ލ. ގަމުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ "ގަމު އެކުވެރި މަސްވެރިންގެ ޖަމިއްޔާ"ގެ ފަރާތުން އެ ރަށުގެ މަސްވެރިންނަށް ރޯދަ އިނާޔަތް ދޭން ނިންމައިފިއެވެ.

އެ ޖަމިއްޔާ އިން ނިންމާފައި ވަނީ، ޖަމިއްޔާގެ ރަޖިސްޓަރީގައި ތިބި ހުރިހާ މަސްވެރިންނަށް ވެސް ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތަށް 3،000 ރުފިޔާ ދިނުމަށެވެ.

ގަމުގައި މަސްވެރިކަން ކުރާ 15 ދޯނި އެ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވެއެވެ. އަދި އެ ދޯނިތަކުގައި ޖުމްލަ 172 މަސްވެރިން މަސައްކަތް ކުރެއެވެ.

މިކަން ކުރުމަށް އެ ޖަމިއްޔާ އިން ވަނީ ޔޫރަޕްގެ ޖަމިއްޔާއެއް ކަމުގައިވާ ފެއާ ޓްރޭޑްގެ މާލީ އެހީތެރިކަން ހޯދާފައެވެ.

ގަމުގެ މަސް ދޯނި ތަކުގައި އެހެން ރަށްރަށުގެ މީހުން ވެސް މަސައްކަތް ކުރާތީ އެ މީހުންނަށްވެސް ރޯދަ އިނާޔަތް ދޭން ނިންމާފައިވެއެވެ.

ގަމު އެކުވެރި މަސްވެރިންގެ ޖަމިއްޔާ އިން ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މަސްވެރިންނަށް ރޯދަ އިނާޔަތް ދިނުމަށާއި މިއަހަރު ދެ މަސްވެރިޔަކު އުމްރާއަށް ފޮނުވުމަށް ކޮމިޓީ ބައްދަލުވުމެއްގައި ފާސްކޮށްފައެވެ.