އައިޓީބީ ބާލިން ޑިޖިޓަލް ބިސްނަސް ޑޭ 2022 ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ ވިޒިޓް މޯލްޑިވްސް) އިން ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު މުހިންމު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ އަދި ލިބިގަންނަ ފަރާތްތަކުގެ މެދުގައި ކާމިޔާބު ބައްދަލުވުންތަކަކާއި، ނެޓްވޯކިން ސެޝަންތަކަކާއެކު ކުރިޔަށްގެންދިޔަ މިހަރަކާތް ބާއްވާފައިވަނީ 17 މާރިޗު ވަނަ ދުވަހު އެކަމަށް ހާއްސަ ޔޫސާ-ފްރެންޑްލީ ޕޯޓަލް އެއް ހިމެނޭ ޑިޖިޓަލް ޕްލެޓްފޯމެއްގެ ޒަރިއްޔާއިން ކަމަށް އެއްއެމްޕީއާރިސީ ބުނެއެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މިއީ މި ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި، ހިދުމަތްދޭ ފަރާތްތަކާއި، ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކާއެކު އެއް ޕްލެޓްފޯމެއްގެ ދަށުން ބައްދަލުކޮށް، މުހިންމު މަޝްވަރާތައްކޮށް، ގުޅުން ބަދަހިކުރުމަށާއި، ޕާޓްނަރޝިޕްތައް އުފެއްދުމަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދޭ ހަރަކާތެއް ކަމަށެވެ.

މިއަހަރުގެ އައިޓީބީ ވާޗުއަލް އިވެންޓުގެ ބައްދަލުވުންތައް ބާއްވާފައިވަނީ ބޭނުންކޮށްލަންފަސޭހަ ނެޓްވޯކިން ޓޫލްތަކާއި، އޯޑިއޯ މެސެޖިން ޓޫލްތައް މެދުވެރިކޮށެވެ. މީގެއިތުރުން މި ހަރަކާތުގެ ތެރެއިން ބައިވެރިންނަށް ވަނީ ސްޕީޑް ނެޓްވޯކިންސެޝަން ތަކުގައި ބައިވެރިވުމަށް ފުރުސަތު ފަހިކޮށްދީފައެވެ.

މިއީ ބައިވެރިވާ ފަރާތްތަކުގެ ޕްރޮފައިލް އަދި ބިސްނަސް އިންޓްރެސްޓްއަށް ބަލާ، އެންމެބޭނުންތެރިވާނެ ފަދަ ފަރާތްތަކާއި ބައްދަލުވުންތައް އޮޓަމެޓިކުން އިންތިޒާމްކޮށްދީފައިވާ ސެޝަންތަކެކެވެ.

އެމްއެމްޕީއާރުސީ އިން މި ހަރަކާތުގައި ބައިވެރިވެފައިވަނީ ޖަރުމަނު ވިލާތް އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖެ އަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ކަމަށް ބުނެއެވެ.

މިއީ، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރުމަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ބައިވެރިވާ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ މަޤްސަދަކީ ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ، ޖަރުމަނު ވިލާތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށެވެ.

މި ހަރަކާތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެފަހުގެ ގައިޑްލައިންތަކާއި މައުލޫމާތު ވަނީ އެމްއެމްޕީއާރުސީއާއެކު ބައްދަލުވުންތައް ބޭއްވި ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާ ހިއްސާކޮށްފައެވެ. މީގެއިތުރުން ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ވަކިވަކިން ރައްކާތެރިކޮށްކަމަށާއި، ރާއްޖޭގެ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ވަނީ މިހަރަކާތުގައި ވާޗުއަލްކޮށް ބައިވެރިވި ފަރާތްތަކާ ހިއްސާކޮށްފައެވެ.

ޖަރުމަނުވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ އެއް ޓްރެޑިޝަނަލް މާކެޓެވެ. މިއީ އަބަދުވެސް ރާއްޖެއަށް ގިނަ ފަތުރުވެރިންތަކެއް ދަތުރުކުރާމާކެޓަށް ވާއިރު، މި މާކެޓުން، 2021 ވަނަ އަހަރު ރާއްޖެ އައި ޖުމްލަ އެރައިވަލްސްގެ 2.7 އިންސައްތަ މާކެޓް ޝެއަރ ވަނީ ހިއްސާކޮށްފައެވެ.