ހައުސިން ޔުނިޓުތަކެއް އެޅުމަށް ކަމަށް ބުނެ މަކަރާއި ހީލަތުން، ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލާގައި ދައުވާ އުފުލާފައިވާ، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ތިންވަނަ ފަހަރަށް ހުކުމްކޮށްފިއެވެ.

ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރެ، އޭނާ ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލަންކާއިންނެވެ.

މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ ޝަރުތަކާއެކުއެވެ. މައްސަލަ ބައްލަވާ ގާޟީ ހަސަން ސައީދު ވިދާޅުވީ އެޝަރުތުތައް ދައުލަތަށާއި އައްމަޓީއަށް އަންގަވާނެ ކަމަށެވެ.

މީގެކުރިންވެސް ދެފަހަރެއްގެ މަތީން އޭނާ ވަނީ ދޫކޮށްލާފައެވެ. އެންމެފަހުން އޭނާ ބަންދުން ދޫކޮށްލާފައިވަނީ އޭނާގެ އަންހެން ކޮއްކޮ އާއި ދައްތަ ޖާމިނުވެގެންނެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އައްމަޓީ ރާއްޖެނައިސް ސްރީލަންކާގައި ފިލައިގެން އުޅުނުކަން ހަނދާންކޮށްދީ، އޭނާ ދޫކޮށްލައިފިނަމަ ފިލާފާނެކަމުގެ ބިރު އެބައޮތް ކަމަށް ބުނެފައެވެ.

އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.