ރައްޔިތުންގެ މަޖިލީހުގައި ކުރިން ވިލިމާލެ ދާއިރާ ތަމްސީލުކުރި މެމްބަރު އަޙުމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން މިއަދަށް ކޯޓުން ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރިކަމުގެ ދައުވާއެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު 9:00 އަށް ތާވަލްކޮށްފައިވީނަމަވެސް، ދައުލަތުން އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދިފައިވާތީ ކްރިމިނަލް ކޯޓުން ވަނީ އަޑުއެހުން ކެންސަލްކޮށްފައެވެ. ދައުލަތުން އަޑުއެހުން ކެންސަލްކުރަން އެދުނު ވަކި ސަބަބެއް ސާފުވާގޮތް ވަނީ ނުވެފައެވެ.

މި މައްސަލައިގެ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ހެކި ހާމަކުރުމެވެ. ޝަފައީ ހެކިންގެ ގޮތުގައި ނިހާންގެ ފަރާތުން ގިނަ އަދަދެއްގެ ހެކީން ހާޒިރުކުރުމަށް ހުށަހަޅުއްވާފައިވާއިރު، އޭގެތެރޭގައި ދިފާއީ ހެކީންގެ ގޮތުގައި މިދިޔަ މަޖިލީހުގައި މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްއާއި، ނައިބު ރައީސް ފައިސަލް ނަސީމްގެ ނަންފުޅު ހުށަހަޅުއްވާފައިވެއެވެ.

މީގެއިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އާއި، ރައްޔިތުންގެ ބައެއް މެމްބަރުން ވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅުއްވާފައިވެއެވެ.

ދައުލަތުން ބުނާ ގޮތުގައި ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ ބާރުގެ ދަށުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އެ ރިޝްވަތުގައި ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވެއެވެ.

ދައުލަތުން ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އެންމެ މަދުވެގެން 36 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.