މެންޗަސްޓަރ ޔުނައިޓެޑާއި ފްރާންސްގެ ތަޖުރިބާކާރު މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ގެއަށް ވަގަކުވަދެ، އެގެއިން ޕޮގްބާ ހޯދާފައިވާ ވޯލްޑް ކަޕްގެ ރަން މެޑަލް ވަގަށް ނަގައިފިއެވެ.

މިކަން ހިނގާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި މެންޗަސްޓަރ ޔުނައިޓެޑާއެކު ޗެމްޕިއަންސްލީގުގެ ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް މެޗު ކުޅުނު ވަގުތުގައެވެ.

ޕޮގްބާ މިވަގުތު ހުރީ ފްރާންސްގެ ގައުމީ ޓީމާއެކު ފްރާންސްގެ މާސޭގައެވެ. އެޓީމު ތައްޔާރުވަމުން އަންނަނީ އައިވަރީ ކޮސްޓާއި ސައުތު އެފްރިކާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ ދެ މެޗަށެވެ.

ގޭގައި ހިނގި ވައްކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން ޕޮގްބާ ބުނީ މިކަން ހިނގާފައިވަނީ އެތްލެޓިކޯ އާއި ދެކޮޅަށް މެޗު ކުޅެންހުރި ވަގުތުގައި ކަމަށާއި، ގެއަށް ވަގު ވަންއިރުގައި ގޭގައި ތިބީ އެނާގެ ދެކުދިންނާއި، ކުދިން ބަލަހައްޓަން ގެއަށް ގެނެސްފައިހުރި މެއިޑު އެކަނި ކަމަށެވެ.

އަދި ގެއަށް ވަގު ވަނުމުން ވަގުތުން މި މެއިޑް ކުދިންނާއެކު ވަކިން ކޮޓަރިއަކަށްވަދެ ތަޅުލިކަމަށާއި، ވަގުތުން ޕޮގްބާގެ އަންހެނުންނަށާއި ގޭގެ ސެކިއުރިޓީ އަށް މި މެއިޑް ގުޅާފައިވާކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ޕޮގްބާ ބުނީ މިކަމުގެ ސަބަބުން އޭނާގެ ދަރިންނާއި ގޭގައި ގެންގުޅޭ މެއިޑުވެސް ތިބީ ވަރަށް ބޮޑު ޝޮކެއްގައި ކަމަށާއި، އެހެންނަމަވެސް މަޑުމަޑުން އެހުރިހާ އެންމެންގެވެސް ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ޕޮގްބާ ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ގެއަށް ވަން ވަގުކަލޭގެ ވަގަށް ގެންދިޔައީ ޕޮގްބާގެ މަންމަގެ ގަހަނާ ތަކަކާއި، އޭނާ ވޯލްޑް ކަޕުގައި ހޯދި ރަން މެޑަލް ކަމަށެވެ.

މިއީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގައި ފްރާންސްގެ ގައުމީ ޓީމާއެކު ޕޮގްބާ ހޯދި ރަން މެޑައްޔެކެވެ. 2018 ވަނަ އަހަރު ފްރާންސް އިން ވޯލްޑް ކަޕް ކާމިޔާބުކުރީ ފައިނަލްގައި ކްރޮއޭޝިއާގެ މައްޗަށް 2-4 އިން ކުރިހޯދައިގެންނެވެ. މިމެޗުގައި ފްރާންސްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީވެސް ޕޮގްބާއެވެ.