ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން 2022 ވަނަ އަހަރުގެ އާރތު އަވަރ ފާހަގަކޮށްފިއެވެ.

ރާއްޖޭގެ އިތުރުން، މުޅި ދުނިޔޭގައި އާރތު އަވަރ ފާހަގަކުރާނީ އެ ގައުމެއްގެ ގަޑިން މިރޭ 8:30 އިން 9:30 އަށެވެ. ސަކްއުޓް އެސޯސިއޭޝަނުންގެ އާރތު އަވަރ ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލޭ ޣާޒީ ސްކޫލްގެ ގޯތިތެރޭގައެވެ.

މި ހަރަކާތުގައި މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ސްކައުޓުންނާއި، ރޯވަރ ސްކައުންޓުންގެ އިތުރުން ނޭޝަނަލް ސްކައުޓް ޔޫތު ކައުންސިލްގެ މެމްބަރުންނާއި، ސްކައުޓް އެސޯސިއޭޝަންގެ ވެރިންނާއި، ސްކައުޓް ލީޑަރުންގެ އިތުރުން ޚާއްސަ މެހްމާނުން ބައިވެރިވެވަޑައިގަތެވެ.

ހަރަކާތް ފަށާފައިވަނީ ކީރިތި ޤުރުއާނުގެ ބަރަކާތުން ގަޑިން 07:50 ގައެވެ. މަރްހަބާއި ތައާރަފަށްފަހު ދެން 8:25 ވަންދެން ކުރިއަށްދިޔައީ ހޭވައްލާ ބޮޑުބެރު ގްރޫޕްގެ ބޮޑުބެރު އައިޓަމްތަކެވެ. ގަޑިން 8:29 ވުމާއެކު މުޅި ޣާޒީ ސްކޫލްގެ ގޯތިތެރެ ގުގުމާލީ އާރތު އަވަރގެ ކައުންޓް ޑައުންގެ އަޑުންނެވެ. 8:30 އިން 9:31 އަށް އެސްކޫލްގެ ގޯތި ތެރެޔާއި ސްކޫލްގައި ހުރި ހުރިހާ ބޮތްކެއް ނިއްވާލިއެވެ. ޣާޒީ ސްކޫލުގެ ކޮމްޕައުންޑްގައި "+60" ރަމްޒުވާ ގޮތަށް އަތުރާލެވިފައިވާ އުއްބަތިތަކެއް އަލި ފިޔަވައި އިތުރު އައްޔެއް ނެތެވެ.

މި ހަރަކާތުގައި ދެން އޮތީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި މުހިއްޔިއްދީން ސްކޫލްގެ ސްކައުޓުންގެ އެކުދިން ހިންގާ ތިމާވެށީގެ ތަރައްގީގެ ދެ ޕްރޮޖެކްޓެއްގެ ތަޖުރިބާ ހިއްސާކުރުމެވެ. އެ ގޮތުން މުހިއްޔިއްދީން ސްކޫލްގެ ސްކައުޓް ގުރޫޕުން ވަނީ އެކުދިން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ .އަދި ޣިޔާސުއްދީން ސްކޫލްގެ ސްކައުޓުން ވަނީ ޕްލާސްޓިކާއި ދެކޮޅަށް އެ ސްކޫލްގެ ސްކައުޓް ގުރޫޕުން ކުރަމުން އަންނަ މަސައްކަތާ ގުޅޭ މައުލޫމާތު ހިއްސާ ކޮށްފައެވެ.

އޭގެފަހުން މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔައެވެ.

އާރތު އަވަރ ފާހަގަކުރުމަށް ސްކައުޓުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން --- ފޮޓޯ: ޒިދާން މުހައްމަދު

"އާރތު އަވަރ" އަކީ ހަކަތައިގެ ބޭނުމަށް ތެޔޮ އެންދުމުގެ ސަބަބުން ވިހަގޭސްތައް ޖައްވަށް ބޭރުވެ، މޫސުމަށް އަންނަ ބަދަލުތަކާއި، އެ ބަދަލުތަކުން ލިބޭ ގެއްލުންތަކުން ރައްކާތެރިވެ ތިބުމަށާއި، ގެއްލުން ކުޑަކުރުމުގެ ގޮތުން އެޅިދާނޭ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރި ކުރުމާއި، ފަރުދީ ފެންވަރުގައާއި، މުޖުތަމައުގެ ފެންވަރުގައި ހަރަކާތްތެރިވުމަށް ގޮވާލުމަށް ހިންގާ ބައިނަލްއަގްވާމީ އެންމެ ބޮޑު ހަރަކާތެވެ.

މިހަރަކާތުގައި ދިވެހިރާއްޖެއިން ބައިވެރިވާން ފަށާފައިވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ.

އާރތު އަވަރ ރާއްޖޭގައި ފާހަގަކުރުމުގައި ކޮންމެ އަހަރަކުވެސް އިސް ނަގަނީ ދިވެހި ސްކައުޓުންނެވެ. ސަބަބަކީ، ދުނިޔޭގެ ސްކައުޓް ޖަމްއިއްޔާއަކީ މި ހަރަކާތުގެ މުހިންމު ބައިވެރިއެއް ކަމުންނެވެ. އެހެންކަމުން، ވޭތުވެދިޔަ އަހަރުތަކުގައި ގައުމީ ފެންވަރުގައާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތަކުގެ ގްރޫޕް ފެންވަރުގައި އާރތު އަވަރ ފާހަގަކޮށްފައި ވެއެވެ.

އާރތު އަވަރ ފާހަގަކުރުމަކީ ރާއްޖޭގެ ހުރިހާ ރިސޯޓަކުންވެސް ޚާއްސަ ސަމާލުތަކެއް ދީގެން ކޮންމެ އަހަރަކު ބައިވެރިވާ ހަރަކާތެކެވެ. އަދި އާންމުންގެ ތަރްހީބުވެސް ބޮޑު ހަރަކާތެކެވެ.

އާރތު އަވަރގައި ބައިވެރިވުމުގެ ގޮތުންނާއި، އާންމުންނަށް ތާއީދުކުރުމުގެ ގޮތުން ދުނިޔޭގެ މަޝްހޫރު އެތައް ބިނާއަކާއި، އެތައް އިމާރާތެއް މިއަހަރުވެސް އެއްކޮށް ނިއްވާލިއެވެ. މަޝްހޫރު ބްރިޖްތަކާއި، އެނޫންވެސް މުހިންމު ތަންތަން ނިއްވާލިއެވެ.

އާރތު އަވަރއަކީ ހަމައެކަނި ސްވިޗެއް ނިއްވާލުމުގެ އިތުރުން، އިތުރު އެތައް ކަމެއް ހިމެނިގެން މިހާރު ފާހަގަކުރާ ވަގުތެކެވެ.

ވޭތުވެދިޔަ 2 އަހަރު އާރތު އަވަރ ދުނިޔޭގައި ފާހަގަކުރިއިރު، މުޅި ދުނިޔެ އޮތީ ކޮވިޑްގެ ބަލިމަޑުކަމާހެދި ހަރުކަށި އެތައް ފިޔަވަޅުތަކެއްގެ ތެރޭގައެވެ. 2020 ވަނަ އަހަރާއި، 2021 ވަނަ އަހަރުވެސް އާރތު އަވަރ ފާހަގަކޮށްފައިވަނީ ވާޗުއަލްކޮށެވެ.

މިދިޔަ އަހަރު އާރތު އަވަރ ފާހަގަކުރުމުގައި އެންމެބޮޑު އިސްކަމެއް ދެވުނު އެއް ކަމަކީ، އިންސާނުން ދިރިތިބުމަށް ބޭނުންވާ ދިރުންތަކުގެ ދުނިޔެއަށެވެ. ދިރޭތަކެއްޗާއި، ގަސްގަހާ ގެއްސާއި، ގުދުރަތުގެ އެހެންވެސް ދިރުންތަކަށެވެ. ސަބަބަކީ، އިންސާނުން އުޅެންޖެހުނު ހާލަތުގެ ސަބަބުން ތިމާވެށްޓާއި ދިރުންތައް ހިމާޔަތްކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރެވި އޮތުމުން ގުދުރަތީ މާހައުލު އަލުން ކޮޅަށް ޖެހުމަށެވެ.

ދުނިޔޭގައި ކޮވިޑްބަލީގެ ހާލަތު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައި ވާއިރު، މިއަހަރުގެ އާރތު އަވަރ ތީމަކީ "ޝޭޕް އަވަރ ފިއުޗަރ" އެވެ.