ބަހާއި ހިސާބު ޢިލްމު އުގެނުމާއި އުގަންނައިދިނުން ހަރުދަނާކޮށް، ދަރިވަރުންގެ ކިބައިގައި މި ދެ ޢިލްމުގެ ފުރިހަމަ ބިންގަލެއް އެޅިގެންނޫނީ ފޭރާންހެޔޮ ތަޢުލީމެއްގެ ފުރުސަތު ހޯދައެއް ނުދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖު 2022-2027 އާއި އުނގެނުމުގެ އިތުރު އެހީދިނުމުގެ އިސްތިރާޖު (ސްޓްރެޓެޖީ) ތަންފީޒުކުރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ބަހާއި ހިސާބު ޢިލްމު މި ދެ ޢިލްމަކީ މަދަރުސާއަކުން ލިބިދެވޭނެ އެންމެ މުހިއްމު ހުނަރުކަމަށާއި ބަހާއި ހިސާބު ޢިލްމުގެ ހުނަރުތަކަށް ފާގަތި ދަރިވަރުންނަކީ މުޖުތަމަޢުގައި ކާމިޔާބު ކަމާއެކު އަމިއްލަ ފަރުދުންގެ ގޮތުގައި އަބުރުވެރިކަމާއެކު ދިރިއުޅުމަށް ފައްކާވެފައިވާ ދަރިވަރުންތަކަކަށް ވާނެކަމަށެވެ.

މިފަދަ ދަރިވަރުން ވެގެންދާނީ އިޖްތިމާއީ ގޮތުންނާއި ތައުލީމީގޮތުން ކާމިޔާބު ވަޒީފާގެ މާހައުލުގަވެސް ކާމިޔާބު ބަޔަކަށް. އެހެންކަމުން ދަރިވަރުންގެ ގައިގަ ބަހާއި ހިސާބުގެ އިލްމުތައް އަށަގެންނެވުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމު ކަމެއް."
އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ

މި އިސްތިރާޖުގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުދައްރިސުންނާއި ސްކޫލްތަކުގެ ވެރިން އަދި ބެލެނިވެރިންގެ ގުޅިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި މި ދެ އިސްތިރާޖު ތަންފީޒު ކުރުމަށް ނިންމާފައިވާ ކަންތައްތައް ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށް މިނިސްޓްރީން އެކިއެކި ސެކްޝަންތަކާއި އެހެނިހެން މުއައްސަސާތަކުން ދިން އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.

ގައުމީ މަންހަޖުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖާއި، ކީސްޓޭޖް 2ގެ ދަރިވަރުންގެ އުނގެނުމުގެ މަރުހަލާ ފަސޭހަކޮށްދިނުމަށްޓަކައި ތަންފީޒުކުރަން ފެށުނު މި އިސްތިރާޒުގެ ދަށުން ލިޓްރަސީ އެންޑް މެތެމެޓިކްސް އެމްބެސެޑަރުންނަށް ދެވޭ ތަމްރީނު ޕްރޮގްރާމުވެސް މިއަދު މިވަނީ ފަށާފައެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މިމަހުގެ 22 އަށް ކުރިއަށްދާ މިތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 131 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. މި ތަމްރީނު ޕްރޮގްރާމުގެ މަގްސަދަކީ ބަހާއި ހިސާބު ޢިލްމު އުނގަންނައިދިނުމަށްޓަކައި މި ޕްރޮޖެކްޓުގައި ހިމެނޭ ކޮންމެ ސްކޫލަކުން ޓީޗަރަކު ތަމްރީނުކުރުމެވެ.

އަދި ތަމްރީނުކުރެވޭ ޓީޗަރު މެދުވެރިކޮށް ސްކޫލުގެ އެހެން ޓީޗަރުންނަށް މި ތަމްރީނު ޕްރޮގްރާމް ހިންގުމެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ޔުނިސެފާއި ގްލޯބަލް ޕަރޓްނާޝިޕް ފޮރ އެޑިޔުކޭޝަނުން ރާއްޖެއަށް ލިބުނު ހިލޭ އެހީއާއެކު ގާއިމުކުރެވުނު "ލޭމްޕް" ޕްރޮޖެކްޓުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ތަމްރީނުޕްރޮގްރާމް ފެސިލިޓޭޓްކުރައްވާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގެ ޓީޗަރ ޑިވެލޮޕްމެންޓް ޔުނިޓުގެ ޓީޗަރ ރިސޯސް ސެންޓަރުގެ ކޯޑިނޭޓަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.