ޔޫކްރެއިންގެ ކިބައިން ވަކިވެ މިނިވަންކަން އިއުލާންކޮށްފައިވާ ލުހާންސްކް، ޔޫކްރެއިނުން ވަކިވެ ރަޝިޔާގެ ވެރިކަމުގެ ދަށަށް ދިއުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅޭތީ ޔޫކްރެއިނުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.

ޔޫކްރެއިން ސަރުކާރުން ބުނެފައިވަނީ، ޔޫކްރެއިންގެ ސަރަހައްދެއްގައި ރަޝިޔާއިން ނަގާ އެފަދަ ވޯޓެއްގެ އެއްވެސް ގާނޫނީ ސައްހަކަމެއް ނޯންނާނެ ކަމަށެވެ. އަދި އެކަމަކީ، ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާނެ ކަމެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ.

ލުހާންސްކްއަކީ ރަޝިޔާ ސިފައިން ޔޫކްރެއިނަށް އެރުމުގެކުރިން، މިނިވަން ސަރަހައްދުތަކުގެ ގޮތުގައި ރަޝިޔާއިން ރަސްމީގޮތުން ބަލައިގަތް ޔޫކްރެއިންގެ ދެ ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. ރަޝިޔާއިން ދެން ބަލައިގަތީ ޑޮނެސްކެވެ.

ލުހާންސްގެ ލީޑަރު ލިއޮނިޑް ޕަޝެނިކް މިއަދު ވިދާޅުވެފައިވަނީ، އެ ސަރަހައްދަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ހެދުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވިސްނަމުންދާ ކަމަށެވެ.

ޔޫކްރެއިންގެ ޚާރިޖިއްޔާގެ ތަރުޖަމާނު އޮލެގް ނިކޮލެންކޯ ވިދާޅުވީ، އެފަދަ ކަމެއް ކޮށްފިނަމަ ދުނިޔޭގެ ވަރުގަދަ ދެކޮޅުހެދުން ތަކާއެކު ރަޝިޔާ ދުނިޔޭގައި އިތުރަށް އެކަހެރިވުން ނޫންކަމެއް ނުވާނެ ކަމަށެވެ.

"ހިފާފައިވާ ސަރަހައްދުތަކުގައި ނަގާ އެފަދަ ފޭކް ރެފަރެންޑަމަކީ އެއްވެސް ގާނޫނީ ހައިސިއްޔަތެއްނެތް، އެއްވެސް ބުރަދަނެއް ހުންނަ އެއްޗަކަށް ނުވާނެ"
އޮލެގް ނިކޮލެންކޯ

ޔޫކްރެއިންގެ އަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާ ކީރިލޯ ބުޑަނޯވް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މުޅި ޔޫކްރެއިން ހިފައި އަތްދަށުލުމަށް ރަޝިޔާއިން ފެށި މަސައްކަތް ކާމިޔާބުވާގޮތް ނުވުމުން މިހާރު މަސައްކަތް ކުރަނީ ޔޫކްރެއިން ދެބައިކޮށް، ރަޝިޔާގެ ކޮންޓްރޯލް އޮންނަ ބައެއް ގާއިމްކުރަން ކަމަށެވެ.

ރަޝިޔާއިން މިހާރު މަސައްކަތް ކުރަނީ "ދެކުނު ކޮރެއާ – އުތުރު ކޮރެއާ" އެއް ޔޫކްރެއިންގައި އުފައްދަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަސްކަރީ ޖާސޫސީ ވެރިޔާ ކީރިލޯ ބުޑަނޯވް ވިދާޅުވީ، ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައިއޮތް ޔޫކްރެއިންގެ ސަރަހައްދުތަކުގައި ޔޫކްރެއިނުން ވަރަށް އަވަހަށް ގެރިއްލާ ހަނގުރާމައެއް ފަށާނެ ކަމަށެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަމަލާތައް ދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހުއެވެ.

ހަމަލާތަކަށް 32 ދުވަސް ވެގެންދިޔަ އިރުވެސް ރަޝިޔާ ބޭނުންވި އެއްވެސް މަގްސަދެއް ހާސިލްނުވާކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ވިދާޅުވެއެވެ. އެކަން ކުރެވޭގޮތް ނުވީ، ޔޫކްރެއިން ސިފައިންގެ ރައްދު ހަމަލާތައް ވަރުގަދަވެ، ރަޝިޔާ ސިފައިންގެ ގިނަބަޔަކު މަރުވެ، ހަތިޔާރާއި، އަސްކަރީ ވެހިކަލްތަކަށްވެސް ބޮޑެތި ގެއްލުންތައް އަމާޒުވުމުންނެވެ.

ޔޫކްރެއިންގައި ކުރިއެރުން ލިބޭގޮތް ނުވުމުން ރަޝިޔާގެ ސިޔާސަތު ބަދަލުކޮށް މިހާރު ވިސްނަނީ ޑޮންބަސް ސަރަހައްދު އެއްކޮށް ހިފުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ލުހާންސްކާއި ޑޮނެސްކް ހިމެނެނީ ޑޮންބަސްގެ ތެރޭގައެވެ.

ރަޝިޔާއިން 2014 ވަނަ އަހަރު ޔޫކްރެއިންގެ ކްރައިމިއާ ހިފައި، އެގައުމުގެ އަމިއްލަ ބިމަކަށް ހަދާފައި ވެއެވެ.