އަންނަ ހޯމަ ދުވަހުގެ ކުރިން ރޯދަ އެލަވެންސް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ވަޒީފާއާބެހޭ ޤާނޫނަށް ގެނައި 4 ވަނަ އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުބް، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭންޖެހެއެވެ.

ހޯމަ ދުވަހުގެ ކުރިން ރޯދަ އެލަވެންސް ދެން އަންގާގައިވާއިރު، މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޢިނާޔަތުގެ ފައިސާ ދޭ އިރު، ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާދިނުމަށާއި އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ރަމަޟާން މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް، "ޑޭ ލީވް" (ސްކޮލަރޝިޕް މުވައްޒަފުން) އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ހަމަޖައްސައި ނުދިނުމަށްވެސް ވަނީ އަންގާފައެވެ. އަދި މިފަދަ "ލީވް" އެއްގައި ހުންނަ މުވައްޒަފަކު ރަމަޝާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެ ނަމަ އެދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ ޢަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދޭން ޖެހޭނެކަމަށް ވެސް ފިނޭންސްއިން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.

މީގެއިތުރުން ރަމަޟާންމަހުގެ ތެރޭގައި މިފަދަ ޗުއްޓީއެއްގައި މުވައްޒަފަކު ޚިދުމަތުން ވަކިވާނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދައި، އެފައިސާ އަނބުރާ ޖަމާކުރަންވެސް ޖެހެއެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ވަނީ، ދައުލަތުގެ އެކައުންޓިންގ ސޮފްޓްވެއަރ ގެ "އެކައުންޓްސް ޕޭޔަބަލް މޮޑިއުލް" ބޭނުން ކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާ ވައުޗަރުތައް 24 މާރިޗްގެ ކުރިން ޕޯސްޓް ކުރުމަށްވެސް އަންގާފައެވެ. އަދި ދައުލަތުގެ އެކައުންޓިންގ ސޮފްޓްވެއަރ ގެ "އެޗް.އާރ މޮޑިއުލް" ބޭނުން ކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާ 24 ވަނަ ދުވަހުގެ ކުރިން ސިސްޓަމަށް އަޕްލޯޑްކޮށް އިނާޔަތުގެ ފައިސާވެސް ޕޯސްޓް ކުރަންޖެހެއެވެ.