޑޫގައި ހިންގާނަން. ތޮއްޑޫގެ ޓޫރިޒަމް މިއަދު އޮތް ހަރުފަތަށް ވުރެ މޮޅު ހަރުފަތަކަށް ގެންދަން އަޅުގަނޑުމެން މަސަައްކަތްކޮށްދޭނަން."
ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް

މިނިސްޓަރ ވަނީ ސަރުކާރުގެ އަމާޒަކަށްވީ ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނާއި ހަމައަށް ގެންނަން ކަމަށާއި އެގޮތުން ފަތުރުވެރިކަން ސިންދަފާތު ކުރުމުގެ ގޮތުން މިހާތަނަށް ރާއްޖޭގަ އޮތް ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓްގެ އިތުރަށް ސަގާފީ ފަތުރުވެރިކަމާ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށްގެންދާ ފަތުރުވެރިކަން އިތުރު ކުރުމަށް އެދިވަޑައިގެންފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ މަގުބޫލު މަންޒިލަކަށްވީ ދިވެހިރާއްޖޭ އަކީ ފަތުރުވެރިންނަށް މެހެމާންދާރީ އަދާކުރުމުގަ ނަމޫނާ ބަޔަކަށް ވުމުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މުވައްޒަފުންގެ ހީވާގިކަމުން. މެހެމާންދާރީ އަދާކުރުމުގަ އެ ގެންގުޅޭ ވައްޓަފާޅީގެ ސަބަބުން. މުޅި ރާއްޖޭގެ ވަދަވެރިކަމަށް ލޯކަލް ޓޫރިޒަމް ދާއިރު ތޮއްޑޫއަށް ވަރަށް އިސްކަންދޭންޖެހޭނެ. އަޅުގަނޑުމެންނަށް ފައިނޭންސް ލިބުން ތާށިވެފަ އޮތް ވަގުތެއްގަ އެކަންތައް ފަހިކޮށްދިނީތީ އެސްޑިއެފްސީއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން. ވިޔަފާރި ފަށަން ފައިސާ ލިބުމަކީ އަދި އެއީ ހިންދެމިލެވުނީ އެއް ނޫން."
ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް

ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާ އެކި އޮއިވަރުގަ ޓޫރިޒަމަށް އަސަރުކުރާކަން ފާހަގަކުރައްވާ މިނިސްޓަރ މައުސޫމް ވިދާޅުވީ ޕެންޑަމިކުން އެކަން ފެނުނު ކަމަށެވެ.

އަދި ރާއްޖެއަށް އެ ސަރަހައްދަކުން 20 އިންސައްތަ މާކެޓް ހިއްސާކުރާ ރަޝިޔާ ސަރަހައްދުގަ ހިނގާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ލޮޅުން އަރާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަސައްކަތް ކުރަމުންމިދަނީ މިއަންނަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ކަމަށާއި ނަމަވެސް އެ އަދަދަށްވުރެ ބޮޑަށް މިހާރު ބޭނުންވަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރާ ދުވަހުގެ އަދަދާއި އަދި ފައިދާގެ އަދަދު ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ފަތުރުވެރިކަން ވާންވާނީ އަންހެންވެރިންގެވެސް ހިއްސާ އޮންނަ ކަމަކަށް ކަމަށާއި 2023 އަންނައިރު އއ.ތޮއްޑޫގައި ބެޑްކެޕޭސިޓީ 1000 ހަށްވުރެ ގިނަ ވާނެ ކަމަށްވެސް ވިދާޅުވެފައެވެ.