އަންހެނުން ކުރަމުންދާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ ރެހެންދި އެވޯޑް ނުވަ ފަރާތަކަށް ދީފިއެވެ.
ރެހެންދި އެވޯޑް ދިނުމަށް ހާއްސަކޮށްގެން ރޭ ބޭއްވި ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
މި އެވޯޑަކީ ރާއްޖޭގެ ގައުމީ ތަރައްގީއާއި ލާބަޔާއި މަންފާ ލިބިދޭފަދަ އަގުހުރި މަސައްކަތްތަށް ކޮށްދީފައިވާ އަންހެނުންގެ އަގުވަޒަން ކުރުމަށާއި އަދި މުޖުތަމާއަށް ފައިދާހުރި މަސައްކަތް ކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުމާއި، އެފަރާތްތަށް ނަމޫނާ އެއްގޮތަށް ނަގައި އެހެން އަންހެނުން ކުރިއަރައިދިއުމަށް ހިތްވަރު ލިބޭ އަންހެނުންގެ މަސައްކަތް ފާހަގަކުރަން ދޭ އެވޯޑެކެވެ.
މި އަހަރުގެ އެވޯޑް ލިބުނު މީހުން:
- ނަފީސާ އަލީ މުނިޔާގެ ތ.ވިލުފުށި: ވަކިވަކި ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންގެ ދައުރު
- ޑރ. ފާތިމަތު މުފްލިހާ / ހ.ކަނޑިގެ 2/ ކ.މާލެ: ސިއްހީ ދާއިރާ
- ލެފްޓިނެންޓް ފިރުޝާން ތައުފީގު / މާތޮޑާއަވަށް، ސަންރައިޒް/ ގދ.ފަރެސްމާތޮޑާ: ސިއްހީ ދާއިރާ
- ޢިއްޒަތު އަހުމަދު ނިޒާރު /ސެލްވިން/ ހދ.މަކުނުދޫ: ފަންނުވެރިކަމާއި ޘަގާފަތާއި ތަރިކައިގެ ދާއިރާ
- އާއިޝަތު އިބްރާހީމް / ހ.ކުއްޅަވަށްގަސްދޮށުގެއާގެ /ކ.މާލެ: ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ
- ދިމްނާ ފާކިރު / ގުލްދަސްތާގެ/ ސި.ފޭދޫ : އިޖުތިމާއީ ދާއިރާ
- ޝިމްލާ އަހުމަދު / އާސްޓްރަލްގެ / ސ.ހިތަދޫ: ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ
- ފާތުމަތު ޖަބީން / މ.ނިވްހިލްމަން / ކ.މާލެ: އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާ
- މޯލްޑިވްސް ޕޯޓްސް ލިމިޓެޑް: ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުގެ ދާއިރާ.
ރެހެންދި އެވޯޑް ދިނުމުގެ ބޭނުމަކީ ގައުމީ ހިދުމަތަށް އަންހެނުން ނިކުތުމަސް ބާރު އެޅުމާ އެކު، މުޖުތަމައަށް ފައިދާހުރި ހިދުމަތް ކުރާ އަންހެނުންގެ ހިދުމަތް ފާހަގަ ކުރުމެވެ.
ރެހެންދި އެވޯޑަކީ ގައުމީ ތަރައްގީގައި ފާހަގަކޮށްލެވޭ ހިއްސާއެއް އޮވެ، ގައުމަށް ބޮޑެތި ލާބަޔާއި މަންފާ ލިބޭ ހިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަދި އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ ފިރިހެނުންގެ އަދި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.
މިދިޔަ އަހަރު 13 ފަރާތަކަށް ވަނީ ރެހެންދި އެވޯޑު ދީފައެވެ.