ކުރިއަށް އޮތް ރަމަޟާން މަހު ބޭންކް އޮފް މޯލްޑިވްސުުން ޙިދުމަތްދޭނެ ގަޑިތައް އާއްމުކޮށްފިއެވެ.

ބީއެމްއެލުން ބުނީ އެހެން މަސްތަކާއި ހިލާފަށް ރޯދަމަހު ބީއެމްއެލްއިން ހިދުމަތްދޭ ވަގުތުތައް މަދުވާނެކަމަށެވެ. އެގޮތުން ރޯދަމަހު ބީއެމްއެލުން ހިދުމަތް ދޭނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން ފެށިގެން މެންދުރު 12:00 އަށް ކަމަށާއި އަދި ކުރިއަށް އޮތް ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުވެސް ބޭންކުން ހިދުމަތް ލިބިގެންދާނީ މިގަޑިތަކުގައި ކަމަށެވެ.

ބީއެމްއެލްގެ ބްރާންޗުތަކުން ވަކި ވަގުތުތަކެއްގައި ހިދުމަތް ލިބުނަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ހިދުމަތްތަކާއި ބޭންކުގެ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށްވެސް މި ރަމަޟާން ތެރޭގައި ހިދުމަތް ދެމުން ގެންދާނެކަމަށް ބީއެމްއެލުން ބުނެއެވެ.

މި މުއްދަތުގެ ތެރޭގައި ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމާއި ޕޭ ރޯލްގެ އިތުރުން ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްގެ ހިދުމަތްދިނުން ހިމެނެއެވެ.

މި ހިދުމަތްތައް ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެދުވަހު އެދުވަހަށް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ހެނދުނު 9:00ގެ ކުރިން ޖަމާކުރާ އެހެން ބޭންކުތަކުގެ ޗެކްތައް އެދުވަހު ޕްރޮސެސްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ރަމަޟާން މަހަކީ އެހެން މައްސަރުތަކާއި ޚިލާފަށް ސަރުކާރުންވެސް މަސައްކަތުގެ ވަގުތުތަކަށް ބަދަލު ގެންނަ މަހެކެވެ.