މާފަންނު ގެއެއްގެ ތަޅުންގަނޑު ދަށުގައި 42 ކިލޯގެ މަސްތުވާތަކެތި ވަޅުލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރު އަހުމަދު ހަސަންގެ ބަންދަށް ކޯޓުން ދިހަ ދުވަސް ޖަހައިފިއެވެ.

ޕީއެންސީގެ ޓިކެޓްގައި އަލިފުށި ދާއިރާއަށް އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކޮށް ނާކާމިޔާބުވި، އަހުމަދު ހަސަންގެ އިތުރުން މި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް އެ މީހާގެ ބަންދާއިމެދު ނިންމި ގޮތެއް އަދި ނޭނގެއެވެ.

ޕީއެންސީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުއްޓާ މި މައްސަލަ ފެންމަތިވުމުން، އަހުމަދު މިހާރު ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެތި ހުކުރު ވިލޭރޭ ހޯދީ ކުޑަކުދިންގެ މައްސަލަތައް ބަލާ ފުލުހުންގެ ޑިޕާޓްމަންޓް ކަމަށްވާ އެފްސީޕީޑީ ކައިރީ ކަނބާ އައިސާރަނި ހިނގުމުގައި ދެ ބުރިއަށް ހަދާފައި ފަޅަށް ހުރި އެ ގެއަކުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތި ރައްކާ ކޮށްފައި ހުރީ ތަޅުމެއްގެ ގޮތައް ދައްކަން ތަޅުން އަޅާފައި ހުރިތަނެއްގައި ކަމަށެވެ. ފޮޓޯ އިން ފެންނަ ގޮތުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރީ ވަޅުގަނޑެއްގެ ތެރޭގައެވެ. އެވަޅުގަނޑަށް މަސްތުވާތަކެތި އެޅުމަށްފަހު ވަނީ ތަޅުން އަޅާފައެވެ.