ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ށ. ޅައިމަގުގައި ކޮމިއުނިޓީ ބީޗް ސަރަހައްދެއް ގާއިމްކޮށްފިއެވެ.

މި ކޮމިއުނިޓީ ބީޗް ގައި ވަނީ ދަތުރުގޮސް އުޅޭ ފަރާތްތަކަށް ފަސޭހަވާނެހެން ބާބަކިއު ހެދޭނެ އިންތިޒާމް ހަމަޖައްސައި، ހަޓާއެކު ބެންޗު ބަހައްޓައި އަދި ޕިކްނިކް މޭޒާއި ޖޯލިވެސް ބަހައްޓާފައެވެ. މީގެއިތުރުން މި ސަރަހައްދުގައި ވަނީ އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށް ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.