ތިލަމާލެ ބްރިޖް މަޝްރޫޢުއަށް މާލެ ސިޓީ ކައުންސިލުން ހުރަސް އަޅަމުންދާ ކަމަށް ބުނެ، ޕްލޭނިންގް މިނިސްޓްރީން ކުރަމުންދާ ތުހުމަތަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ރައްދު ދެއްވައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ދެކުނު ފަރާތުގައި އޮންނަ ސިނާޢީ ސަރަޙައްދު ހުސްކޮށް އިގްތިސާދީ މަސައްކަތްކުރުމަށް ހުސްކޮށް ހުރި 13 ސްލޮޓް ސިނާޢީ އެކި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށް ފުރުސަތު ހުޅުވާލުމާއިއެކު ޕްލޭނިން މިނިސްޓްރީން ވަނީ އެކަން ހުއްޓުވުމަށްފަހު މާލެ ސިޓީ ކައުންސިލުގެ މައްޗަށް ތިލަމާލެ ބްރިޖްގެ މަޝްރޫޢުއަށް ހުރަސްއަޅާކަމުގެ ތުހުމަތު ކޮށްފައެވެ.

މި ތުހުމަތުތަކަށް ރަައްދުދެއްވާ މޭޔަރު ވިދާޅުވީ ވިލިމާލޭގެ ސިނާޢީ ސަރަޙައްދުގެ ބައެއް ބިންތައް ހުސްކޮށް ހުރުމުން، މާލޭގެ ރައްޔިތުންނަށް އެތަންތަނުގެ ބޭނުން ކުރުމުގެ ފުރުސަތުދޭން އެކައުންސިލުން އިއުލާނު ކުރިއިރު، އެ ސަރަޙައްދު، ބްރިޖް މަޝްރޫޢުއަށް ބޭނުންވާނެކަން މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައިނުވާ ކަމަށެވެ.

އަދި 2021 އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ޕްލޭނިންގް މިނިސްޓްރީއިން، މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގެ ތަފްސީލްވެސް މޭޔަރު ވަނީ ދެއްވާފައެވެ.

އެ ސިޓީގައި ބްރިޖް މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ސަރަޙައްދު ކަމަށް ބުނެ، ސިޓީ އާއެކު އެއްކަރުދާސް ކޮށްފައިވާ ޗާޓުގައި ސަރަޙައްދެއް ފާހަގަކޮށް، ބްރިޖް މަޝްރޫޢުއަށް ބޭނުންވާ ތަނަކީ އެއީ ކަމަށްވެސް މިނިސްޓްރީގެ ސިޓީގައި ވަނީ ބުނެފައެވެ.

އެހެން ނަމަވެސް އޭރު ޕްލޭނިންގް މިނިސްޓްރީ އިން ފާހަގަކޮށްފައިވާ ސައިޓަކީ ސިނާއީ ސަރަޙައްދަށް އަރާ ތަނެއް ނޫންކަން މޭޔަރު ވަނީ ތަފްސީލާއެކު ވިދާޅުވެ ދެއްވާފައެވެ. އެގޮތުން ސިޓީ ކައުންސިލުން ވިލިމާލޭ ސިނާޢީ ސަރަޙައްދު ކުއްޔަށް ދިނުމަށް ހުޅުވައިލީ، ޕްލޭނިންގް މިނިސްޓްރީން، ޗާޓުގައި ފާހަގަކޮށްފައި ނުވާ ބިންތައް ކަން މޭޔަރު ޔަގީންކޮށްދެއްވިއެވެ.

އެތައް ބަޔަކު އިންވެސްޓް ކޮށްފައިވާ ސިނާޢީ ސަރަޙައްދު، ބްރިޖު މަޝްރޫއަށް ބޭނުންވާނަމަ، އެތަން ނެގޭނެ ކަމަށާއި، އެހެންނަމަވެސް އެކަން ކުރަންވާނީ ގާނޫނުގެ ތެރެއިން. އެގޮތުން ބަޔަކު އިންވެސްޓް ކޮށްފައިވާ ތަނެއް، ގައުމީ އިދާރާއެއްގެ ބޭނުމަށް ނަގާނަމަ، ބަދަލު ދޭން ޖެހޭނެ. އެގޮތަށް އެކަން ކުރާނަމަ ސިޓީ ކައުންސިލުން އެކަމަށް އެއްވެސް ހުރަހެއް ނާޅާނެ. އެކަމުގެ އެއްވެސް ވާހަކައެއް ނާދޭ. މަޝްވަރާއެއްވެސް ނުކުރޭ. ހަމަ ސިޓީއެއް ފޮނުވާލަނީ. އެގޮތަކަށް އެކަމެއް ނުހިނގާނެ. އެގޮތަކަށެއް ކައުންސިލަކާ ގައުމީ އިދާރާއަކުން މުއާމަލާތެއް ނުކުރެވޭނެ."
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު

މޭޔަރު ވިދާޅުވީ ކައުންސިލްގެ އިޚްލާސްތެރި މަސައްކަތްތައް ރައްޔިތުންނަށް އޮޅުވާލުމާއި މިފަދަ ތުހުމަތުތައް ކުރުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.