ރޯދަ މަހާ ދިމާކޮށް މާލެ ސިޓީ ކައުންސިލުން ބާއްވަން ނިންމި ނައިޓް މާކެޓް ވަގުތު ނެތުމުން ކެންސަލްކޮށްފިއެވެ.
މި ނައިޓް މާކެޓް މާލޭ އުސްފަސްގަނޑުގައި 10 ދުވަހަށް ކުރިއަށްގެންދަން ކައުންސިލުން ތާވަލްކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހަށެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލުގެ މީޑިއާ އެގްޒެކްޓިވް މަރިޔަމް ޝިއުނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ރޯދައަށް ހާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ސިޓީ ނައިޓް މާކެޓް" ވަގުތު ނެތުމުގެ ސަބަބުން ކުރިއަށް ނުގެންދިއުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް އާންމު ރައްޔިތުންނަށް ހެޔޮއަގުގައި ތަކެތި ހޯދައިދިނުމަށް ކައުންސިލުން އިސްނަގައިގެން އަންނަނީ ނައިޓްމާރކެޓް ބާއްވަމުންނެވެ.
ނަމަވެސް ރޯދައަށް ވާންޖެހޭ ތައްޔާރީތައް ވުމުގަ ވަގުތު ނެތުމުގެ ސަބަބުން ނައިޓް މާކެޓް ކުރިއަށް ނުގެންދިޔަނަމަވެސް ކުރިއަށް އޮތްތަނުގަ މިފަދަ މާކެޓްތައް ބާއްވާނެ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިއީ ރަމަޟާން މަހާ ގުޅިގެން އާންމުންނަށް ހެޔޮ އަގުގައި ރޯދައަށް ބޭނުންވާ ސާމާނު ހޯދައި ދިނުމުގެ ގޮތުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުން ބާއްވާ ނައިޓް މާކެޓެއް ކަމަށެވެ.