ދެ ބިލިއަނެއްހާ ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ޓީބިލްއަކީ ސަރުކާރު ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒްއެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު އަދާކުރާ ގޮތަށް ނަގާ ފައިސާއެވެ. އެގޮތުން، ރާއްޖޭގައި ހުޅުވާލަނީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހާއި 364 ދުވަހުގެ މުއްދަތަށް ދޫކުރާ ޓީބިލްއެވެ. ޑިސްކައުންޓުކޮށް ދޫކުރާ މި ބިލްތަކުގެ އެންމެ ދަށް ފޭސް ވެލިއު އަކީ އެއް ބިލިއަން ރުފިޔާއެވެ.

ޓީބިލް ގަތުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮންމެ ހަފުތާއަކު ހުޅުވާލަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން އަމިއްލަ ފަރުދުންނަށެވެ.

މިނިސްޓްރީ އޮފް ފައިނޭންސުން ވިއްކަން ހުޅުވާލާފައިވާ ޓީބިލްގެ ތެރޭގައި ހިމެނެނީ 3.50 ޕަސެންޓުގައި ވިއްކަން ހުޅުވާލި 28 ދުވަހުން އަނބުރާ ދައްކަން ޖެހޭ 902 މިލިއަން ރުފިޔާގެ ޓީބިލަކާއި 3.87 ޕަސެންޓުގައި ވިއްކަން ހުޅުވާލި 98 ދުވަހުން މުއްދަތު ހަމަވާ 200 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން ހިމެނެނީ 182 ދުވަހުން މުއްދަތު ހަމަވާ 4.23 ޕަސެންޓުގައި ވިއްކާ 190 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 364 ދުވަހުގެ މުއްދަތެއް ދީފައިވާ 4.60 ޕަސެންޓުގައި ވިއްކާ 785 މިލިއަން ރުފިޔާގެ ޓީބިލެކެވެ.