ހައުސިން ޔުނިޓުތަކެއް އެޅުމަށް ކަމަށް ބުނެ މަކަރާއި ހީލަތުން، ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލާގައި ދައުވާ އުފުލާފައިވާ، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މާރޗް މަހުގެ 20 ވަނަ ދުވަހުއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިމައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން މީގެކުރީންވެސް ދެފަހަރެއްގެ މަތީން އައްމަޓީ ދޫކޮށްލުމަށް ހުކުމްކޮށްފައިވާއިރު، ދައުލަތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އައްމަޓީ ރާއްޖެ ނައިސް ސްރީލަންކާގައި ފިލައިގެން އުޅުނުކަން ހަނދާންކޮށްދީ، އޭނާ ދޫކޮށްލައިފިނަމަ ފިލާފާނެކަމުގެ ބިރު އެބައޮތްކަމަށް ބުނެފައެވެ.
ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ވިއްކާ ކަމަށްބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރެ، އޭނާ ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލަންކާއިންނެވެ.
އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވެއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.