ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހަ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުން އަންނަ ކަމަށް ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ސައުތު ޕޮލިސް ރީޖަން (ގއ. ގދ. ސ އަދި ޏ އަތޮޅު ހިމެނޭ ސަރަހައްދު)ގައި 6 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 24 ވަނަ ދުވަހު އެ މުވައްސަސާއަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 59 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. ކޯޓު އަމުރުގެ ދަށުން އެ އަންހެން މީހާ ހައްޔަރުކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް ޖެންޑަރ ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.

ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ އިދާރާތަކުން ކުއްޖާ ނިސްބަތްވާ ރަށާއި އަތޮޅު ހާމަނުކުރާނެއެވެ.

ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މައްސަލަތަށް ފަހަކަށް އައިސް ރާއްޖޭގައި ހިނގާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

މުޖްތަމަޢުގައި ހިމެނޭ ކުޑަކުދިންނަށް ނުރައްކަލެއް ކަމަށް ވެދާނެ މީހުންގެ ކިބައިން، އެކުދިން ރައްކާތެރިކޮށް، އެގޮތުގައި އެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަޙްޤީޤުގެ މަރްޙަލާގަޔާއި، ޝަރީޢަތުގެ މަރްޙަލާގައި ބަންދުގައި ބޭތިއްބުމާއި، ކުށުގެ އަދަބުން މިންޖުވުމަށްފަހުވެސް ވަކިކަހަލަ ނިޒާމެއްގެ ތެރެއިން ބެލެހެއްޓެމުންދާނެގޮތް ހެދުމަކީ ގާނޫނުން ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަމެވެ.

މީގެއިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި، އެކަމަށް އެހީތެރިވާ މީހުންނަށް ހަރުކަށި އަދަބު ދިނުމާއި، ޖިންސީ ގޯނާއިން ކުޑަކުދިންނަށް ލިބޭ ގެއްލުމަށް ބަދަލު ހޯދައިދިނުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، މުޖްތަމަޢުގެ އެހެން މީހުންނަށް އެނގޭނެގޮތެއް ހެދުމާއި، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާކުރިގޮތް ނުވަތަ އެކަން ހިންގިގޮތް، ކުޑަކުއްޖާގެ ކިބައިން، ޢަމަލުން، ޙަރަކާތުން، ނުވަތަ އެނޫންވެސް ގޮތަކުން ޖިންސީ ގޯނާކުރި ގޮތް ޝަރީޢަތުގެ މަޖިލީހުގައި ދެއްކުމަށް ނުއެދުން އެއީވެސް ގާނޫނުން ލާޒިމުކުރާ ކަންކަމެވެ.