ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މެޖިސްޓްރޭޓް ކޯޓުތަކުގައި ޖިނާއީ ދައުވާ ހުށަހެޅުމަށް ކޯޓުތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވޭނެ އޮންލައިން ވިއުގައެއް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ގާއިމުކޮށްފިއެވެ.

މި ވިއުގައިން ރާއްޖޭގެ 187 ރަށުގެ މެޖިސްޓްރޭޓް ކޯޓު ވަނީ ގުޅާލާފައެވެ. މި ވިއުގަ މެދުވެރިކޮށް ރައްކާތެރި އަދި ފަސޭހަކަމާއެކު ލިޔެކިޔުންތައް ފޮނުވޭނެއެވެ.

މިއާއެކު ޝަރީއަތް ހިންގުން އަވަސްވެ، ކަނޑައެޅިފައިވާ މުއްދަތުގައި ދައުވާ އުފުލުމާއި ލިޔެކިޔުންތައް ފޮނުވުމުގައި ދިމާވާ ބައެއް އިދާރީ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ. މި ސިސްޓަމް މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ވެސް ބޭނުން ކުރަމުންނެވެ.

މި ސިސްޓަމް ބޭނުންކުރަމުންދާނީ އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމް ގާއިމްކުރެވެންދެންނެވެ.

އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމް ނިމުމާއެކު އިލެކްޓްރޯނިކް ފައިލިންގ ތައާރަފްވެ މައްސަލަ ހުށަހެޅުމުގެ ކަންކަން އޮޓޮމޭޓް ވެގެންދާނެއެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި އިދާރީ މައްސަލަތައް ގިނަވުމުގެ ސަބަބުން ޝަރީއަތްތައް ލަސްވުމާއި މެދުކެނޑުން ފަދަ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.