ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ ލީގު، އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގެ ކުޅުން، އަންނަ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު ފެށުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

މި ސީޒަނުގެ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މިދިޔަ ސީޒަނުގެ ލީގުގައިވެސް ކުޅުނު އަށް ޓީމާއެކު މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކުރިއަށްދާއިރު، މި ފަހަރުގެ ލީގުގައިވެސް ތިން ބުރު ކުޅުމަށް ވަނީ ނިންމާފައެވެ. ލީގުގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމަކުން 7 މެޗު ކުޅެފައިވެއެވެ.

ފުރަތަމަ ބުރުގެ ފުރަތަމަ މެޗުގައި ކުޅެފައިވަނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. މިމެޗުވީ އެއްވަރެވެ.

ފުރަތަމަ ބުރުގެ މެޗުތައް ކުޅެ ނިމުނުއިރު ލީގު ތާވަލުގެ އެއްވަނަ ލިބެނީ ކުޅުނު 7 މެޗުވެސް ކާމިޔާބުކޮށް، ޖުމްލަ 21 ޕޮއިންޓު ހޯދާފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ދެވަނައިގައި އޮތް އީގަލްސް އަށްވަނީ 16 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު ވެލެންސިއާއެވެ. ހަތަރުވަނައިގައި 10 ޕޮއިންޓާއެކު ޓީސީ އޮތްއިރު، ފަސް ވަނައިގައި ޔުނައިޓެޑް ވިކްޓްރީ އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް ސަސް އަށް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ހަތް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ލިބެނީ ހަތަރު ޕޮއިންޓެވެ. ފުލުގައި އޮތީ އަދި މި ސީޒަނުގައި މޮޅެއް ނުލިބި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ.

ލީގުގެ ދެވަނަ ބުރުގެ ކުޅުން އަންނަމަހު 7 ވަނަ ދުވަހު ފަށާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި އީގަލަސް އެވެ. ދެވަނަ ބުރުގައިވެސް ކޮންމެ ޓީމެއް 7 މެޗު ކުޅޭނެއެވެ. އެހެންނަމަވެސް ދެވަނަ ބުރުގައި ދެ ބްރޭކެއް ނަގާނެއެވެ. އެގޮތުން ފުރަތަމަ ބްރޭކް ނަގާނީ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 4 ވަނަ ދުވަހާއި ހަމައަށެވެ. މިއީ ރަމަޟާން މަހުގެ ފަހު 10 ދުވަހާއި ދިމާވާތީވެ، ޝެޑިއުލް އަށް އިތުރު ބަދަލެއް ނުގެނައުމަށް ނިންމި ނިންމުމެކެވެ.

އަދި އޭގެ އިތުރުން ދެން ހިމަނާފައިވާ ބްރޭކަކީ މެއި 12 އިން ޖޫން 20 ވަނަ ދުވަހަށް ނަގާ ބްރޭކެކެވެ. މިއީ މެއި މަހު އިންޑިއާގެ ކަލްކަތާގައި ކުރިއަށްދާ އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކާއި ޖޫން މަހު އުޒްބެކިސްތާންގައި ކުރިއަށްދާ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ނަގާފައިވާ ބްރޭކެކެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތް ރާއްޖޭގެ ޓީމަކީ މާޒިޔާއެވެ. ދެން މި ގްރޫޕްގައި އޮތީ އިންޑިއާގެ ގޮކުލަމް ކެރަލާ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ދެން މި ގްރޫޕްގެ ބާކީ އޮތް ޖާގަ ލިބޭނީ ކޮލިފައިން ބުުރުން އަންނަ ޓީމަކަށެވެ. ކޮލިފައިން ބުރުގައި ރާއްޖޭގެ ވެލެންސިއާ، ބަންގްލަދޭޝްގެ އަބަހާނީ އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ވާދަކުރެއެވެ.

ޖޫން މަހު އޮތް އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެ ވާދަކުރާނީ ހޯސްޓް، އުޒްބެކިސްތާންގެ އިތުރުން ތައިލެންޑާއި ސްރީ ލަންކާއާއެެވެ.