ސްޕެއިން އިން މިމަހުގެ ތެރޭގައި ކުޅެންހުރި ބައިނަލްއަގްވާމީ މެޗުތަކަށް އެކުލަވާލި ސްކޮޑުން، މެންޗަސްޓަރ ޔުނައިޓެޑުގެ އިތުބާރު ކީޕަރު ޑޭވިޑް ޑެހެއާ އާއި ޗެލްސީގެ ޒުވާން ކީޕަރު ކެޕާ އަރިއްޒަބަލާގާ ބީކީކޮށް ސްކޮޑު އިއުލާން ކޮށްފިއެވެ.

ކޯޗު ލުއިސް އެންރީކޭ ސްޕެއިން އަށް އެކުލަވާލި ސްކޮޑުގައި ކީޕަރުންގެ ގޮތުގައި ހިމަނާފައިވަނީ ބްރެންޓްފޯޑްގެ ކީޕަރު ޑާވިޑް ރާޔާ، ބްރައިޓަން ހޯލްވް އެންޑް އަލްބިއަންގެ ރޮބާޓް ސަންޗޭޒް އަދި އެތުލެޓިކް ބިލްބާއޯގެ އުނާއި ސިމޯން އެވެ.

ސްކޮޑުން ޑެހެއާ ބާކީ ކޮށްފައިވާއިރު އޭނާ އެންމެފަހުން ސްޕެއިން ޓީމަށް ކުޅެފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އަދިނޮވެމްބަރު މަހު ސްޕެއިން އިން އެކުލަވާލި ސްކޮޑުގައި ޑެހެއާ ހިމެނު ނަމަވެސް އޭނާއަށް ކުޅުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. ސްކޮޑުން ފުރުސަތު ނުލިބުނު ނަމަވެސް އަދި ޔުނައިޓެޑުން މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އައި ނަމަވެސް، ޑެހެއާ އަންނަނީ ޔުނައިޓެޑުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެގޮތުން އޭނާ ވަނީ ޔުނައިޓެޑް ކޮޅަށް ވަންނަ ލަނޑުތައް މަދު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ހާއްސަކޮށް ޔުނައިޓެޑްގެ ޑިފެންސް ލައިނަކީ މި ސީޒަނުގައި އިނގިރޭސި ލީގުގައި އެންމެ ނިކަމެތިކޮށް ފެންނަ ޑިފެންސްލައިނަށްވާއިރު ގިނަ މެޗުތަކުގައި އެޓީމު ކޮޅަށް ވަންނަންދާ ލަނޑުތައް ވަނުމަށް، ޑެހެއާ ބުރަ މަސައްކަތްތަކެއް ކޮށް، އެ މަސައްކަތްތަކުގައި ކާމިޔާބީވެސް ހޯދާފައިވެއެވެ.

ސްޕެއިންގެ ސްކޮޑަށް މުޅިން އަލަށް ނެގި ކީޕަރު ޑާވިޑް ރާޔާ އާއި ގުޅޭގޮތުން ވާހަކަދައްކަމުން އެންރީކޭ ބުނީ، ރާޔާ އަންނަނީ ކްލަބް ލެވެލްގައި ތަފާތު މޮޅު ކުޅުމެއ ދައްކަމުން ކަމަށާއި، އެހުނަރު ގައުމީ ފެންވަރުގައިވެސް ރާޔާގެ ފަރާތުން ދެކެން ބޭނުންވާތީ އޭނާއަށް ފުރުސަތު ދިނީ ކަމަށެވެ.

އަދި ރާޔާ އަކީ މުސްތަގްބަލުގައި ސްޕެއިންގެ ގައުމީ ޓީމުގެ ގޯލު ބެލެހެއްޓުމުގައި ފޭވަރިޓަކަށް ވާނެކަމަށާއި، އެކަމުގައި ގާބިލްކަމާއި ހުނަރު އެބަހުރި ކަމަށްވެސް އެންރީކޭ ބުނެފައިވެއެވެ.

މީގެއިތުރުން އެންރީކޭ ބުނީ، ސްޕެއިންގެ ކީޕަރުންގެ ފަރާތުން އަބަދުވެސް ފެނިގެންދާ އެތައް ކޮލިޓީއެއް ރާޔާގެ ފަރާތުންވެސް ފެންނަ ކަމަށާއި، އެގޮތުން ބޯޅަ ގެންގުޅުމުގެ ހުނަރާއި މެޗުގެ ސިޓުއޭޝަން ދެނެގަނެ ކަންކަމަށް ހައްލު ހޯދުމުގެ ހުނަރު ރާޔާގެ ކިބައިގައި ހުރިކަމަށެވެ. އަދި މިއީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވާނެ ކަމަކަށްވީނަމަވެސް، ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗިންގ ސްޓާފުން މިކަމާ ހައިރާން ނުވާނެކަމަށް އެންރީކޭ ބުންޏެވެ.

ސްޕެއިންގެ ގައުމީ ޓީމުން ފުރުސަތު ލިބުނު އެހެން ކުޅުންތެރިންނަށް ބަލާލާއިރު، ބާސާގެ ޒުވާން އުންމީދީ މިޑްފީލްޑަރު ޕެޑްރީ އާއި ޗެލްސީގެ ލެފްޓް ބެކް މާކޯސް އެލޮޮންސޯގެ އިތުރުން އެތްލެޓިކޯ މެޑްރިޑުގެ މާކޯސް ލޮރެންޓް ފާހަގަކޮށްލެވެއެވެ.

އެހެންނަމަވެސް ސްޕެއިންގެ ކެޕްޓަން ބޭންޑް އަޅައިގެން ފަހަކަށް އައިސް ކުޅެމުން އަންނަ ބާސާގެ ތަޖުރިބާކާރު މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އަށް ޓީމުން ފުރުސަތުދީފައެއް ނުވެއެވެ. ބުސްކެޓްސް އަށް ފުރުސަތު ނުދިނީ އޭނާއަށް އަރާމު ކުރުމަށް ވަގުތު ދިނުމުގެ ގޮތުންކަމަށް އެންރީކޭ ބުނެފައިވެއެވެ.

އިންޓަނޭޝަނަލް ބްރޭކުގައި ސްޕެއިން އިން ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެމެޗެއް ކުޅެން ރާވަލުކޮށްފައިވެއެވެ. އެގޮތުން މިމަހުގެ 26 ވަނަ ދުވަހު އަލްބޭނިއާ އާއި ދެކޮޅަށް ކުޅޭއިރު މިމަހުގެ 29 ވަނަ ދުވަހު އައިސްލޭންޑާއި ދެކޮޅަށް ނުކުންނާނެއެވެ.