މާލެ ވޯޓާ އެންޑް ސީވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ކުރިޔަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ހަތަރު ރަށެއްގެ ފެނާއި ނަރުދަމާފެ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެގޮތުން ބ. ގޮއިދޫ، ރ. ކިނޮޅަސް، ނ. މާޅެންދޫ އަދި ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އޭގެތެރެއިން ނ. މާޅެންދޫ، ނ. ކުޑަފަރި އަދި ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތްތައް ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އަދި، ބ. ގޮއިދޫގެ ކޮމިޝަނިންގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މި ރަށްތަކުގެ ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިއުއެސްސީގެ ބޭފުޅުން އެރަށްތަކަށް ވަޑައިގެންނެވެ.
މީގެއިތުރުން، މިރަށްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އޮޕަރޭޓަރސް ޓްރެއިނިންގެ ޕްރޮގްރާމްވެސް ހިންގާ ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއެވެ.
މި ހަތަރު ރަށުގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި، އާރް.އޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށް، ފެން އުފެއްދުމަށްޓަކައި އާރް.އޯ ޕްލާންޓާއި ފެން ރައްކާކުރުމަށްޓަކައި ތާންގީ ބަހައްޓައި ނިމިފައިވާ ކަމަށާއި، ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަންވެސް ވަނީ ގުޅައިދީފައެވެ.
އަދި މިމަސައްކަތުގެ ދަށުން، ނަރުދަމާ މައި ނެޓްވޯކްއާއި ޕަންޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތްކޮށް، ޕަންޕިންގ ސްޓޭޝަން ގާއިމްކޮށް ސީއައުޓްފޯލް އަޅައި ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީއިން މައުލޫމާތުދެއެވެ.
މީގެއިތުރުން މި ރަށްތަކުގެ ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައި، ފެނާ ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލްކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށްދީފައެވެ.
މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 163.55 މިލިއަން ރުފިޔާއެވެ.