މާލޭގެ ތާރީޚީ ކުރެހުންތަކަކާއެކު "އާރޓް ގެލެރީ އެޓް ދަ މެރީނާ ކްރޮސްރޯޑްސް" ހުޅުވައިފިއެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތުގައި އާރޓް ގެލެރީ ހުޅުއްވައިދެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މަޝްހޫރު އާރޓިސްޓް އައިމިނަތު ޝިމްހާ ޝަކީބްގެ ޖުމްލަ 25 ކުރެހުމެއް އާރޓް ގެލެރީގައި ޑިސްޕްލޭކޮށްފައިވާއިރު، ކޮންމެ ކުރެހުމަކުންވެސް ފެނިގެންދަނީ 1800 ގެ އަހަރުތަކުގައި މާލޭގެ އެކި މަގުތަކާއި އޭރު ފާހަގަކޮށްލެވޭ ބިނާތަކެވެ.

މި ކަލެކްޝަނަށް ދީފައިވާ ނަމަކީ "މާލޭ ކިއްލާ" އެވެ.

ފޯޓްރެސް މާލެ

ގެލެރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކްރޮސްރޯޑްސްގެ މެނޭޖިން ޑިރެކްޓަރ ޓޮލްގާ އުނަން ވިދާޅުވީ، މިހުޅުވުނު ގެެލެރީ އާއެކު ކްރޮސްރޯޑްސްގެ ކުޑައިގެ ދަށުގައި ދިވެހިރާއްޖޭގެ ތާރީޚު ރަމްޒުކޮށްދޭ ކުރެހުންތަކެއް ހިމެނިގެންދިއުމަކީ އުފާކުރައްވާ ކަމެއް ކަމަށާއި، ދިވެހި އާރޓިސްޓުންގެ މަސައްކަތް ކުރިއެރުވުމަށް ކްރޮސްރޯޑްސް އިން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ. އަދި މިއީ މިފަދަ ފުރަތަމަ އެކްޒިބިޝަން ކަމުގައިވީނަމަވެސް، ކުރިއަށް އޮތްތަނުގައި އެހެން އާރޓިސްޓުންގެ މަސައްކަތްތައްވެސް މި ގެލެރީން ފެނިގެންދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ގެލެރީ ބައްލަވާލެއްވުމަށް ފަހު، ރައީސް ނަޝީދު ވަނީ ކުރެހުންތަކާ ބެހޭގޮތުން ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ. އެގޮތުން، އެކި ކުރެހުންތަކުން ފެންނަ ބިނާތަކާއި، މާލޭގެ އެކި ސަރަހައްދުތައް އެޒަމާނުގައި އޮތް ގޮތުގެ ތަފްސީލް ހިއްސާކުރެއްވިއެވެ.

ޝިމްހާ އަދި ރައީސް ނަޝީދު

"މާލޭ ކިއްލާ" ކަލެކްޝަންގައި ހިމެނޭ ކުރެހުންތަކުގެ ތެރޭގައި 1630 ގެ އަހަރުތަކުގައި އިމާރާތްކުރެވުނު "ނާނޭ ބުރުޒު"، އަލިރަސްގެފާނުގެ ޒިޔާރަތް، ހުކުރު މިސްކިތު މުންނާރު، "އައު ކޮއްޓެ"، އެތެރެ ކޮއިލު މިސްކިތް އަދި ބޮޑު ގަނޑުވަރުގެ އިތުރުން، މާލެ ހިއްކުމުގެ ކުރިން އޮތް "ކުޑަ މާލެ" އޭ ކިޔުނު ރަށާއި، ލޮނު ޒިޔާރަތް، ހެންވެއިރު މައިޒާން، ބޮޑު ކޮއްޓެ، އަދި މީގެއިތުރުންވެސް މާލެ ވަށައިގެން ހުރި ފާރުތައް ބޭނުން ނުކުރެވޭ ވަރަށް ވެއްޓުނުތާ އެތައް ދުވަހެއް ފަހުން 1800 ގެ އަހަރުތަކުގައި މާލެ އޮތްގޮތް މި ކުރެހުންތަކުން ފެނިގެން ދެއެވެ.

ނާނޭ ބުރުޒު

ކުރެހުންތަކާއި ބެހޭގޮތުން ވާހަކަދައްކަމުން، އާރޓިސްޓް ޝިމްހާ ބުނީ، މިއީ ތަސްވީރުތަކެއް ބަލައިގެން ކުރެހި ކުރެހުންތަކެއް ނޫން ކަމަށާއި، މި ކުރެހުންތަކަކީ މާލެ އާއި ބެހޭގޮތުން ލިބެންހުރި ހުރިހާ މައުލޫމާތެއް ބޭނުންކޮށްގެން ކުރެހި ކުރެހުންތަކެއް ކަމަށެވެ.

ބައެއް ޕެއިންންޓިންގްސް ހުންނާނެ ބައިވަރު ފޮތްތަކާއި އެއްޗިހި ކިޔައިގެން ކުރަހާފަ. އަޅުގަނޑު އަމިއްލައަށް ކޮންވިންސް ކުރެވެން ޖެހުނު މި ކުރެހެނީ ރަނގަޅު މައުލޫމާތުގެ މައްޗަށް ބިނާކޮށް ބާއޭ. ވަރަށް ސިމްޕަލް އެއްޗިހިވެސް ނޭނގޭ ޕެއިންޓް ކުރިއިރުގަ. ދެން އަޅުގަނޑު ފުރަތަމަ ފެށީ އިނގޭގޮތަށް. ދެން އެކަމު ފަހުން ކޮންމެ ސުވާލެއްވެސް ކުރެވޭ ސްކެޗްތައް ދައްކާ. ވަރަށް ބޮޑު ޕްރޮސީޖަރ އެއް.
އާރޓިސްޓް އައިމިނަތު ޝިމްހާ ޝަކީބް

ޝިމްހާ ބުނީ މި މަސައްކަތް އެއްކޮށް ނިންމުމަށް 18 މަސްދުވަސް ހޭދަވި ކަމަށާއި، މަސައްކަތް ފުރިހަމަ ކުރުމަށް ރައީސް ނަޝީދު އަދި މުޅި ޓީމްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބުނު ކަމަށެވެ.

ޝިމްހާ ޝަކީބް އަދި އެމްޑީ ޓޮލްގާ

ކުރެހުންތެރިޔާ ޝިމްހާއަކީ ލޭންޑްސްކޭޕް އަދި ފެންކުލައިގެ ކުރެހުމުގެ ވައްޓަފާޅިއަށް އައު ހިޔާލުތަކާއި ޓްރެންޑްތައް ހިމަނައިގެން ރާއްޖޭގެ ލޭންޑްސްކޭޕް ކުރެހުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. އަދި ކެންވަސްގައި ގުދުރަތީ ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އާޓިސްޓިކް ކްރިއޭޓިވިޓީގެ ހުނަރު ލިބިފައިވާ އާރޓް ޓީޗަރެއްވެސް މެއެވެ.

ތާރީޚީ ލިޔުންތަކާއި 1504 އިން 2020 ވަނަ އަހަރާއި ހަމައަށް މާލޭގެ ލޭންޑް ޕްރޮސެކިޔުޝަންސްގެ މައްޗަށް ބިނާކޮށް މި ކަލެކްޝަންގައި ހިމެނޭ "ފޯޓްރަސް މާލެ" ޗާޓު (ކަވަރޕޭޖް) ކުލަކޮށްދީފައިވަނީ ކުރެހުންތެރިޔާ އީގާން ބަދީއުއެވެ.

މި ކުރެހުންތަކަކީ ފޮތެއްގައި ހިމެނުމަށް ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން ކުރެހި ކުރެހުންތަކެއް ކަަމަށާއި، އަވަސް މުސްތަގުބަލެއްގައި އެފޮތްވެސް ނެރެދެއްވާނެ ކަމަށް ރައީސް ނަޝީދު އަދި ޝިމްހާ ވިދާޅުވިއެވެ.