މިމަހު 24 ވަނަ ދުވަހު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭނެ ރާއްޖޭގެ ގައުމީ ޓީމުގެ ވަގުތީ ސްކޮޑު އިއުލާނު ކޮށްފިއެވެ.

ގައުމީ ޓީމުން މިމެޗުގެ ކުރިން ބާއްވާ ފުރަތަމަ ފަރިތަކުރުންތައް އާދިއްތަ ދުވަހުގެރޭ ފަށާފައިވާއިރު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. ދަގަނޑޭ ސްކޮޑުގައި ހިމަނާފައި ނުވަނީ އަނިޔާގެ ސަބަބުން އަދިވެސް ދަގަނޑޭ ކުޅުމާއި ދުރުގައި ހުންނަން ޖެހުމުގެ ސަބަބުންނެވެ. އެންމެފަހުން ދަގަނޑޭ މެޗެއްގައި ކުޅެފައިވަނީ މި ސީޒަން ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދަގަނޑޭ ކުޅުމާއި ދުރުގައި ހުރީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުމަށް 28 ކުޅުންތެރިންގެ ސްކޮޑަކާއެކު ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު، މިއީ ގައުމީ ކޯޗުކަމާ މިދިޔަ އޮކްޓޫބަރު މަހު ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ގަލޮޅު ދަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ.

މިމެޗަށް މޮރިއޭރޯ އެކުލަވާލި ސްކޮޑުގައި މުޅިން އަލަށް ގައުމީ ޓީމުގައި ހިމެނިގެން ކުޅޭ ކުޅުންތެރިންނާއި، ގިނަ ދުވަސްތަކަށްފަހު ގައުމީ ސްކޮޑުން ފުރުސަތު ލިބުނު ކުޅުންތެރިންވެސް ހިމެނެއެވެ.

އެގޮތުން އަލަށް ގައުމީ ސްކޮޑުން ޖާގަ ލިބުނު ކުޅުންތެރިންގެ ތެރޭގައި، އީގަލްސްގެ އަހުމަދު ހަަސަން (އައްމަޑޭ) ފާހަގަކޮށްލެވެއެވެ.

ގިނަ ދުވަސްތަކަކަށްފަހު ގައުމީ ސްކޮޑުން ފުރުސަތު ލިބުނު ކުޅުންތެރިންނަށް ބަލާލާއިރު، އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) އާއި ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ)ގެ އިތުރުން ވެލެންސިއާ އަށް ކުޅެމުން އަންނަ އަމްދާން އަލީ (އެންޑީ) ފާހަގަކޮށްލެވެއެވެ.

އެންޑީ އާއި ރިލޭއަށް ގައުމީ ޓީމުން ފުރުސަތު މި ލިބުނީ ގާތްގަނޑަކަށް ފަސް އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރިޒޭ އަށްވެސް ސްކޮޑުން ފުރުސަތު ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ގައުމީ ސްކޮޑުން ޖާގަ ދަމަހައްޓަމުން އައި ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް މިފަހަރުގެ ސްކޮޑުގައި ފުރުސަތު ދީފައެއް ނުވެއެވެ.

ގައުމީ ޓީމުގެ ވަގުތީ ސްކޮޑެއް އިއުލާން ކޮށްފައިވާއިރު ސްކޮޑުގައި އެންމެ ގިނައިން ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކުޅުންތެރިންނެވެ. މާޒިޔާ އިން ސްކޮޑުގައި 13 ކުޅުންތެރިއަކު ހިމެނެއެވެ.

ދެން އެންމެ ގިނަ ކުޅުންތެރިންނަށް ފުރުސަތު ލިބުނު އީގަލްސްގެ ފަސް ކުޅުންތެރިން، ވެލެންސިއާ އާއި ގްރީން ސްޓްރީޓްސްގެ ހަތަރު ކުޅުންތެރިން އަދި ސުޕާ ޔުނައިޓެޑް ސްޕޯޓްސްގެ ދެ ކުޅުންތެރިއަކަށް ގައުމީ ސްކޮޑުން ފުރުސަތު ލިބިފައިވެއެވެ.

ފުރަތަމަ ޑިވިޝަނުގައި ހިމެނޭ ކުލަބުތަކުގެ ތެރެއިން މި ސްކޮޑުން ފުރުސަތު ނުލިބެނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ޔުަނައިޓެޑް ވިކްޓްރީ އަދި ޓީސީ ސްޕޯޓްސް ކުލަބަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ.

ބަންގްލަދޭޝް މެޗަށް އެކުލަވާލި 28 ކުޅުންތެރިންގެ ވަގުތީ ސްކޮޑް:

  • މާޒިޔާ (13 ކުޅުންތެރިން):

ސަމޫހް އަލީ (ސަމުއްޓޭ)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، އަސަދުﷲ އަބްދުﷲ، ހަމްޒާ މުހައްމަދު (ހަމްޕު)، އަކުރަމް އަބްދުލް ގަނީ (އަކޫ)، ހައިޝަމް ހަސަން (ބިޑި) މުހައްމަދު އިރުފާން (އިރޭ)، ނާއިޒު ހަސަން (ދާދު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ހުސައިން ޝަރީފް، ހުސައިން ނިހާން (ނިހާޓް)، ހަސަން ޝިފާޒް (ޑުންގާ).

  • ކްލަބް އީގަލްސް (5 ކުޅުންތެރިން):

އަހުމަދު ނޫމާން (ހެލްމެޓް)، ހުސައިން ޝިފާއު ޔޫސުފް (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަހުމަދު ރިޒްވާން (ރިޒޭ)، އަހްމަދު ހަސަން (އަންމަޑޭ).

  • ކްލަބް ވެލެންސިއާ (4 ކުޅުންތެރިން):

އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ފައިސަލް، އަމްދާން އަލީ (އެންޑީ)، އަބްދުﷲ ޔާމީން (ޔާނު).

  • ކްލަބް ގްރީން ސްޓްރީޓްސް (4 ކުޅުންތެރިން):

ރިލްވާން ވަހީދު (ރިލޭ)، ހަސަން ނަޒީމް (ޗޯޓު)، މުހައްމަދު ސާއިފް، އަހްމަދު ނާހިލް.

  • ސުޕާ ޔުނައިޓެޑް ސްޕޯޓްސް (2 ކުޅުންތެރިން):

މުހައްމަދު ޝަފީއު (ޗެކް)، ޔޫސުފް މީޝަމް

ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުމަށް ރާއްޖެއިން ފަރިތަކުރުންތައް ފަށާފައިވާއިރު، މިއީ ފީފާ ކަލަންޑަރު ތާރީހެއްގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗެކެވެ.

އަދި މިއީ ފާއިތުވީ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕުގައި ކުޅުނު މެޗަށްފަހު ރާއްޖެ އާއި ބަންގްލަދޭޝް ކުރިމަތިލާ ފުރަތަމަ ފަހަރެވެ. ފޯ ނޭޝަންސް ކަޕުގައި ކުޅުނު މެޗުން ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 1-2 އިން ބަލިވެފައެވެ. މިއީ ފާއިތުވި 18 އަހަރު ތެރޭގައި ސީނިއާ ފުޓްބޯޅައިގައި ބަންގްލަދޭޝް އަށް ރާއްޖޭގެ މައްޗަށް ހޯދުނު ފުރަތަމަ މޮޅެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އަތުން ބަންގްލަދޭޝްގެ ޒުވާން ޓީމު ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގައި ޕެނަލްޓީ ޖަހައިގެން މޮޅުވެފައިވެއެވެ.

ފޯނޭޝަންސް ކަޕުގެ ކުރިން ރާއްޖެ އާއި ބަންގްލަދޭޝް އެންމެފަހުން ކުޅެފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައެވެ. އެމެޗުގައި ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ މައްޗަށް ގަލޮޅު ދަނޑުގައި 0-2 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

އެހެންކަމުން މިމަހުގެ 24 ވަނަ ދުވަހު ކުޅޭ މިމެޗަކީ ރާއްޖެ އާއި ބަންގްލަދޭޝްގެ ފުޓުބޯޅައިގެ ފެންވަރު ދެނެގަންނަން މުހިންމު ހެކިތަކެއް ހާމަވާނެ މެޗަކަށް ވާނެއެވެ. އަދި ގަލޮޅު ދަނޑުގައި ފުރަތަމަ ފަހަރަށް ރާއްޖެއިން މޮރިއޭރޯގެ އިރުޝާދުގެ ދަށުން ނުކުންނައިރު މިމެޗު ވާނީ މޮރިއެރޯ އަށްވެސް ގިނަ ބައެއްގެ ލޯ އަމާޒުވާނެ މެޗަކަށް ވެގެންދާނެއެވެ.