ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖެއިން ބުރާސްފަތި ދުވަހުގެރޭ ބަންގްލަދޭޝް އާއި ދެކޮޅަށް ނުކުންނަ މެޗަށް އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑުގައި ނުހިމަނަން، ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ވަނީ ސްކޮޑުގައި ދަގަނޑޭ ނުހިމަނަން ނިންމި ނިންމުމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.

އެގޮތުން މޮރިއެރޯ ބުނީ، އޭނާ އަކީ ކުޅުންތެރިންނާއި ގަވައިދުން ވާހަކަދައްކާ ފަރާތެއް ކަމަށާއި، ކުޅުންތެރިންނާއިއެކު އޮންނަނީ ގާތް ގުޅުމެއް ކަމަށެވެ. އެގޮތުން ދަގަނޑޭ އާއިވެސް ވަރަށް ގިނައިން ވާހަކަދައްކާ ކަމަށާއި، ޓީމުގައި ދަގަނޑޭ ނުހިމެނުމަށް ނިންމި ނިންމުމާއި ބެހޭގޮތުން އަންގާރަ ދުވަހުގެރޭވެސް އޭނާ އާއިއެކު ވާހަކަދެއްކި ކަމަށެވެ.

އަދި މިމެޗަށް އެކުލަވާލި ސްކޮޑުގައި ދަގަނޑޭ ނުހިމެނުނަސް މިއީ ދަގަނޑޭ ސްކޮޑުން ބާކީކުރިކަން ނޫންކަން ދޭހަވާހެން ކޯޗުގެ ވާހަކަދައްކަފައިވެއެވެ. އަދި ދަގަނޑޭ އަށް ގައުމީ ޓީމުގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައި ކަމަށާއި، އަޝްފާގަކީ ވިސްނުންތޫނު ހުނަރުވެރި ކުޅުންތެރިއެއް ކަމަށްބުނެ ކޯޗު ވަނީ ދަގަނޑޭ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

ގައުމީ ޓީމުގެ ހެޑް ކޯޗް

މީގެއިތުރުން ދަގަނޑޭ ޓީމުގައި ނުހިމެނުމަށް ކޯޗު ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަން ދަގަނޑޭވެސް ފާހަގަކުރި ކަމަށާއި، އޭނާ މެޗަށް ފިޓު ނޫންކަމަށާއި، ފިޓުކޮށް ތިބި ކުޅުންތެރިންނަށް ފުރުސަތު ދިނުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދަގަނޑޭ ބުނެފައިވާކަމަށް ކޯޗު މި ޕްރެސް ކޮންފަރެންސްގައި ބުނެފައިވެއެވެ.

"އަހަރެންނަކީ ކުޅުންތެރިންނާއި ވަރަށް ގާތުން މަސައްކަތްކުރާ، އެމީހުންނާ ގަވައިދުން ވާހަކަދައްކާ އެމީހުންގެ ހާލަތާ ބެހޭގޮތުން ގަވައިދުން ވާހަކަދައްކާ މީހެއް. ރޭގަ ދަގަނޑޭ އާއިވެސް އަހަރެން ވާހަކަދެއްކިން. ދަގަނޑޭ އަށް ގައުމީ ޓީމުގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފަ. އެކަމަކު ރޭގަ އަހަރެންނާ ވާހަކަދައްކަމުން ދަގަނޑޭ އަމިއްލައަށްވެސް ބުނި އޭނާ ޓީމުގައި ނުހިމަނަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަމަށް. އޭނާ ބުނި މެޗަށް މިހާރު އެންމެ ފިޓު ނޫން ކަމަށާ ޓީމުގަ އެންމެ ފިޓުކޮށްތިބި ކުޅުންތެރިންނަށް ފުރުސަތުދިނުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް. އޭނަ އަކީ ވަރަށް ވިސްނުންތޫނު ހުނަރުވެރި ކުޅުންތެރިއެއް".
ގައުމީ ޓީމުގެ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯ

މޮރިއެރޯ އިތުރަށް ބުނީ އޭނާ ޓީމު އެކުލަވާލި ގޮތާއިމެދު އެއްވެސް ކުޅުންތެރިއަކު ހިތްހަމަ ނުޖެހިގެން ނޫޅޭ ކަމަށެވެ. އަދި ދަގަނޑޭ އަކީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށާއި އޭނާ ޓީމުގައި ނެތުން އެއީ ކޯޗުގެ ހައިސިއްޔަތުން ދެރަވާ ކަމެއް ކަމަށެވެ.

އަދި ދަގަނޑޭ އަކީ ފުޓުބޯޅައިގެ ކާމިޔާބު މާޒީއެއް އޮތް، ދިވެހިންގެ މެދުގައިވެސް ފޭވަރިޓެއް ކަމަށާއި، އޭނާގެ ކާމިޔާބީގެ ވާހަކަ އަކީ މުހިންމު ވާހަކައެއް ކަމަށް މޮރިއެރޯ ބުންޏެވެ. އެހެންނަމަވެސް އަނިޔާގެ ސަބަބުން ފާއިތުވީ ދެމަހެއްހާ ދުވަހުގެ ތެރޭގައި ދަގަނޑޭ އަނިޔާގެ ސަބަބުންވިޔަސް ދަނޑުމަތިން ނުފެންނަ ކަމަށާއި، އެހެންކަމުން ދަގަނޑޭ ޓީމުގައި ހިމެނުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ކޯޗެއްގެ ހައިސިއްޔަތުން ނުދެކޭކަމަށް މޮރިއެރޯ ބުންޏެވެ. އަދި ދަގަނޑޭގެ އިތުރުން ދެންވެސް ޓީމުގައި ތިބީ މުހިންމު ކުޅުންތެރިންތަކެއް ކަމާއި، ފިޓުކޮށް ތިބި ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ މުހިންމު ކަމާއި ބެހޭގޮތުން މޮރިއެރޯ ވާހަކަދެއްކިއެވެ.

މޮރިއެރޯގެ އިތުރުން ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) ވެސް ވަނީ ދަގަނޑޭ މެޗުގައި ނުފެނުމާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އެގޮތުން އަކޫ ބުނީ ދަގަނޑޭ އަކީ ރިޕްލޭސްމަންޓެއް ނެތްވަރުގެ މުހިންމު ކުޅުންތެރިއެއް ކަމަށާއި، އެހެންނަމަވެސް މިހާލަތުގައި ޓީމުގައި ތިބި ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، އެކުޅުންތެރިންގެ ފެންވަރުވެސް ދައްކަން ޖެހޭ ކަމަށެވެ.

ގައުމީ ޓީމުން ކުޅޭ އެކުވެރިކަމުގެ މެޗަށް އެކުލަވާލި ސްކޮޑުގައި ދަގަނޑޭ ހިމެނިފައި ނުވާއިރު، އޭނާ އެންމެފަހުން ފުޓުބޯޅަ މެޗެއް ކުޅެފައިވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅު ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައެވެ. ވީނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަގަނޑޭ ކުޅުމާއި ދުރުގައިހުރީ ކަކުލަށް ލިބިފައިވާ ބޮޑު އަނިޔާއެއްގެ ސަބަބުންނެވެ.

ގައުމީ ޓީމުން ގަލޮޅު ދަނޑުގައި ބަންގްލަދޭޝް އާއި ދެކޮޅަށް ނުކުންނައިރު އެންމެފަހުން ރާއްޖެއިން ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅެފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ލަންކާގައި އޮތް ފޯނޭޝަންސް ކަޕުގައެވެ. އެމެޗުގައި 1-2 އިން ރާއްޖެ ބަލިވިއިރު މިއީ 18 އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ ސީނިއަރ ޓީމު އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. ގަލޮޅު ދަނޑުގައި ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ މެޗަކީ މޮރިއެރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ގަލޮޅު ދަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ.