މާލޭ މަގުތަކުގައި ޕާކްކުރަން ދަތިވާ ގޮތަށް ބަހައްޓާފައި ހުރި 195 ޕެލެޓް މިހާތަނަށް ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭގެ ގޭގެއަށާއި ފިހާރަތަކަށް ވަނުމަށް ފަސޭހައަކަށް މަގުގެ އެއްކައިރީގައި ޕެލެޓް ބެހެއްޓުމަކީ ޒަމާންވީ މައްސަލައެކެވެ. އޭގެ ސަބަބުން ވެހިކަލް ޕާކް ކުރުމަށް ގިނަ ދަތިތަކަކާ ކުރިމަތިވެއެވެ.

ސިޓީ ކައުންސިލުން ނިންމީ ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި އެ ސަރަހައްދު ބްލޮކްވާ ގޮތަށް ބަހައްޓާ ޕެލެޓުތައް ނެގުމަށެވެ.

މަގުތަކުގައި ޕެލެޓް ބަހައްޓަނީ ޕޭމަންޓަށް އަރަން އުނދަގޫވާތީ އެކަން ހައްލު ކުރުމުގެ ގޮތުން ކަމަށް ގިނަ ރައްޔިތުން ބުނެއެވެ. އަދި މިހާރު އެކަމަށް ވެސް ގޮތްތަކެއް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

އެފަދަ ތަންތަނަކީ ޕާކު ކުރުން މަނާ ސަރަހައްދެއްކަން އަންގައިދިނުމަށް އެ ސަރަހައްދުތަކުގައި ސިޓީ ކައުންސިލުން ދެ ރޮނގު ކުރަހައިދޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. މުދާ ބާލާ އެރުވުމަށް ޖާގަ ބޭނުންނަމަ ސިޓީ ކައުންސިލަށް ހުށަހެޅުމުން، ކުލި ދައްކާގޮތަށް ސްލޮޓް ދޫކުރާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.