ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ހއ. ތަކަންދޫ އަދި ލ.ފޮނަދޫ ކުރިއަށްދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.
އެ ޕްރޮޖެކްޓްގެ ދަށުން ތަކަންދޫ ސްކޫލުގައި ވަނީ އައުޓްޑޯ ރީޑިން ސަރަހައްދެއް ގާއިމްކޮށް ރަށުގައި ކޮމިއުނިޓީ ފޮތް ހަރުގަނޑުތަކެއް ބަހައްޓާފައެވެ. އެގޮތުން ތަކަންދޫ ސްކޫލުގެ ތެރޭގައިވާ ހުސް ޖާގަ ވަނީ ފޮތް ހަރުގަނޑު ބަހައްޓާ ހިޔާކޮށް ހަޓު ޖަހާފައެވެ.
އެ ޕްރޮޖެކްޓާ ގުޅޭގޮތުން ތަކަންދޫ އެކުވެރިންގެ ރޫހުގެ ފަރާތުން ބުނީ މިހާރު ލައިބްރަރީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ސްކޫލު އޮފީސް ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ އަމާޒަކީ ދަރިވަރުން ފޮތް ކިއުމަށާއި ކްލާހުން ބޭރުގައި ބާއްވާ ހަރަކާތްތަކަށް އެކަށީގެންވާ ރަނގަޅު ޖާގައެއް ހޯދައިދިނުންކަމަށް ތަކަންދޫ އެކުވެރިންގެ ރޫހުގެ ފަރާތުން މައުލޫމާތުދެއެވެ.
ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ފޮނަދޫގައިވެސް ވަނީ ސްކޫލު ސަރަހައްދުގައި އައުޓްޑޯ ރީޑިން ސަރަހައްދެއް ގާއިމްކޮށްފައެވެ. އެ ސަރަހައްދަކީ ލާމު އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހާއްސަކޮށް ގާއިމްކޮށްފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ގޮނޑިއާއި މޭޒު އަދި ފޮތް ހަރުގަނޑު ވަނީ ބަހައްޓާފައެވެެ.
އެ ޕްރޮޖެކްޓާ ގުޅޭގޮތުން ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާގެ ފަރާތުން ފާތިމަތު ޝަހީދާ ވިދާޅުވީ އެއީ އެ ރަށަށް ބޭނުންތެރި ތަނެއްކަމުގައެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.