• ބަންގީގެ އަޑު މަޑުކޮށް، މިސްކިތްތަކުގައި ފޮޓޯ ނެގުންވެސް ވަނީ މަނާކޮށްފައި

ރަމަޟާންމަހާ ދިމާކޮށް ސައުދީ އަރަބިއްޔާގެ ސަރުކާރުން އެގައުމުގެ މިސްކިތްތަކުގައި އަމަލުކުރުމަށް ހަރުކަށި އުސޫލުތަކެއް ތައާރަފް ކޮށްފިއެވެ.

ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އެންޑް ކޯލްއިން، މިސްކިތްތަކުގެ މުވައްޒަފުންނަށް އެންގި އެންގުންތަކުގެ ތެރޭގައި، މިސްކިތުގެ ބޭރަށް އަޑު އިވޭގޮތަށް ހަރުކޮށްފައިވާ ލައުޑްސްޕީކަރުތަކުގެ ވޮލިއުމް، ބަންގި ގޮވާއިރުއާއި، އަދި ގަމަށް ދޭއިރުވެސް ތިންބައިކުޅަ އެއްބައިގައި ބަހައްޓައިގެން ބަންގި ގޮވަން އެންގުން ހިމެނެއެވެ.

ސައުދީ އިސްލާމިކް މިނިސްޓްރީން މިދިޔަ ހަފްތާގައިވަނީ، ކުރިއަށްއޮތް ރަމަޟާންމަހުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ އެއްވެސް މިސްކިތެއްގައި ކުރާ ނަމާދު މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ވަގުތުން ދުރަށް ދެއްކުން މަނާކޮށް އިރުޝާދު ނެރެފައެވެ.

މައްކާ އަދި މަދީނާގެ މިސްކިތަކުންވެސް ނަމާދު ވަގުތުން ދުރަށް ދެއްކުން މަނާކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިކަން މިގޮތަށް ކޮށްފައިވަނީ، ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުހަންމަދު ބިން ސަލްމާންގެ އަމުރުފުޅަށް ކަމަށް ވެއެވެ.

ނަމާދު ލައިވްކުރުން މަނާކުރުމުގެ އިތުރުން، މިސްކިތްތަކުގައި ނަމާދުކުރާއިރު، އިމާމުންނާއި، ނަމާދުކުރާ މީހުންގެ ފޮޓޯ ނެގުމަށް މިސްކިތްތަކަށް ކެމެރާ ވެއްދުންވެސް ސައުދީ ސަރުކާރުންވަނީ މަނާކޮށްފައެވެ.

މިކަންކަމުގެ އިތުރުންވެސް، ރަމަޟާންމަހުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ އިންތިޒާމުތައް ހަމަޖައްސަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅައި ހުއްދަ ހޯދައިގެން އެކަން ކުރުމަށްވެސް ވަނީ އަންގާފައެވެ.

ސަރުކާރު ފިޔަވައި، ރޯދަ ވީއްލުމުގެ ޚިދުމަތްދޭން ބޭނުންވާ އަމިއްލަ ޖަމްއިއްޔާތަކުން މިސްކިތްތަކުގެ އިމާމުންނާ ގުޅިގެން އެކަން ކުރުމަށް ސައުދީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އެންޑް ކޯލްއިން އަންގާފައި ވެއެވެ. އަދި ރޯދަ ވީއްލުމުގެ ޚިދުމަތް ދެވެނީ އިމާމުން ކަނޑައަޅާ ތަނެއްގައެވެ.

އަމިއްލަ ގްރޫޕްތަކުންނާއި، ވަކިވަކި ފަރުދުންގެ ތެރެއިން ރޯދަ ވީއްލުމުގެ ކަންކަން އިންތިޒާމުކުރާ ފަރާތްތަކުންވެސް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އެކަން ކުރުމަށް އަންގާފައި ވެއެވެ. އޭގެ ތެރޭގައި އިސްރާފް ނުކުރުމާއި، ބޮޑެތި އަދަދުތަކުން އެކަމަށް ފައިސާ ހޭދަނުކުރުން ހިމެނެއެވެ.

މީގެއިތުރުން، މިސްކިތްތަކުގައި ރޯދަ ވީއްލުން އިންތިޒާމުކުރާ ފަރާތްތަކުންވެސް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ލައިސަންސް ދޫކޮށްފައިވާ ތަންތަނުން ކާބޯތަކެތި ހޯދުމަށް އަންގާފައި ވެއެވެ.

އަދި ރޯދަ ވީއްލުމުގެ ޚިދުމަތް މިސްކިތްތަކުގައި ދިނުމަށް ޚަރަދުކުރަން، ހެޔޮއެދޭ ފަރާތްތަކުން މާލީ އެއްވެސް އެހީއެއް ހޯދުން މިސްކިތްތަކުގެ މުވައްޒަފުންނަށް ވަނީ މަނާކޮށްފައެވެ.

ރޯދަމަހާ ދިމާކޮށް މިސްކިތްތަކުގައި އަމަލުކުރުމަށް ހަރުކަށި އުސޫލުތަކެއް ތައާރަފް ކުރިއިރު، ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުހަންމަދު ބިން ސަލްމާންގެ މޭސްތިރިކަމުގެ ދަށުން، ސައުދީ މުޖުތަމައު ދުނިޔެއަށް ހުޅުވާލަން ފަށާފައިވާ އިސްލާހީ މަސައްކަތުގެ ދަށުން ސައުދީ އަރަބިއްޔާގައި މިހާރު މިއުޒިކުގެ އަޑުވަނީ ގަދަވާން ފަށާފައެވެ. މިއުޒިކާއި، މުނިފޫހިފިލުވުމާއި، ކުޅިވަރުގެ ކަންކަން ގެންދަނީ ފުޅާކުރަމުންނެވެ. އެކަމުގެ ތެރެއަށް ޒުވާނުން ގެންދަނީ ވައްދަމުންނެވެ.