އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އައްޑޫ ސިޓީގައި އަޅާ އެލްޑަލީ ވިލެޖްގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝިހާބު ވިދާޅުވެޖެއެވެ.

ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރު ޝިހާބު ވިދާޅުވީ، އެލްޑަލީ ވިޖެލްގެ މަސައްކަތުގެ ދަށުން އެ މިނިސްޓްރީން އެލްޑަލީ ކެއާ ކޮމިއުނިޓީ ސެންޓަރެއް އައްޑޫ ސިޓީ ފޭދޫގައި އެޅުމަށް މިހާރު މަސަކަތް ކުރަމުންދާ ކަމަށެވެ.

ޝިހާބު ވިދާޅުވީ މިހާރު އެ ސެންޓަރުގެ މަސައްކަތް އޮތީ ޑިޒައިން ބްރީފް ކުރުމުގެ މަރުހަލާގައި ކަމަށާއި އެ ކޮމިއުނިޓީ ސެންޓަރުން އުމުރުން ދުވަސްވީ މީހުން ދުޅަހެޔޮ ދިރިއުޅުމެއްގައި އުޅުމަށް މަގުފަހިކޮށްދޭ ތަފާތު ހިދުމަތްތައް ދޭނެ ކަމަށެވެ.

"އަޅުގަނޑުނަށް މިހާރުވެސް މާލޭގަ ފާހަގަވާ އެންމެބޮޑު އެއް ކަމަކީ އުމުރުން ދުވަސްވީ ވަރަށް ގިނަ މީހުން ގޭގައި އެބަތިބި. އާއިލާތަކުން އުމުރުން ދުވަސްވީ މީހުން ބަލަމުން އެބަގެންދޭ. އެކަމު އެކަން ކުރާނޭ ގޮތުގެ ތަމްރީން ލިބިފައެއްނެތް އެމީހުންނަކަށް. އެހެންކަމުން އެފަދަ ތަމްރީނުތައް ދެވޭނެ ތާކަށް ވާނެ އެ ސެންޓަރު. އުމުރުން ދުވަސްވީ މީހުންނަށް އެންމެ ރަނގަޅު ހިދުމަތްދޭނެ ގޮތް ދަސްކޮށްދޭ ތަނަކަށް އެތަން ވެގެންދާނެ."
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބު

އެލްޑަލީ ވިލެޖްގެ މަސައްކަތުގެ ދަށުން އޭޖް ކެއާ ހޯމެއް އެޅުމަށް އައްޑޫ ސިޓީ ފޭދޫއިން މިހާރު ބިމެއް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށް ޝިހާބް ވިދަޅުވިއެވެ. އެ ބިމަކީ 3،000 އަކަފޫޓްގެ ބިމެއްކަން ފާހަގަކުރައްވަމުން ޝިހާބް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ވިލެޖް އެޅުމުގެ މަސައްކަތުގެ ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މިއަހަރު ފަހު ކޮޅު ޑިޒައިން ކުރުމުގެ ކޮންސެޕްޓް ނިމޭނެ ކަމަށާއި އެކަން ކުރިއަށްދަނީ އުމުރުން ދުވަސްވީ މީހުންނާއި ކައުންސިލްތަކާއި އަދި އުމުރުން ދުވަސްވީ މީހުންނާއި ގުޅޭ އެކި އިދާރާތަކާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

މި މަސައްކަތް ކުރަން ނިންމާފައިވަނީ އޭޑީޖޭއާއި ގުޅިގެން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.