ރަޝިޔާ ސަރުކާރު ބަދަލުކޮށްލަން އެމެރިކާއިން މަސައްކަތް ނުކުރާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

އެންތަނީ ބްލިންކެން މިހެން ވިދާޅުވީ، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއާއި އޭނާގެ ވެރިކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ރަޝިޔާ ވަރަށް ބޮޑަށް ރުޅިއައިސް ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުންނެވެ.

ޕޯލެންޑްގައި އެމެރިކާގެ ރައީސް ބައިޑެން ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިންގައި ފެށި ހަނގުރާމައަކީ ރަޝިޔާއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެއްކަން މިހާތަނަށްވެސް ހާމަވެފައިވާ ކަމަށާއި، އެހެންކަމުން ޕޫޓިންއަށް ވެރިކަމުގައި ހުރެވިގެން ނުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، ރަޝިޔާ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ހުންނަވާ ރައީސަކު ކަނޑައެޅުމަކީ ރަޝިޔާ ރައްޔިތުންގެ އިޚްތިޔާރުގައިވާ ކަމެއް ކަމަށެވެ.

ރަޝިޔާގެ ރައީސްކަމުގައި ހުންނަވާނެ ބޭފުޅަކު ކަނޑައެޅުމަކީ ބައިޑެން ނިންމަވާ ކަމެއް ނޫން ކަމަށާއި، ރަޝިޔާގެ ރައީސް އިންތިޚާބު ކުރާނީ ރަޝިޔާގެ ރައްޔިތުން ކަމަށް ޕެސްކޯވް ވިދާޅުވިއެވެ.

ރަޝިޔާ ސަރުކާރުގެ މި ވާހަކަތަކާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިކެން ވިދާޅުވީ، ރަޝިޔާ ސަރުކާރު ބަދަލުކޮށްލަން އެމެރިކާއިން އެއްވެސް ސިޔާސަތެއް ނުގެންގުޅޭ ކަމަށެވެ.

ބްލިންކެންވަނީ، ބައިޑެން ދެއްކެވި ވާހަކަފުޅުތަކުގެ ތަފްސީލް ހާމަކޮށްދެއްވާފައެވެ.

އޭނާ ވިދާޅުވީ، ބައިޑެން ފާހަގަކުރެއްވި ނުކުތާއަކީ އަވަށްޓެރި ގައުމުތަކާއި އަދި ސަރަހައްދުގެ އެހެން ގައުމުތަކާ ދެކޮޅަށް ހަނގުރާމަކޮށް އަނިޔާވެރި އަމަލުތައް ހިންގުމުގެ ބާރުތައް ޕޫޓިންއަށް އޮވެގެންވާނެ ކަމަށް ގަބޫލު ނުކުރައްވާކަން ކަމަށެވެ.

އެއީ، ރަޝިޔާގެ ސަރުކާރު ނުވަތަ ޕޫޓިން ވެރިކަމުން ދުރުކުރަން އެމެރިކާއިން އުޅޭ ވާހަކަ ނޫން ކަމަށް ބްލިންކެން ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން މީގެކުރިންވަނީ، ރަޝިޔާގެ ރައީސް ޕޫޓިންއަކީ "ހަނގުރާމައިގެ މުޖުރިމެއް" ކަމަށްވެސް ސިފަ ކުރައްވާފައެވެ.

މިކަމާ ގުޅިގެން ރަޝިޔާއިން ބުނެފައިވަނީ، ރަޝިޔާ ސަރުކާރުގެ އެންމެ އިސް ވެރިޔާއާ ގުޅޭގޮތުން ބައިޑެން ދެއްކެވި މި ވާހަކަތަކަށް ދުވަހަކުވެސް މައާފް ނުކުރާނޭ ކަމަށެވެ.