ދިރިއުޅޭ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އަމިއްލަ ޒިންމާއެއްކަމުގައި ދެކެން ޖެހޭކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، އެޗްޑީސީން އިންތިޒާމްކޮށްގެން ހުޅުމާޅެ ސާފުކުރުމަށްޓަކައި މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ބޭއްވި "ރޯދަ ސާފު" ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޝަރީފް ވިދާޅުވީ، އެހަރަކާތައް ހުރިހާ މުއައްސަސާއަކުންވެސް ތަރުހީބުދީ އެ މަސައްކަތުގައި ބައިވެރިވުމަކީ، ވަރަށް މުހިއްމު އަދި އެދެވޭ ކަމެއް ކަމަށާއި، އެ ހަރަކާތަކީ ހަގީގަތުގައި ރަމްޒީ ހަރަކާތެއް ކަމަށާއި، އެހެން ނަމަވެސް އެ ހަރަކާތަކީ ރަމްޒީ ހަރަކާތަކަށްވުރެ ފުޅާ ވިސްނުމަކުން ވިސްނަންޖެހޭ ހަރަކާތެއް ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ މީހަކީވެސް ފަރުދީ ހައިސިއްޔަތުން އެމީހަކު ދިރިއުޅޭ މާހައުލު ސާފު ކުރުމުގެ ޒިންމާ އެޅިފައިވާ ފަރާތެއް ކަމަށާއި، އެހެން ކަމުން އެންމެންވެސް ފަރުދީ ހައިސިއްޔަތަކުން އެ ޒިންމާ ނަންގައިގެން ނޫން ގޮތަކަށް، ދިރިއުޅޭ ވެށި ސާފުތަނަކަށް ނުހެދޭނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން މިއަދު އަޒުމް ކަނޑައަޅަންވީ، މިތަނުގައި ތިބި ހުރިހާ މުއައްސަސާތަކަކާއި، ހުރިހާ ފަރާތްތަކުންވެސް އަޒުން ކަނޑައަޅަންވީ، މި ރަމްޒީ ޕްރޮގްރާމަކީ ރަމްޒެއްކަމުގައި ބެލި ނަމަވެސް ހަގީގަތުގައި އަޅުގަނޑުމެން ދިރިއުޅޭ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ އަމިއްލަ ޒިންމާއެއްކަމުގައި ދެކެން"
ޝަރީފް

ޝަރީފް އިތުރަށް ވިދާޅުވީ، މިފަދަ ހަރަކާތްތަކުގައި ރާއްޖޭގެ ސުކޫލްތަކުގެ ދަރިވަރުން ބައިވެރިކުރުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށާއި، ހަގީގަތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިފަދަ ޕްރޮގްރާމްތަކަށް ދެއްވާ ތަރުހީބަކީ، މިކަންކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އެހެނިހެން އިދާރާތަކުން ޝުކުރުވެރިކަމާއި އެކީގައި ބަލައިގަންނަ ކަމެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ، މި ހަރަކާތަކީ ރައްޔިތުންނަށް ފައިދާހުރި ހަރަކާތަކަށް ވެގެންދާނެ ކަމަށެވެ.