ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ރާއްޖެއިން ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭއިރު މިމެޗުގައި ރާއްޖޭގެ އެންމެމޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ނުކުޅެވޭނެކަން ހާމަވެއްޖެއެވެ.

ހަމްޕު އާއި ހަވާލާދީ ރާއްޖޭގެ މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމްޕު މިމެޗުގައި ނުކުޅޭނެކަން ވަނީ ބުނެފައެވެ. އޭނާ މިމެޗުގައި ނުކުޅެނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ދިވެހި ޕްރިމިއަ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ވެލެންސިއާ އަށް ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި އުކުޅުވަޅަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ.

މިމަހުގެ 17 ވަނަ ދުވަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާގައި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ހަމްޕު އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑުވެސް މެއެވެ.

އަދި ހަމްޕު އަކީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައިވެސް ރާއްޖެއިން ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅެ 0-2 އިން މޮޅުވި މެޗުގައި ހަމްޕު ވަނީ މޮޅު ގޯލެއް ޖަހާ ގިނަ ބައެއްގެ ތައުރީފާއި މަގުބޫލުކަން ހޯދާފައެވެ.

އެގޮތުން ރާއްޖެ ޓީމުން މެޗުގައި ނެގި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ހަމްޕު ވަނީ އޯވާހެޑެއް / ބައިސިކަލް ކިކެއް ޖަހައިގެން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާ ރާއްޖެއަށް މެޗު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ހަމްޕު އަށް އަނިޔާގެ ސަބަބުން މެޗުގައި ބައިވެރިނުވެވުން މިއީ މިރޭގެ މެޗަށް ނުކުންނައިރު ދިވެހި ޓީމުން ކަންބޮޑުވާނެ ކަމެކެވެ. ހާއްސަކޮށް ހަމްޕުގެ އިތުރުން އަނިޔާގެ ސަބަބުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށްވެސް އަނިޔާގެ ސަބަބުން ސްކޮޑުން ފުރުސަތު ލިބިފައިނުވާއިރު، ސްޕޯޓްސް އެވޯޑުގައި ހަމްޕު އާއި އެންމެ ގާތުން ވާދަކުރި އަލީ ފާސިރު (ސެންޓޭ) ވެސް މިއަދުގެ މެޗުގައި ފެނުމުގެ ފުރުސަތު ކުޑައެވެ.

ސެންޓޭވެސް އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރިނަމަވެސް ކޯޗު ވަނީ މިމެޗަށް އެކުލަވާލި ސްކޮޑުގައި ސެންޓޭ ހިމަނާފައެވެ. ސެންޓޭ އަށް އަނިޔާވީ، ޖެނުއަރީ މަހު ރ. އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗުގައެވެ.

ފޯނޭޝަންސް ކަޕުގައި ބަންގްލަދޭޝް އަތުންވީ ބަލި ހަނދާން ނައްތާލުމަށް ލިބުނު މި ފުރުސަތުގެ ބޭނުންހިފާ، އަމިއްލަ ފަސްގަނޑުގައި ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދުމަށް ރާއްޖޭގެ ގައުމީ ޓީމުން ވަނީ ތައްޔާރުވެފައެވެ. މިމެޗު ފަށާނީ މިރޭ 21:00 ގައެވެ.