"ރަޙްމަތެރިނޫން" ގައުމުތަކުގެ ރައްޔިތުންނަށް ރަޝިޔާގެ ވިސާ ދިނުން ހުއްޓާލަން ތައްޔާރުވަމުން އަންނަ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ރަޝިޔާ ސަރުކާރުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، ރަޝިޔާއަށް އެތެރެވުމަށް ވިސާދިނުން ހުއްޓާލަން ނިންމާފައިވަނީ، ރަޝިޔާއާ "ރަހްމަތްތެރިނޫން ގައުމުތައް" ކަމަށް އެގައުމުން ކަނޑައަޅާފައިވާ ގައުމުތަކުގެ ރައްޔިތުންނަށް ކަމަށެވެ.

އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ، އިނގިރޭސިވިލާތުގެ އިތުރުން، ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ 27 ގައުމެވެ.

މިއީ، ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި އަސްކަރީ ހަމަލާތަކާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އިގްތިސާދީ ގޮތުންނާއި، މާލީގޮތުން ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ.

ޓީވީ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވިދާޅުވީ، އެ ގައުމުތަކުގެ ރައްޔިތުންނަށް ރަޝިޔާގެ ވިސާދިނުން މަނާކުރާ ރިޔާސީ ގަރާރުގެ ދެލިކޮޕީ އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ވިސާ ދިނުން މަނާކުރުމުގެ އިތުރުންވެސް، އެގައުމުތަކުގެ ރައްޔިތުން ރަޝިޔާއަށް އެތެރެވުމުގައި ދަތިކުރުމުގެ އެހެން ފިޔަވަޅުތައްވެސް ގަރާރުގައި ހިމެނޭނެ ކަމަށް ލަވްރޯފް ވިދާޅުވިއެވެ.

ރަޝިޔާ ސަރުކާރުގެ ވެރިންނާއި، ސަރުކާރަށް ވާގިވެރިވާ އެތައް ބިލިއަނަރުންނާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އެޅި އިގްތިސާދީ އަދި މާލީ އެތައް ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ރަޝިޔާއަށާއި، ރަޝިޔާގެ ރައްޔިތުންނަށް މިހާރުވެސް ވަނީ ކުރަން ފަށާފައެވެ.

ގައުމުތަކުގެ އިތުރުން، ދުނިޔޭގެ ބޭންކްތަކުންވެސް ރަޝިޔާއަށް ދަތިކޮށް، ބޮޑެތި ވިޔަފާރި ކުންފުނިތަކުންވެސް ގެންދަނީ ރަޝިޔާއާ ދުރަށް ޖެހެމުންނެވެ.

މިފިޔަވަޅުތަކުގެ އަސަރު ކުޑަކުރުމަށް ރަޝިޔާ ސަރުކާރުން މިހާރު ގެންދަނީ ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ.