ކަރަންޓުގެ ޚިދުމަތުގެ އަގު ތިރި ކުރުމުގެ ގޮތުން ސްޓެލްކޯއާއި ފެނަކައަށް ތެޔޮ އެތެރެ ކުރުމުގެ ހުއްދަ ދޭން ގޮވާލައި ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

މެމްބަރު ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ތެލުގެ ދަތިކަން ދިމާވެދާނެ ކަމަށް ބަލާފަ އެކަމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފެލެމުން ދަނީ ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެހެން ބާރުތަކުން ރަޝިއާއަށް ފިޔަވަޅު އަޅާތީ ރަޝިއާގެ ތެލުގެ އެކްސްޕޯޓަށް ގެންނަ ބަދަލުތަކާއި ގުޅިގެންނެވެ.

ޖާބިރު ވިދާޅުވީ، ތެޔޮ އެތެރެ ކުރަނީ ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓީއޯއިން ކަމަށާއި އެސްޓީއޯއިން ތެޔޮ ގަނެގެން ކަރަންޓު ކުންފުނިތަކުން އެ ޚިދުމަތް ދޭނަމަ އޭގެ އަގު އުފުލިދާނެ ކަމަށެވެ.

އެހެންވެގެން ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ސްޓެލްކޯގައި ތެޔޮ ރައްކާ ކުރެވޭނެ ވަސީލަތްތައް ހުރި ކަމަށް ބެލެވޭތީ އެ ކުންފުންޏާއި ފެނަކައަށް ވެސް ތެޔޮ އެތެރެ ކުރުމުގެ ހުއްދަ ދިނުމަށެވެ.

މި މައްސަލައަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެމްބަރުންނެވެ. ބަހުސަށް ހުޅުވާލުމުގެ ބަދަލުގައި މައްސަލަ ބޭރުކޮށްލަން 28 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.