ފުވައްމުލަކު ސިޓީގައި 200 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ހައުސިންގ މިނިސްޓްރީގެ އެދުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ފުވައްމުލައްކުގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލާ ކަމަށް އެ އިއުލާނުގައި ވެއެވެ. އެގޮތުން މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިންގ މިނިސްޓްރީގެ "އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދުގައި ވާގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަަށް ފީނޭސްއިން ބުނެއެވެ. އަދި ފައިސާ ބަލައިގަންނާނީ 27 މާރިޗު 2022 އިން 12 އެޕްރީލް 2022 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 (ރަމަޟާން މަހު: 09:30 އިން 13:00) އަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް އެ މިނިސްޓަރީން ބުނެއެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް އިން 28 މާރިޗު 2022 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި މިކަމުގެ ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް މިނިސްޓަރީން ބުނެއެވެ.

މީގެކުރިން ހަތަރު ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް އިއުލާނު ކޮށްފައި ވެއެވެ.