ހިންގުމުގެ ނިޒާމް ހަރުދަނާކުރުމުގައި މިންތިއަށް އިސްކަންދިނުމަކީ އަންހެނުންނާއި މުޖުތަމައުގައި ހިމެނޭ ނާޒުކު ފަރާތްތަކުގެ ހިއްސާއާއި ބައިވެރިވުން އިތުރުކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ފަސްއަހަރުގެ ޔޫއެންޑީޕީ ގަވަނަންސް ޕޯޓްފޯލިއޯ ހިންގުމަށް ޔޫއެންޑީޕީ މޯލްޑިވްސް އާއި ދިވެހި ސަރުކާރުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާކަމަށާއި، އެކަމުގެ ހެޔޮ ބަދަލުތައްވެސް ފެންނަމުންދާކަމަށެވެ. އެކަމަނާގެ ވާހަކަފުޅުގައި އަންހެނުން ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ވިދާޅުވީ، ތަރައްގީގެ ބައިވެރިންނާއި، ކަމާބެހޭ އެކި ވުޒާރާތަކާއެކު ވީހާވެސް ގާތުން މަސައްކަތް ކުރަންޖެހޭ ކަމަށާއި، އަދި ވަކީން ޚާއްސަކޮށް، މުޖުތަމައުގައި އެންމެ އެކަހެރިކުރެވިފައިވާ ފަރާތްތައް ވީހާވެސް ބޮޑަށް ބައިވެރިކުރެވިގެން ސިޔާސަތުތަކާއި މަޝްރޫއުތައް އެކުލަވާލުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

ޔޫއެންޑީޕީ މޯލްޑިވްސް އިން ކުރިޔަށް އޮތް ފަސް އަހަރު ހިންގުމަށް ހަމަޖެހިފައިވާ އިންޓެގްރޭޓެޑް ގަވަރނަންސް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އިންސާނީ ހައްގުތަކާއި މިންތީގެ ހަމަހަމަކަމާއި، ޓެކްނޮލޮޖީއާއި ދޯޅު އަދި ކުރިޔާލާ އެކުލަވާލެވޭ ސިޔާސަތުތަކަށް ބާރު އަޅާ، މުސްތަގިއްލު، ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރެވޭގޮތަށް ދައުލަތް ހިންގުމާއި އަދުލުގެ ނިޒާމު ހިންގުމަށް ބާރުއަޅާ ރައްޔިތުންގެ ބާރާއި އިހުތިޔާރު ހިމެނިގެން ހިންގޭ، ހުޅުވާލެވިފައިވާ ދިމިގްރާތީ ނިޒާމެއް ބިނާކުރުމުގެ މައްޗަށެވެ.

ޕްރޮގްރާމްގެ ބެލެނިވެރި ފަރާތަކީ ދިވެހިރާއްޖޭގެ ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާ އިދާރާތައް ތަމްސީލުކުރާ ބޯޑެކެވެ. އެބޯޑުގައި ހިމެނިވަޑައިގަންނަވަނީ ޔޫއެންޑީޕީއިން ދިވެހިރާއްޖެއަށް ކަނޑަޅުއްވާފައިވާ މަންދޫބު، އެންރިކޯ ގަވޭލިއާއާއި، ދިވެހިރާއްޖޭގެ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތާއި، ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަފްޝަން ލަތީފްއެވެ.

މީގެއިތުރުން، މި ޕްރޮގްރާމްގެ ދަށުން ތިން ކަމެއް ހާސިލްކުރަން ވަނީ ކަނޑައަޅާފައެވެ. އެއީ ހުޅުވާލެވި، ލާމަރުކަޒުކުރެވިފައިވާ، އަދި މިންތީގެ ހަމަތަކަށް ބިނާވެފައިވާ ހިންގުމުގެ ނިޒާމެއް ގާއިމުކުރުމާއި، އެންމެނަށްވެސް އަދުލުވެރިކަމާއި އެކު ފޯރުކޮށްދެވޭ އިންސާނީ ހައްގުތަކާއި އިންސާފު އަދި، ބާރުވެރި، ބަދަހި، ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމެވެ.

މި ޕްރޮގްރާމްގެ މައިގަނޑު ލަނޑުދަނޑިއަކީ ދިމިގްރާތީ ހަމަތަކާއި، ދެމެހެއްޓެނިވި، މައުނަވީ އިންސާނީ ތަރައްގީއަށް ބާރުއަޅާ އަގުކުރުންތަކެއްގެ މައްޗަށް ބިނާވެފައިވާ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ދިވެހި ރައްޔިތުންނަށް ހޯދައިދިނުމެވެ.