ދިވެހިންގެ ތެރޭގައި މަގްބޫލުކަން ހޯދާފައިވާ ބައިސްކޯފްގެ ޓީވީ އެޕްލިކޭޝަން ވަރަށް އަވަހަށް ލޯންޗްކުރާނެ ކަމަށް ބައިސްކޯފުން ބުނެފިއެވެ.

ޓީވީ އަދި ރޭޑިއޯ ޝޯތަކާއި ފިލްމުތަކާއި ޑްރާމާތަކުގެ އިތުރުން މިއުޒިކް ވީޑިއޯތަކާއި ޑޮކިއުމެންޓްރީތަކުގެ ބޮޑު ކަލެކްޝަނެއް އޮންނަ މަޝްހޫރު ބައިސްކޯފްގެ ޓީވީ އެޕްލިކޭޝަން ވަނީ މިކަމަށްޓަކައި މިއަދު ބޭއްވި ހަފްލާއެއްގައި ދައްކާލާފައެވެ.

ޓެލެކޮމިއުނިކޭޝަން ދާއިރާގެ އިސް ފަރާތްތަކާއި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މީޑިއާއަށްވެސް ދައުވަތު ދީގެން ކުރިއަށް ގެންދިޔަ މިހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސް އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ.

ފޮޓޯ: ބައިސްކޯފު

ބައިސްކޯފު ޓީވީ އެޕް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބައިސްކޯފުގެ ކޮންޓެންޓް ބޮޑު ސްކްރީނަކުން ބަލާލުމުގެ ފުރުސަތު ބައިސްކޯފު ބޭނުންކުރާ ފަރާތްތަކަށް ހޯދައިދުން ކަމަށާއި ބައިސްކޯފުގައި ހުރިހާ އުމުރަކާ ގުޅޭ ކޮންޓެންޓް ހިމެނިފައިވާނެ ކަމަށް ބައިސްކޯފުން ބުނެއެވެ.

ބައިސްކޯފުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިރުޝާން ވިދާޅުވީ ބައިސްކޯފުން ޓީވީ އެޕް އާންމުންނާ ހަމައަށް ގެނެސްދޭން ނިންމީ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ކަމަށެވެ. އަދި މިކަމަށްޓަކައި ބައިސްކޯފުގެ ލޯޔަލް ކަސްޓަމަރުންނަށާއި އެކި ގޮތްގޮތުން އެހީތެރިވެދޭ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

"ބައިސްކޯފު އެޕަކީ ރާއްޖޭގައި ހިންގާ އެހެން ސްޓްރީމިންގ ޕްލެޓްފޯމްތަކާއި ވަރަށް ތަފާތު އެޕެއް. މި އެޕަކީ ހައިބްރިޑް އެޕެއް. މާނައަކީ ދުނިޔޭގެވެސް އެންމެ ކުރިއަރާފައިވާ ވަކިވަކި ވީޑިއޯ އަދި އޯޑިއޯ ސްޓްރީމިންގ ޕްލެޓްފޯމްތަކާއި ކޮންޓެންޓް-އާޓިސްޓް ޑޭޓާބޭސް ފަދަ ޕްލެޓްފޯމްތަކުގެ ފީޗާތައް ބައިސްކޯފުގައި ހިމެނާފައިވާނެ."
ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދ މިރުޝާން

ބައިސްކޯފުގެ އެޕް ދައްކާލަމުން ބައިސްކޯފުގެ އާޓް ޑައިރެކްޓަރ ނޫރާ ރަޝީދު ވިދާޅުވީ ޓީވީ އެޕްގައި މޯބައިލް އެޕްގައިވާ ހުރިހާ ފީޗާތަކެއް އެކުލެވިގެން ވާނެ ކަމަށެވެ. އެޕްގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ މިއުޒިކް، ފިލްމް ޓީވީ ސީރީޒް، އޯޑިއޯ ބުކްސް ލައިވް ޓީވީ ޗެނަލްތަކުގެ އިތުރުން ތަފާތު ޖޯންރާތަކުގެ ގިނަ އަދަދެއްގެ އޯޑިއޯ އަދި ވީޑިއޯ ކޮންޓެންޓް ހިމެނޭނެކަމަށްވެސް އޭނަ ވިދާޅުވިއެވެ. މީގެ އިތުރުން އެޕްގެ ތެރެއަށް މުޅިން އަލަށް ކޮންމެ އަތޮޅެއްގައި ހިމެނޭ އެންމެ ހިނގާ ލަވަތައް ބަލާލެވޭ ގޮތަށް އެޓޯލް ޗާޓްސް" ފީޗާ ހިމަނާފައިވާކަން ނޫރާ ފާހަގަކުރެއްވިއެވެ.

ފޮޓޯ: ބައިސްކޯފު
"ޓީވީ އެޕް އާންމުކުރެވޭ ހިސާބުން ބައިސްކޯފުގެ ކޮންމެ އެކައުންޓެއް 02 ޑިވައިސްގައި (ފޯނާއި ޓީވީ) ބޭނުންކުރެވިގެންދާނެ. އަދި އެޕްގެ ’ކޮންޓިނިއު ވޮޗިންގ‘ ފީޗާގެ ސަބަބުން އެމީހަކު ބަލަމުންދާ ޑިވައިސް ބަދަލުވިކަމުގައި ވީ ނަމަވެސް އެންމެ ފަހުން ބެލި ހިސާބުން ފެށިގެން ކުރިއަށް ދެވޭނެ
އާޓް ޑައިރެކްޓަރ ނޫރާ މުހައްމަދު

މި ހަފްލާގައި ބައިސްކޯފަށް އަލަށް ރިލީޒްކުރާ ކޮންޓެންޓް ތަކާއި އަލަށް އަންނަން ހުރި ކޮންޓެންޓްތަކުގެ ޓީޒާ ވަނީ ދައްކާލާފައެވެ.

ފޮޓޯ: ބައިސްކޯފު

އެގޮތުން މިއަދުގެ މި ހަފްލާގައި ބައިވެރިވި ފަރާތްތަކަށް ވަނީ ބައިސްކޯފުން އަލަށް ފަށާ ޑްރާމާ ސީރީޒް "އޮފިސް ލޯބި"ގެ ފުރަތަމަ އެޕިސޯޑް ދައްކާލާފައެވެ. މިއީ ޑައިރެކްޓަރ އަމީނާ މުހައްމަދު (އަމީ)ގެ ޑައިރެކްޝަންއެކެވެ. މި ޑްރާމާ ސީރީޒް ފެންނާނީ ބައިސްކޯފުގެ ޓީވީ އެޕްލިކޭޝަން މެދުވެރިކޮށެވެ.

ފޮޓޯ: ބައިސްކޯފު

ބައިސްކޯފުގެ މޮބައިލް އެޕްލިކޭޝަން 12 ނޮވެމްބަރ 2018 ގައި އާންމުކޮށްފައިވާއިރު، ބައިސްކޯފު ކަސްޓަމަރުންގެ އަދަދު 150،000 ވަނީ އިން މައްޗަށް އަރާފައެވެ. އަދި މި އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަމަށް ބައިސްކޯފުން ބުނެފައެވެ.

ބައިސްކޯފަކީ ރާއްޖޭގައި މިވަގުތު އެންމެ ކުރިއަރާފައިވާ އަދި ނަން ހިނގާ ސްޓްރީމިންގ ޕްލެޓްފޯމެވެ. ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ބައިސްކޯފު އެޕް ސްޓްރީމްކުރެވޭނެއެވެ. ބައިސްކޯފު ޓީވީ އެޕް ވަރަށް އަވަހަށް އާންމުންގެ ގޭގެ ސިޓިންގރޫމާ ހަމަޔަށް ފޯރާނެއެވެ.