މި ސީޒަން ނިމުމުން ޕްރޮޮފެޝަނަލް ފެންވަރުގައި ރެފްރީކަން ކުރުން ހުއްޓާލަން ނިންމާފައިވާކަން އިނގިރޭސިވިލާތުގެ މަޝްހޫރު ރެފްރީ މައިކް ޑީން ހާމަކޮށްފިއެވެ.

އިނގިރޭސި މީޑިއާތަކުން ވަނި ޑީން އާއި ހަވާލާދީ މި ސީޒަން ނިމުމުން އޭނާ ޕްރޮފެޝަނަލް ފެންވަރުގައި ރެފްރީކަން ކުރުން ހުއްޓާލަން ނިންމާފައިވާކަން ކަށަވަރުކޮށްދީފައެވެ.

އުމުރުން 53 އަހަރުގެ ޑީން އަކީ ރެފްރީކަން ކުރުމުގައި ރެކޯޑުތަކެއްވެސް ހަދާފައިވާ މޮޅު، މަޝްހޫރު ރެފްރީއެކެވެ. އެގޮތުން ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ފުޓުބޯޅަ ލީގު ކަމުގައިވާ އިނގިރޭސި ޕްރިމިއަރ ލީގުގައިވެސް އޭނާ ރެކޯޑުތަކެއް ހަދާފައިވެއެވެ. ޑީން އަކީ ޕްރިމިއަރ ލީގުގައި އެންމެ ގިނަ މެޗުގައި އިންސާފުކުރުމުގެ ރެކޯޑާއި އެންމެ ގިނަ ރަތް ކާޑު ދެއްކުމުގެ ރެކޯޑް އޮތް އިނގިރޭސި ރެފްރީއެވެ. 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރެފްރީކަން ކުރި ޑީން ވަނީ ޕްރިމިއާ ލީގުގެ 553 މެޗެއްގައި ރެފްރީކަން ކޮށްފައެވެ. އަދި އެ މެޗުތަކުގައި ޖުމްލަ 114 ރަތް ކާޑު އޭނާ ދައްކާފައިވެއެވެ.

22 އަހަރު ޕްރިމިއަރ ލީގުގައި ރެފްރީކަން ކުރުމަށްފަހު ޑީން ދަނޑުމަތީގައި ރެފްރީކަން ކުރުން ހުއްޓާލި ނަމަވެސް، އޭނާ ވަނީ ރޮފެޝަނަލް ގޭމް މެޗު އޮފިޝަލްސް (ޕީޖީއެމްއޯއެލް)އާ މަޝްވަރާކޮށް، އަންނަ ސީޒަނުން ފެށިގެން ވީޑިއޯ އެސިސްޓަން ރެފްރީ (ވީއޭއާރް)ގެ އޮފިޝަލްކަން އެކަނި ކުރާގޮތަށް ކެރިއަރު ކުރިއަށް ގެންދަން ހުށަހަޅައިފައެވެ. އެހެންކަމުން ދަނޑުމަތީގައި ރެފްރީ އެއްގެ ގޮތުގައި ޑީން ނުފެނުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ފުޓުބޯޅަ އަށް ޑީންގެ އެހީތެރިކަން ލިބިގެންދާނެއެވެ.

ޑީން ވަނީ ފާއިތުވީ އަހަރު ކުޅުނު ޔޫރޯ 2020 މުބާރާތުގެ ކުރިންވެސް ރިޓަޔަރކުރަން ނިންމާ އެކަން އިއުލާން ކޮށްފައެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. ޑީން ނިންމުން ބަދަލުކޮށްފައިވަނީ ޕީޖީއެމްއޯއެލްގެ ޗީފް، މައިކް ރައިލީގެ އެދުމުގެ މަތިންނެވެ. ރައިލީ ހުށަހެޅީ އިތުރު އެއް އަހަރު ޑީން ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ.