ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ބައްދަލުވުމެއް މި ދަނޑިވަޅުގައި ބޭއްވުން މުހިންމު ނޫން ކަމަށް ރަޝިޔާއިން ބުނެފިއެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަގްރެއި ލަވްރޯފް ވިދާޅުވީ، ޕޫޓިން-ޒެލެންސްކީގެ ސީދާސީދާ ބައްދަލުވުމުގެ ފުރުސަތު މިވަގުތަށް ކުޑަ ކަމަށެވެ. އަދި އެފަދަ ބައްދަލުވުމެއް ބޭއްވި ނަމަވެސް އެދެވޭ ނަތީޖާއެއް ނުނިކުންނާނެ ކަމަށް ވިދާޅުވިއެވެ.
ލަވްރޯފް ވިދާޅުވީ، ޕޫޓިންއާއި ޒެލެންސްކީގެ ބައްދަލުވުމެއް ބޭއްވުމުގެ ކުރިން، ދެގައުމުގެ ދެމެދުގައި މަޝްވަރާކޮށް މުހިންމު މައްސަލަތަކަށް އެއްބަސްވާންޖެހޭ ކަމަށެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް އެރިފަހުން ދެގައުމުގެ މަންދޫބުންގެ މެދުގައި ވާހަކަތައް ފަށާފައި ވެއެވެ.
ފުރަތަމަ ވާހަކަތައް ބޭއްވީ ޔޫކްރެއިން-ބެލަރޫސް ބޯޑަރު ސަރަހައްދުގައި ނަމަވެސް، މިހާރު ވާހަކަތައް ކުރިއަށް ގެންދިޔައީ ވީޑިއޯ ލިންކް މެދުވެރި ކޮށެވެ. މި ވާހަކަތަކުން މާބޮޑު ކުރިއެރުންތަކެއް ނުލިބުނެވެ.
މި ހަފްތާގައި ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތުރުކީގެ އިސްތަމްބޫލްގައެވެ. މިއީ، ތުރުކީން އިސްނަގައިގެން ބާއްވާ މަޝްވަރާތަކެވެ.
ތުރުކީ މަޝްވަރާތައް ކުރިއަށް ގެންދަން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާއި، ރަޝިޔާގެ ރައީސް ޕޫޓިން އިއްޔެވަނީ ފޯނުން ވާހަކަފުޅު ދައްކަވައި އެއްބަސްވެވަޑައި ގެންފައެވެ.
އެހެން ނަމަވެސް، ޔޫކްރެއިންގެ ދާޚިލީ ވުޒާރާގެ މުޝީރު ވިދާޅުވީ، ތުރުކީގައި ބާއްވާ ވާހަކަތަކުން މުހިންމު މައްސަލަތަކަށް މާބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ތުރުކީން އިސް ނަގައިގެން ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ޑީމިޓްރީ ކުލޭބާއާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފްވަނީ މިމަހުގެ ކުރީކޮޅު ތުރުކީގައި ބައްދަލު ކުރައްވާފައެވެ. މިއީ، ހަނގުރާމަ ފެށުނުފަހުން ދެގައުމުގެ މި ފެންވަރުގެ ބޭފުޅުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް، ވާހަކަތައް ނިމުނީ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ.
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ މިއަދުވަނީ، ރަޝިޔައާއެކު ވާހަކަތައް ބޭއްވިޔަސް ޔޫކްރެއިންގެ ބިމުން އެއްވެސް ބައެއް ދޫކޮށް ނުލެވޭނޭކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، ޑޮންބަސް މައްސަލާގައި ދޫތަކެއް ދެވިދާނޭކަމުގެ އިޝާރާތެއް ޒެލެންސްކީ އިއްޔެ ދެއްވާފައި ވެއެވެ.
ޑޮންބަސް ސަރަހައްދު ހޯދަން ރަޝިޔައިން މަސައްކަތް ކުރާއިރު، ރަޝިޔާއިން ޔޫކްރެއިނަށް ހުށަހަޅާ އެއް ކަމަކީ، 2014 ވަނަ އަހަރު ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ކްރައިމިއާ ސަރަހައްދަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ޔޫކްރެއިނުން ރަސްމީގޮތުން ބަލައިގަތުމެވެ.
އަދި ޔޫކްރެއިނަކީ ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި އޮތުމަށާއި، ނޭޓޯގެ މެމްބަރަކަށް ވުމުގެ ޚިޔާލު ދޫކޮށްލުމާއި، ޔޫކްރެއިންގެ އަސްކަރިއްޔާ ކުޑަކުރުމަށް ރަޝިޔާއިން ހުށަހަޅާފައި ވެއެވެ.