ބައެއް ދިވެހިންނަކީ ވަރަށް ފާޑެއްގެ ބައެކެވެ. ފާޑުކިޔަންވެއްޖެއްޔާ އެ މީހުންނަށް ވަކި ކަމެއް ނޯންނާނެއެވެ. ފެންނަ ރަނގަޅު ކަމެއް ނޯންނާނެއެވެ. ފެނުނަސް ފެންނަ ކަމަކަށް ނުހަދާނެއެވެ. އެ މީހުންގެ ސިކުނޑިތައް ވަނީ ނައްސި ޚިޔާލުތަކުން ފުރިފައެވެ.

މި ފަހުން ވެސް މި ފެނުނީ އެ ޒާތުގެ ކަމެކެވެ. އއ. ތޮއްޑޫގައި 50 ވަނަ ގެސްޓްހައުސް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން ކުރިއަށް ދިޔަ ފޯރިގަދަ ބޮޑުބެރުޖެހުމެއްގައި ވަކި ހިސާބަކުން އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެ ނައްޓަވަން ފެއްޓި މަންޒަރު މީސްމީޑިއާގައި ވައިރަލްވުމުން ބަޔަކު މީހުނައް ކަމަކު ނުދިޔައެވެ. އެމަނިކުފާނަށް ފުރައްސާރަވާ ގޮތަށް ކޮމެންޓްކޮށް ޖޯކުޖެހީއެވެ. އެމަނިކުފާނަށް ޖޯކުޖެހީ، ގަނާކުރުމާއި މީހުންނަށް ފުރައްސާރަކުރުމުގައި ސޯޝަލްމީޑިއާގައި ހޭބޯނާރާ އުޅޭ މީސްތަކުންގެ ތެރެއިން ބައެކެވެ.

ސޯޝަލްމީޑިއާގައި ދައުރުވި ވީޑިއޯއަކީ އިވެންޓް ކަވަރުކުރަން އއ. ތޮއްޑުއަށް ދިޔަ ވީމީޑިއާގެ ނޫސްވެރިޔަކު މިނިސްޓަރ މައުސޫމަށް ސާބަސްދީ ފޭސްބުކްގައި ހިއްސާކުރި ވީޑިއޯއެކެވެ. ހުއްދައެއް ވެސް ނެތި ދެއުޅިއެއްނުވާ ބަޔަކު އެ ވީޑިއޯ އަމިއްލަ ޕްލެޓްފޯމްތަކުގައި ޕޯސްޓްކޮށްގެން އެ ކުރީ ކޮންމެއަކަސް ވަރަށް ވިޔާނުދާ ކަމެކެވެ.

ދަންނަންޖެހޭ ހަގީގަތަކީ މިއީ ފުރައްސާރަކޮށް ޖޯކުޖަހާވަރުގެ ކަމެއް ވެސް ނޫނެވެ. ބޮޑުބެރުޖެހުމަކީ ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ އެންމެ ހާއްސަ އެއް ކަމެވެ. އޭރު ވެސް އަދި މިހާރުވެސް އެންމެ ފޯރީގައި ދިވެހިން ކުޅޭ އެންމެ ފޯރިގަދަ އެއް ކުޅިވަރެވެ. ބޮޑުބެރުގެ އަޑު ޖެހުމުން ދިވެހީންގެ ލެޔާ ކުޅެލައެވެ. ދިވެއްސަކު ނަމަ ހަމަ ޔަގީނުން ވެސް ބޮޑުބެރުގެ އަޑުޖެހޭ ހިނދު ހިމޭނަކުން ނުހުރެވޭނެއެވެ.

ދިވެހިންގެ ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި، ބޮޑުބެރުޖެހުމުގެ އިތުރުން، ގާއޮޑިލަަވަޔަށް ނެށުން، ލަނގިިރިޖެހުން، މަގުމަތީ ލަނގިިރި ޖެހުުން ހިމެނެއެވެ. ބެރުޖެހުމުގެ ވެސް ތަފާތު ވައްތަރުތައް ހިމެނެއެވެ. އެ ގޮތުން، ދިވެހިންނަކީ ޖާދަރާބެރު، ޗަބްކާބެރު، ކެމްޓާބެރު، ފުސްތޮއި ބެރު، ތޮއްޑޫބެރުފަދަ ތަފާތު ބެރުޖަހައި އުޅުނު ބައެކެވެ. އަދި ޖަހާ ކޮންމެ ބެރަކަށް ފައި ހަމަކޮށް ފަރި ހަރަކާތުގައި ނެށުމަކީ ވެސް ދިވެހިންނަށް ލިބިފައިވާ ހުނަރެކެވެ. ފަންނެކެވެ.

އެހެންވީމާ ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް، ރާއްޖޭގެ ޓުއަރިޒަމްގެ ރަންޔޫބީލްގައި ރާއްޖޭގެ ރަށެއްގައި 50 ވަނަ ގެސްޓްހައުސް ހުޅުވި ޚިދުމަތްދޭން ފެށުމުން އެކަމުގެ އުފަލުގައި ވަޒީރަކު ތެދުވެވަޑައިގެން ބޮޑުބެރު ލަވަޔަކަށް ނެއްޓެވުމަކީ ޔަގީނުން ވެސް ގިނަ ބަޔަކަށް މައްސަލައަކަށް ނުވާނެއެވެ. އެޢީ މައްސަލައެއް ވެސް ނޫނެވެ.

މީގެ ކުރިން ވެސް މިފަދަ ފޯރިގަދަ ހަފްލާތަކާއި ޖަލްސާތަކުގައި ރާއްޖޭގެ ބައެއް ސިޔާސީ ބޭފުޅުން ނައްޓަވާފައި އެބަ ހުއްޓެވެ. އޭގެ އެއް މިސާލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށަކަށް ވަޑައިގެން ބަޔަކާ އެއްކޮށް ނެއްޓެވިނެއްޓެވުމެވެ. ނަޝީދު ނެއްޓެވުމުން ވެސް ގިނަ ބައެއްގެ ސަމާލުކަން އެމަނިކުފާނަށް ހުއްޓުނެވެ. ވީޑިއޯ ވެސް ސޯޝަލްމީޑިއާގައި ދައުރުވިއެވެ.