ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ބުރާސްފަތި ދުވަހުގެރޭ ބަންގްލަދޭޝް ބަލިކޮށް، އެގައުމުގެ ކިބައިން ބަދަލުހިފާ ރާއްޖެއިން ފެންވަރު ދައްކާލައިފިއެވެ.
މިއީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކުޅުނު މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް އިން ވަނީ 1-2 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މިއީ 18 އަހަރުގެ ދިގު މާޒީއަކަށް ނިމުންގެނެސް، ފުޓުބޯޅައިގެ ސީނިއަރ ފަންތީގައި ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް އިން ކުރިހޯދި ފުރަތަމަ ފަހަރެވެ.
މިއާއެކު މި ކާމިޔާބީ ބަންގްލަދޭޝް އިން ކުލަގަދަކޮށް ފާހަގަކުރިއިރު، މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ޓީމުންނާއި އެގައުމުގެ މީޑިއާއިންވެސް ސިފަކުރިއެވެ. މެޗުންބަލިވެ ވި މާޔޫސްކަންމަތީގައި ތިއްބާ ރާއްޖޭގެ ގައުމީ ޓީމަށް ބަންގްލަދޭޝްގެ ކިބައިން ބަދަލު ހިފުމަށް މިމެޗު ކުޅުމުގެ ފުރުސަތު ލިބުމާއެކު ގައުމީ ޓީމުން ތައްޔާރުވީ އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކާމިޔާބީ ހޯދުމަށެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) ވެސް އެކަން ފާހަގަކުރިއެވެ. އެގޮތުން އަކޫ ބުނީ، ފާއިތުވީ ދެތިންދުވަހެއްގެ ތެރޭގައި މުޅިންހެން ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ދެއްކީ ބަންގްލަދޭޝް އަނެއްކާވެސް ބަލިކުރުމުގެ ވާހަކަ ކަމަށެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ބަންގްލަދޭޝް ބަލިކޮށް، އެގައުމުގެ ކިބައިން ބަދަލުހިފުމުގެ ރޫހުގައިކަން އަކޫ ހާމަކުރިއެވެ.
މިއަޒުމުގައި މިރޭ ގަލޮޅޫ ރަސްމީ ދަނޑުގައި ބަންގްލަދޭޝް އާއި ދެކޮޅަށް ނުކުމެ ރާއްޖެއިން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އޭރިއާ ތެރެއަށް ވަންނަން މަސައްކަތްކުރި ބޯޅައަކުން ތަނަވަސްވި ފުރުސަތެއްގައި ނާއިޒް ހަސަން (ދާދު) އޭރިއާ ތެރޭގައި ހުރެފައި ގޯލާއި ދިމާލަށް ފޮނުވާލި ނަމަވެސް މިހަމަލާ އަށް ތައްޔާރުވެހުރި ބަންގްލަދޭޝްގެ ކީޕަރު އަނީސޫރް ރަހްމާން ވަނީ ހުށިޔާރުކަމާއެކު ބޯޅަ ދިފާއުކޮށްފައެވެ.
މެޗުގެ ކުރީކޮޅުގައި އެޓޭކިންގ އަވަސް ގޭމެއް ރާއްޖެއިން ކުޅެމުންދިޔައިރު މިހާފުގައި ގިނަ ކޯނަރުތަކެއްވެސް ރާއްޖެއަށް ލިބިފައިވެއެވެ. އެހެންނަމަވެސް ލިބުނު ކޯނަރުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.
ފުރަތަމަ ހާފުގައި ބަންގްލަދޭޝް އަށްވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މިހާފުގެ 24 ވަނަ މިނެޓުގެ ތެރޭގައި ބަންގްލަދޭޝްގެ ޔާސިން އަރަފާތް ނަގައިދިން ހުރަހަކުން އޭރިއާތެރޭގައި މުޅިން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލަން ލިބުނުނަމަވެސް، އެޓީމުގެ އެމްޑީ ސުމަން ރިޒާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.
ރާއްޖެއިން މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ 39 ވަނަ މިނެޓުގައެވެ. މެދުތެރެއިން އުމެއިރު، ބަންގްލަދޭޝްގެ ޑިފެންޑަރުންގެ ބޯމަތިން ވަރަށް ރީތިކޮށް މަތިމަތިން ފޮނުވާލި ތްރޫ ޕާހަކުން މިލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. މިއީ ސީނިއަރ ގައުމީ ޓީމަށް ހަންނަ ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މިއީ ސީނިއަރ ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ހަންނަ ކުޅުނު ދެވަނަ މެޗުވެސް މެއެވެ. މީގެކުރިން ހަންނަ ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައިވަނީ ފޯނޭޝަންސް ކަޕުގައި ރާއްޖެއިން ކުޅުނު ފަހުމެޗުގައެވެ. އެމެޗުގައި ހަންނައަށް ފުރުސަތު ދިނީ މެޗުގެ ކުރިން ބޭއްވި ވާމް އަޕް ސެޝަންގައި ދާދު އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައެވެ.
1-0 އިން ކުރީގައި އޮވެ ފުރަތަމަ ހާފު ނިންމާލި ރާއްޖެއިން ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑުފުޅާކުރީ ދެވަނަ ހާފުގައި މެޗުގެ 61 ވަނަ މިނެޓުގައެވެ. މިއީ ވާތްފަރާތުން އޭރިއާ ބޭރުގައި ހުރެފައި ވަރަށް ރީތިކޮށް ފޮނުވާލި ބާރު ހަމަލާއަކުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ފޭދޫ އިއްބެ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ޓެކްނިކަނީ ބަލާއިރު މޮޅު ގޯލެކެވެ.
ރާއްޖެއިން ވަނީ މެޗުގެ 70 ވަނަ މިނެޓުގައިވެސް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. އެގޮތުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި މެޗުގައި ކުޅެންއެރި އަބްދުﷲ ޔާމީން (ޔާނު) ގޯލު ކުރިމައްޗަށް ނަގައިދިން ހުރަހެއް ދާދު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލިނަމަވެސް ރެފްރީ ވަނީ މިއީ އޮފްސައިޑު ލަނޑެއްކަމަށް ނިންމާ، ލަނޑު ބަލައިނުގަންނަން ނިންމާފައެވެ.
ރާއްޖެއިން މިމެޗު ކާމިޔާބުކޮށް ބަންގްލަދޭޝްގެ ކިބައިން ބަދަލުހިފިއިރު މިއީ ގަލޮޅު ދަނޑުގައި ގައުމީ ޓީމުން ކޯޗް ފްރެންޗެސްކޯ މޮރިއެރޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ.
މެޗާއި ކުރިމަތިލިއިރު ރާއްޖޭގެ މުހިންމު ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން ތިބީ ކުޅުމާއި ދުރުގައެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)، އަނިޔާގެ ސަބަބުން މިމެޗަށް އެކުލަވާލި ސްކޮޑުގައިވެސް ނުހިމެނޭއިރު ސްކޮޑުގައި ހިމެނުނު ނަމަވެސް، މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ވެސް މިމެޗަށް ނެރުނު މެޗު ސްކޮޑް ލިސްޓުގައި ހިމަނާފައެއް ނުވެއެވެ.
ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗަށްފަހު ދަގަނޑޭ ފެނިގެންގޮސްފައިނުވާއިރު ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗަށްފަހު ސެންޓޭވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ. ހަމްޕު އުކުޅުވަޅުގެ އިންޖަރީއެއް ތަހައްމަލު ކުރަމުންދާއިރު މިއީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ދިވެހި ޕްރިމިއަ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ވެލެންސިއާ އާއި ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައި ލިބުނު އަނިޔާއެކެވެ.
މުހިންމު ކުޅުންތެރިންތަކެއް ނުލާ ރާއްޖެއިން މިމެޗާއި ކުރިމަތިލިއިރު ކޯޗު މޮރިއެރޯ ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. އެގޮތުން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން ހަންނަ އާއި، ސާފް ޗެމްޕިއަންޝިޕުގައި ވިދާލި ހައިޝަމް ހަސަންގެ އިތުރުން ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެންއެރި ޔާނު އާއި ރިޒްވާން (ރިޒޭ)ގެ އިތުރުން މުޅިން އަލަށް ގައުމީ ޖާޒީގައި ކުޅެންއެރި އަހްމަދު ހަސަން އަށް މެޗުގައި ފުރުސަތު ދިންކަން ފާހަގަކޮށްލެވެއެވެ. އަދި މެޗުގައި އެކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއްވެސް ފެނިގެން ގޮސްފައިވެއެވެ.
އެހެންކަމުން މިއީ މުސްތަގްބަލަށް ބަލާއިރު ރާއްޖެއަށް ޒުވާން ކުޅުންްތެރިންތަކަކާއެކު ފުޓުބޯޅައިގައި ރަނގަޅު ކާމިޔާބީއެއް ހޯދިދާނެކަމުގެ ބޮޑު އުންމީދެކެވެ.
ފީފާގެ ކަލަންޑަރު ތާރީހުގެ ތެރޭގައި ކުޅޭ މިމެޗަކީ ރާއްޖެއިން ޖޫން މަހު އޮތް އޭޝިއަން ކަޕް ކޮލިފައިންގ އަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. އަދި މިއީ ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވާން ލިބުނު ރަނގަޅު ފުރުސަތެއްގެ ގޮތުގައި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗުވެސް ފާހަގަކުރިއެވެ.
ރާއްޖެ އާއި ބަންގްލަދޭޝް އެންމެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅުނީ 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު މާލޭގައެވެ. އެމެޗުން ރާއްޖެ މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ.