ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި މިހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުމަށް، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ތައްޔާރުވާން ފަށާ، ފަރިތަކުރުންތައް ކުރިއަށް ގެންދަން ފަށައިފިއެވެ.
ފީފާގެ ކަލަންޑަރު ތާރީހެއްގައި ކުޅޭ މިމެޗު ކުޅޭނީ އަމިއްލަ ފަސްގަނޑުގައި، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. އެހެންނަމަވެސް އަމިއްލަ ދަނޑުގައި މިމެޗު ކުޅުނަސް އެއީ ދިވެހި ޓީމަށް ބޮޑު އެޑްވާންޓޭޖަކަށް ނުވާނެއެވެ. ލިބިފައިވާ އެޑްވާންޓޭޖުގެ ބޭނުން ގައުމީ ޓީމަށް އެންމެ ފުރިހަމައަށް ހިފޭނީ، އެބަޔަކަށްޓަކާ ތާއަބަދު ދިވެހި ފުޓުބޯޅަ އާއިލާއިން ޝުކުރުވެރިވާ ދިވެހި ސަޕޯޓަރުންގެ ފުރިހަމަ އެއްބާރުލުމާއި ސަޕޯޓު ލިބިގެންނެވެ.
ދިވެހިންނަކީ ގައުމީ ފުޓުބޯޅަ ޓީމުން މެޗެއް ކުޅޭނަމަ، އާންމު ދިރިއުޅުމުގެ އެންމެހާ ކަންތައްތަކެއް އެއްފަރާތް ކޮށްލުމަށްފަހު، ކުޅުންތެރިންނެކޭ އެއްފަދައިން ތައްޔާރުވާ ބައެކެވެ. ރަތާއި ފެއްސާ ހުދުގެ ކުލަތަކުން ޖަރީވެ، ގަލޮޅު ދަނޑު އެއްކޮށް ފުރާލާ، ދިވެހިން ގައުމީ ޓީމަށްދޭ ސަޕޯޓުގެ އަޑަކީ އެ ސަޕޯޓުގެ އަޑުގަދަ، ނަތީޖާ ނެރެވޭ، ވަރުގަދަ އަޑެކެވެ. އިދިކޮޅަށް ނުކުންނަ ޓީމުތައް އެ އަޑުގެ ސަބަބުން ފަހަތަށްޖެހި ޖެހިލުންވާ ވަރުގެ ގަދަފަދަ އަޑެކެވެ.
އެކަމުގެ ހެއްކަކީ، 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ދެކޮޅަށްކުޅުނު ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗުން އެކަން ފާހަގަކުރުމެވެ. ސަޕޯޓަރުންގެ ގައުމީ ވަންތަ ސަޕޯޓުގެ އަޑުގެ ސަބަބުން، ދަނޑުމަތީގައި ކުޅޭ ކުޅުންތެރިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާކަން އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީ ލަންކާގެ ކޯޗުންނާއި ކުޅުންތެރިންވެސް ފާހަގަކުރިއެވެ.
ދިވެހި ޓީމުން ލަނޑެއްޖަހާ ކޮންމެ ފަހަރަކީ މުޅި ދަނޑު ގުގުމާލާ، އިދިކޮޅު ޓިމު އިތުރު ޕްރެޝަރަކަށް ވަށްޓާލާވަރުގެ ކަމަކަށް ހަދަނީ ހަމަ ދިވެހި ސަޕޯޓަރުންނެވެ. އެ ދައްކާ ޖޯޝާއި، އެނެރޭ ހިތްވަރުންނެވެ. ބައިކޮޅަށް ލަނޑެއް ވަދެފައި އޮތްނަމަވެސް، ކުޅުންތެރިން މާޔޫސްވިޔަ ނުދީ، އެ ކުޅުންތެރިންނަށް ޓީމުގެ ފަހަތުގައި ދެގޮތެއްނުވާ ސަޕޯޓަރުންތަކެއް ތިބިކަން ކޮންމެ ފަހަރެއްގައިވެސް ސާބިތުކޮށްދެއެވެ.
ބުރާސްފަތި ދުވަހުގެރޭ ގައުމީ ޓީމުން ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ މެޗަކީ އެކުވެރިކަމުގެ މެޗެއް ކަމުގައިވީނަމަވެސް، މިއީ ދިވެހި ފުޓުބޯޅައަށް މުހިންމު މެޗެކެވެ. މިކަމުގައި ދެ ސަބަބެއް އެބައޮތެވެ.
18 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބަންގްލަދޭޝް އަތުން ބަލިވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު
ރާއްޖޭން އެންމެފަހުން ބަންގްލަދޭޝް އާއި ދެކޮޅަށް މެޗެއް ކުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި، ލަންކާގައި ބޭއްވި ފޯނޭޝަންސް ކަޕުގައެވެ. އެމެޗުގައި ދިވެހިން މާޔޫސްކޮށްލީ 1-2 ގެ ނަތީޖާއަކުން ދިވެހި ޓީމު ބަލިވުމުންނެވެ. މިއީ ފާއިތުވި 18 އަހަރު ތެރޭގައި ސީނިއާ ފުޓްބޯޅައިގައި ބަންގްލަދޭޝް އަށް ރާއްޖޭގެ މައްޗަށް ހޯދުނު ފުރަތަމަ މޮޅެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އަތުން ބަންގްލަދޭޝްގެ ޒުވާން ޓީމު ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގައި ޕެނަލްޓީ ޖަހައިގެން މޮޅުވެފައިވެއެވެ.
ބަންގްލަދޭޝް އަތުން ބަލިވުމަކީ ދިވެހިންނަށް ބަލައިގަންނަން ދިތިވި ކަމަކަށްވިއެވެ. ބައެއް ފަރާތްތަކުން ދިވެހި ޓީމަށް ނުރުހުމުގެ ބަސްތައްވެސް ބުނަމުންދިޔައެވެ. ދިވެހި ޓީމަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. 18 އަހަރުގެ ކާމިޔާބަށް ނިމުމެއް އައުމުން އެކަމާވީ ދެރައެއްގެ ބޮޑުކަމުންނެވެ.
އެހެންނަމަވެސް އެއީ އަމިއްލަ ފަސްގަނޑުން ބޭރުގައި، އުނދަގޫ ހާލަތެއްގައި އޮވެ ރާއްޖެއިން ކުޅުނު މެޗެކެވެ. އައު ކޯޗަކާއިއެކު ތަފާތު ތަޖުރިބާއެއް ކުރަން ޖެހުނު މުބާރާތެއްގައެވެ.
މިފަހަރުގެ ހާލަތު ތަފާތެވެ. މިފަހަރު ކުޅޭނީ އަމިއްލަ ފަސްގަނޑުގައެވެ. ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައެވެ. ގައުމީ ޓީމަކީ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ތަފާތު ދައްކާ ޓީމެކެވެ. އެންމެފަހުގެ ސާފް ޗެމްޕިއަންޝިޕުގައިވެސް ދިވެހި ޓީމުން ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ފަސްގަނޑުގައި ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދާފައިވެއެވެ. 0-2 ގެ ނަތީޖާއަކުންނެވެ.
މިފަހަރު ދިވެހިން ނުކުންނާނީ ބަންގްލަދޭޝް ކައިރިން ބަދަލު ހިފާ، ދިވެހި ގައުމީ ޓީމަކީ ތޯތޯ ޓީމެއް ނޫންކަން ސާބިތުކޮށްދިނުމުގެ އަޒުމުގައެވެ.
މޮރިއެރޯގެ އިރުޝާދުގެ ދަށުން ގަލޮޅު ދަނޑުގައި ފުރަތަމަ މެޗު
ގައުމީ ޓީމުގެ ކޯޗުކަމާއި އިޓަލީގެ ފްރެންޗެސްކޯ މޮރިއެރޯ ހަވާލުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުއެވެ.
ޓީމާއި ހަވާލުވެ، އެންމެ ބޭނުންވާ ވަރަށް ވަގުތު ނުލިބި މޮރިއެރޯ ޖެހުނީ ގައުމީ ޓީމާއެކު ލަންކާ މުބާރާތުގައި ކުޅޭށެވެ. މިކަންވީ ޓީމު ރަނގަޅަށް ދަސްނުވެ ހުރުމުން މޮރިއެރޯ އަށް ބޮޑު ޗެލެންޖަކަށެވެ. ރާއްޖެ ޓީމަށް އެންމެ އެދެވޭ ނަތީޖާ ނުނެރެވުނީ އެހެންވެ ކަމަށްވެސް ވެދާނެއެވެ.
އެމުބާރާތުގެ ފަހުން ގައުމީ ޓީމުން ރާއްޖޭގައި، އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ ޓީމުތަކާއެކު ތަމްރީން މެޗުތަކެއް ކުޅެފައިވެއެވެ. އެހެންނަމަވެސް ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ މެޗަކީ މޮރިއެރޯ އަށް މާލޭގައި، ގަލޮޅު ދަނޑުގައި ޓީމަށް އިރުޝާދުދޭން ލިބޭ ފުރަތަމަ މެޗެވެ.
އެހެންކަމުން މިއީ މޮރިއެރޯ އަށް ރާއްޖޭގެ ގައުމީ ޓީމާއެކު ނަތީޖާ ނެރެވިދާނެ ކަމާއިމެދު ސުވާލު އުފައްދާ ފަރާތްތަކަށް ރަނގަޅު ރަށްދެއް ދޭން ލިބޭ ރަނުގެ ފުރުސަތަކަށް ވާނެއެވެ.
އަދި ބަންގްލަދޭޝް އަތުންވީ ބަލީގެ ރަށްދުދީ، ދިވެހިން ހެއްވާލަން މިއީ މޮރިއެރޯ އަށްވެސް އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަށްވެސް ފަހިވި ބޮޑު ފުރުސަތެކެވެ.
ދިވެހި ސަޕޯޓަރުންނަށް ބޮޑު އިންސައްތައެއްގެ ޓިކެޓު ލިބޭނެ
ކޮވިޑްގެ ހާލަތާއިއެކު ރާއްޖޭގައި އިއުލާނުކޮށްފައި އޮތް ކުއްލި ހާލަތުވެސް މިހާރު އުވާލާފައިވުމާއެކު ދަނޑަށް ވަނުމުގައި ސަޕޯޓަރުންނަށް ހުރަހެއް ނެތެވެ.
ވީނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެޗުގައި ބޮޑު އިންސައްތައެއްގެ ޓިކެޓު ދިވެހިންނަށް ލިބޭނެއެވެ. ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކަން ނިންމާފައިވަނީ ގާތްގަނޑަކަށް 20 އިންސައްތަ ޓިކެޓެވެ.
ބައެއް ދިވެހިންގެ ޝަކުވާއަކަށްވަނީ ދިވެހިރާއްޖޭގައި ބައެއް ދާއިރާތަކުގައި ބިދޭސީން އަތްގަދަ ކުރަމުންދާ ކަމުގެ ޝަކުވާއެވެ. އެހެންނަމަވެސް އަހަރެމެންގެ ގައުމީ ފުޓުބޯޅަ ދަނޑުގައި ދޭސީންނަށްވުރެ ބިދޭސީން ގިނަވެ، އެމީހުންގެ އަޑުގަދަވިޔަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ.
މި 20 އިންސައްތަ ޓިކެޓު ބަންގްލަދޭޝް އަށް ނިސްބަތްވާ ސަޕޯޓަރުން ގަންނާނެ ކަމާއިމެދު ޝައްކެއް ނެތެވެ.
ބަންގްލަދޭޝް ސަޕޯޓަރުން ފުރިހަމަ ކެޕޭސިޓީގައި ދަނޑަށް ވަދެ، ދިވެހިން އެ މިންވަރަށް ދަނޑަށް ނުވަދެއްޖެނަމަ ލިބިފައިވާ ހޯމް އެޑްވާންޓޭޖްގެ ފައިދާއެއް ދިވެހި ޓީމަކަށް ނުކުރާނެއެވެ.