ރަޝިއާ އިން ޔޫކްރެއިން އަށް އަރައިގަނެ ދެމުންގެންދާ އުދުވާނީ ހަމަލާތައް ހުށްޓާލުމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން ރަޝިއާގެ ބިލިއަނަރު އަދި އިނގިރޭސި ފުޓުބޯޅައިގެ ގަދަބާރު، ޗެލްސީގެ ވެރިޔާ ރޯމާން އަބްރަމޮވިޗަށް ވިހަ ދީފައިވާކަމަށް އޭނާގެ ތަރުޖަމާނު ތުހުމަތުކޮށްފިއެވެ.
މިއީ މިމަހުގެ ކުރީކޮޅު ޔޫކްރެއިންގެ ކީވްގައި ކުރިއަށް ގެންދިޔަ މި މަޝްވަރާ ބައްދަލުވުމުގައި، ރަޝިއާގެ ފަރާތުން މަންދޫބެއްގެ ގޮތުގައި އަބްރަމޮވިޗް ބައިވެރިވެފައިވެއެވެ. އަބްރަމޮވިޗް ވަނީ މިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މިފަދަ އެތައް މަޝްވަރާ ބައްދަލުވުމަކަށް ރަޝިއާގެ މޮސްކޯ އާއި ޔޫކްރެއިންގެ ކީވް އާއި ދެމެދު އެތައް ދަތުރުތަކެއް ކޮށްފައެވެ. އެގޮތުން އަބްރަމޮވިޗް އާއި ޔޫކްރެއިންގެ ރައީސް، ވްލޮޑޮމީރް ޒެލެންސްކީ އާއިވެސް ބައްދަލުވުމެއް ބާއްވާފައިވާކަމަށް އަބްރަމޮވިޗްގެ ތަރުޖަމާނާއި ހަވާލާދީ ބޭރުގެ ބޮޑެތި މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ޒެލެންސްކީ އާއި ބައްދަލުކުރުމަށްފަހު ކީވްގައި މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން އަބްރަމޮވިޗަށް ވިހަ ދީފައިވާ ކަމަށް ތަރުޖަމާނު ބުނެފައިވާއިރު، "ދަ ވޯލް ސްޓްރީޓް ޖާނަލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔޫކްރެއިންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި ދެ މަންދޫބަކަށްވެސް ވިހައިގެ އަސަރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ ޕާލިމެންޓް މެމްބަރަު، ރުސްޓެމް އުމެރޯވް ވެސް ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި އަބްރަމޮވިޗް އާއި ވިހައިގެ އަސަރުކުރި އެހެން މަންދޫބުންގެ ހާލުވެސް މިހާރު ރަނގަޅުވަމުން އަންނަކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އަބްރަމޮވިޗްގެ ތަރުޖަމާނު މީޑިއާއަށް މައުލޫމާތުދެމުން ބުނީ، މި ވިހައިގެ ސަބަބުން އަބްރަމޮވިޗްގެ ލޮލަށް އޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި، ހަމުގެ މައްސަލަތަކެއްވެސް ކުރިމަތިވި ކަމަށެވެ.
މިކަމާއި ގުޅިގެން މަޝްހޫރު ތަހުގީގީ ނޫސްވެރިކަމުގެ ގްރޫޕް ބެލިންގްކެޓް ރިޕޯޓުކޮށްފައިވާ ގޮތުގައި، އަބްރަމޮވިޗާއި މި ބައްދަލުވުމުގައި ބައިވެރިވި ބައެއް މަންދޫބުންނަށް ކޮށްފައިވަނީ ކެމިކަލް ހަތިޔާރުގައި ބޭނުންކުރާފަދަ ވަރުގަދަ ވިހައެއް ކަމަށެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަންދޫބުންނަށް ވިހަ ދީފައިވަނީ މި މަޝްވަރާތައް ހުށްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ރަޝިއާ އަށް ނިސްބަތްވާ ގުރޫޕުތަކަށް ވާގިވެރިވާ ފަރާތްތަކަކުންނެވެ.
ވިހަ ދިންކަމަށް ތުހުމަތު ކުރެވޭ ދުވަހަށްފަހު އަބްރަމޮވިޗް އެންމެފަހުން ފެނިފައިވަނީ އޭގެ 10 ދުވަސް ފަހުން މިމަހުގެ 14 ވަނަ ދުވަހު، އިސްރާއީލްގެ އެއާޕޯޓުންނެވެ. އިނގިރޭސިވިލާތުން ރަޝިއާގެ ސަރުކާރަށް ވާގިވެރިވާ ފަރާތްތަކަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، މީގެކުރިން އަބްރަމޮވިޗް ވަނީ އިސްރާއީލްގެ ރަށްވެހިކަން ހޯދާފައެވެ.
ޔޫކްރެއިން - ރަޝިއާ ގެ ސުލްހައިގެ މަޝްވަރާތަކުގައި ކޮންމެވެސް ވަރެއްގެ ދައުރެއް އަދާކުރަމުން އަންނަ އަބްރަމޮވިޗަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކޮށްފައެވެ. އެގޮތުން އޭނާގެ މުދާ ގަނޑުކުރުމާއި، އޭނާގެ މިލްކިއްޔާތުގައި ހިމެނޭ އެކިއެކި މުދަލާއި ކަންކަމަކަށް، އެކިވަރުގެ ފިއްތުންތައް ކުރިމަތިކުރުވުން ހިމެނެއެވެ.
އެގޮތުން އޭނާގެ މިލްކުވެރިކަމުގައިވާ ޗެލްސީ އަށް ކުރިމަތި ކުރުވި ފިއްތުންތަކުގެ ސަބަބުން އަބްރަމޮވިޗަށް ވަނީ އެކުލަބު ވިއްކާލަންވެސް މަޖުބޫރުވެފައެވެ. ޗެލްސީ ވިއްކާލަން ނިންމިކަން އަބްރަމޮވިޗް ހާމަކުރުމާއެކު އެކުލަބު ގަތުމަށް ދުނިޔޭގެ މުއްސަނދި އެތައް ވިޔަފާރިވެރިއަކާއި އެތައް ކުންފުންޏަކުން ވަނީ ބިޑުކޮށްފައެވެ.
ޗެލްސީ ވިއްކާލުމުގެ އެންމެހާ މުއާމަލާތެއް ކުރަމުން އަންނަ ގްރޫޕުން ވަނީ، ޗެލްސީ ގަންނަން ހުށަހެޅި އެތައް ފަރާތްތަކެއްގެ ތެރެއިން 4 ނަމެއް ޝޯޓްލިސްޓުކޮށް އެކަން އެފަރާތްތަކަށް އަންގާފައެވެ.