ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، ޔޫރޯގެ 2028 ވަނަ އަހަރުގެ މުބާރާތް ހޯސްޓުކުރަން ބިޑުކޮށް، ރަޝިއާއިން ގިނަބަޔަކު ހައިރާންކޮށް ސިއްސުވާލައިފިއެވެ.
2028 އަދި 2032 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ހޯސްޓުކުރުމަށް ބިޑު ހުށަހެޅުމުގެ ސުންގަޑި ހަމަވެފައިވަނީ ބުދަ ދުވަހުގެ ނިޔަލަށެވެ. ސުންގަޑި ހަމަވުމުން މުބާރާތް އިންތިޒާމުކުރާ ޔޫއެފާ އިންވަނީ މުބާރާތް ހޯސްޓުކުރުމަށް ބިޑުކޮށްފައިވާ ގައުމުތަކަކީ ކޮބައިކަން ހާމަކޮށްފައެވެ.
އެގޮތުން ތިން ފަރާތަކުން ބިޑު ހުށަހަޅާފައިވާއިރު އޭގެތެރެއިން އެއް ބިޑު ހުށަހަޅާފައިވަނީ އިނގިރޭސިވިލާތާއި އަޔަލެންޑު ގުޅިގެން ދެގައުމުގައި މުބާރާތް ބޭއްވުމަށް އެދި ހުށަހަޅާފައިވާ ބިޑެކެވެ. ދެން މުބާރާތް ހޯސްޓުކުރުމަށް ބިޑުކޮށްފައިވަނީ ތުރުކީގެ އިތުރުން ރަޝިއާއެވެ.
މިއާއެކު ގިނަ ބަޔަކަށް ވަނީ ހައިރާންކަން ގެނުވާފައެވެ. ސަބަބަކީ ޔޫކްރެއިން އަށް އަރައިގަނެ ރަޝިއާއިން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން، ދުނިޔޭގެ ގިނަ ގައުމުތަކާއި ބައްރުތަކުގެ ޔޫނިއަންތަކުން، އަދި ކުޅިވަރުގެ ބެލެނިވެރި ފަރާތްތަކުންވެސް ރަޝިއާ އާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް ރަޝިއާ އިން ޔޫރޯ ހޯސްޓުކުރުމަށް ބިޑުކުރުމެވެ.
ރަޝިއާ އާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ކުޅިވަރު އިދާރާތަކުގެ ތެރޭގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާ، ޔޫރަޕު ފުޓުބޯޅައިގެ ބެލެނިވެރިފަރާތް ޔޫއެފާ ހިމެނެއެވެ. ޔޫރޯ އަކީ ޔޫއެފާ އިން އިންތިޒާމުކުރާ މުބާރާތެކެވެ.
މި ދެ ޖަމިއްޔާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ފުޓުބޯޅައިގެ އެންމެހާ ހަރަކާތްތަކުން ރަޝިއާ ސަސްޕެންޑްކުރުން ހިމެނެއެވެ. އަދި މިއަހަރު ފަހުކޮޅު އޮތް ވޯލްޑް ކަޕުންވެސް ރަޝިއާ އަށް ފުރުސަތު ނުދީ، ކޮލިފިކޭޝަން މެޗުތަކުގައިވެސް ރަޝިއާ ބައިވެރިނުކުރުމަށް ފީފާއިން ވަނީ ނިންމާފައެވެ. މިއާއެކު ރަޝިއާގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ކުޅިވަރުގެ ކޯޓް އޮފް އާބިޓްރޭޝަން އަށް މި މައްސަލަ ހުށަހަޅާފައެވެ.
މި ސަސްޕެންޝަން ތަކާއެކުވެސް ރަޝިއާ އަށް 2028 ވަނަ އަހަރުގެ މުބާރާތް ހޯސްޓުކުރުމަށް އަދި އެކަމަށް އެދި ބިޑު ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ޔޫއެފާ އިން ބުނެފައިވެއެވެ. އެހެންކަމުން ޔޫއެފާ އިންވަނީ މި ބިޑު ބަލައިގަންނަންވެސް ނިންމާފައެވެ.
ގިނަ ބަޔަކަށް މިކަމުގެ ސަބަބުން ހައިރާންކަމެއް ގެނުވީ، ފުޓުބޯޅައިގެ އެންމެހާ ހަރަކާތްތަކަކުން ރަޝިއާ ސަސްޕެންޑުކޮށްފައިވަނިކޮށް، އޭގެއިން އެއް ޖަމިއްޔާ އަކުން އިންތިޒާމުކުރާ މުބާރާތެއް އަމިއްލަ ގައުމުގައި ބޭއްވުމަށް އެދި ރަޝިއާ އިން ބިޑުކުރުމުންނެވެ.
ރަޝިއާއިން ވަނީ 2028 ވަނަ ހަރުގެ ޔޫރޯ ހޯސްޓުކުރުމުގެ ފުރުސަތު ނުލިބޭނަމަ 2032 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ހޯސްޓުކުރުމަށްވެސް ބިޑުކޮށްފައެވެ.
ރަޝިއާ އަކީ ދުނިޔޭގެ ފުޓުބޯޅައިގެ ގިނަ މުބާރާތްތަކަކާއި މުހިންމު ގިނަ މެޗުތަކެއްވެސް ހޯސްޓުކޮށްފައިވާ ގައުމެކެވެ. އެގޮތުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، 2021 ވަނަ އަހަރުގައި ކުޅެވުނު 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ބައެއް މެޗުތައްވެސް ރަޝިއާގައި ކުޅެފައިވެއެވެ. މީގެއިތުރުން މި ސީޒަންގެ ޔޫއެފާ ޗެމްޕިއަންސްލީގުގެ ފައިނަލް މެޗުވެސް ކުޅުމަށް ކުރިން ތާވަލުކޮށްފައިވަނީ ރަޝިއާގެ ސެއިންޓް ޕީޓަސްބާގުގައެވެ. އެހެންނަމަވެސް ޔޫއެފާ އިން ރަޝިއާ އާއި ދެކޮޅަށް އެޅި ފިޔަވަޅުތަކާއިއެކު މިމެޗު ރަޝިއާގައި ނުކުޅޭނެ ކަމަށާއި ދެން މިމެޗު ކުޅޭނީ ފްރާންސްގައިކަން ޔޫއެފާ އިން ވަނީ ހާމަކޮށްފައެވެ.
ރަޝިއާގެ އިތުރުން ދެން 2028 ވަނަ އަހަރުގެ ޔޫރޯ ހޯސްޓުކުރުމަށް ބިޑުކުރި ތުރުކީ އަކީ ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ޔޫރޯ ހޯސްޓުކުރުމަށްވެސް ބިޑުކުރި ގައުމެކެވެ. އެހެންނަމަވެސް ތުރުކީގެ މައްޗަށް ކުރިހޯދާ މި ފުރުސަތު ހޯދާފައިވަނީ ޖަރުމަނުންނެވެ. ތުރުކީ އިންވެސް ވަނީ 2032 ވަނަ އަހަރުގެ ޔޫރޯ ހޯސްޓުކުރުމަށް ބިޑުކޮށްފައެވެ.
ދެން 2032 ވަނަ އަހަރުގެ ޔޫރޯ ހޯސްޓުކުރަން ބިޑުކޮށްފައިވަނީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަން އިޓަލީ އެވެ. އިޓަލީން ވަނީ މީގެކުރިން ދެފަހަރެއްގެ މަތިން ޔޫރޯ ހޯސްޓުކޮށްފައެވެ. އެއީ 1968 ވަނަ އަހަރުގެ ޔޫރޯ އާއި 1980 ވަނަ އަހަރުގެ ޔޫރޯއެވެ.