އިހަވަންދިއްޕޮޅުގެ ތަރައްގީގެ ވާހަކައަކީ ސިޔާސީ ވާހަކައެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވީ އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީކުރެވޭނެ މަގެއް ހޯދުމަށްއެދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅި ގަރާރަށް އިގްތިސާދީ ކޮމެޓީން ނެރުނު ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.

އިހަވަންދިއްޕޮޅުގެ ތަރައްގީގެ ވާހަކައަކީ ސިޔާސީ މީހުން ސިޔާސީ މަންފާ ހޯދަން ދައްކާ ވާހަކަ ކަމަށާއި 1993 ވަނަ އަހަރުން ފެށިގެން އިހަވަންދިއްޕޮޅުގެ ހުވަފެން ދައްކައިގެން އެ ސަރަހައްދުގެ ރައްޔިތުންގެ ލޮލޮގައި އަނދުން އަޅުވާކަމުގެ ތުހުމަތު މެމްބަރު ވަނީ ކުރައްވާފައެވެ.

އަދި މިދިޔަ ސަރުކާރުންވެސް އައި ހެވަން ނަމުގައި މަޝްރޫއެއް ކުރިއަށްގެންދިޔުމުގެ ފޮނި ހުވަފެން ދެއްކި ކަމަށާއި އޭރުވެސް އެކަން ކުރަން ބޭނުންވި ނަމަ އެކަން ކުރެވުނީސް ކަމަށް މެމްބަރު ވިދާޅުވިއެވެ.

އޭގެ ކުރިން 1993 ވަނަ އަހަރުން ފެށިގެންވެސް ކުރަން ބޭނުންވިނަމަ ކުރެވުނީސް. ހުޅުމާލެ ހިއްކިއްޖެ. ގުޅީފަޅު ހިއްކިއްޖެ. މާލޭގަ ބްރިޖެއް އެޅިއްޖެ. ކީއްވެބާ ތިލަދުންމަތީގައި ކުރަން ބޭނުންވާ ކަމެއްވީމަ ނުކުރެވިގެން މިއުޅެނީ؟. އެއީ ތިލަދުންމަތީ މީހުންނަށް ސަރުކާރުން ކޮށްދޭން ބޭނުންނުވާތީ ކޮންމެ ސަރުކާރަކުންވެސް ބަހަނާ ދައްކައިގެން މިކަން ކޮށްދޭން ބޭނުންނުވަނީ ތިލަދުންމައްޗަށް. އެ ޕްރޮޖެކްޓް އައިސްފިނަމަ ޓޫރިޒަމަށް ފައިދާއެއްވެ މާލެ ރައްޔިތުންނަށްވުރެ ތިލަދުންމަތީ ރައްޔިތުންގެ ޖީބުތައް ތަނަވަސްވެދާނެތީ އެކަމާ ބިރުން މާލޭ ސަރުކާރުތަކުން ބޭނުމެއްނުވާނެ ތިލަދުންމައްޗަށް މިވަރުގެ ޕްރޮޖެކްޓެއް ގެންނާކަށް."
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ

މެމްބަރު ވަނީ މި ސަރުކާރުންވެސް އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމުގެ މަސައްކަތް ނުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މެމްބަރުގެ ނުރުހުން ސަރުކާރަށް އަމާޒުވިއިރު އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިކޮނަމިކް މިނިސްޓްރީން އިޢުލާންކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ގާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައެވެ. އިކޮނަމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތުފާލަމެއް ގާއިމްކުރުމަށް ރާވާފައިވާ ކަމަށެވެ.

އަދި އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ކެޕޭސިޓީ ގާއިމްކުރުމަށް އަމާޒު ހިފާފައިވާ ކަމަށާއި މި މަޝްރޫއުއަށް 466 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މި މަޝްރޫއު ކާމިޔާބުކަމާއެކީ ތަންފީޒްކުރެވިއްޖެނަމަ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އިގްތިސާދީ ތަރައްގީ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުގައި އިގްތިސާދީ ވަރުގަދަ ހަބެއް ގާއިމްކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.