ރަޝިއާގެ ފްލެގް ކެރިއަރު ނުވަތަ ގައުމީ އެއާލައިން، އެރޮފްލޯޓްގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ރަޝިއާގެ ސަރުކާރަށް އަންގައިފިއެވެ.

ޔޫކްރެއިން އަށް އަރައިގަނެ ރަޝިއާ އިން ދެމުން ގެންދާ ޢުދުވާނީ ހަމަލާތަކުގެ ސަބަބުން، ރަޝިއާ އާއި ދެކޮޅަށް އަދި އެގައުމުގެ ސަރުކާރަށް ވާގިވެރިވާ އެކި ފަރާތްތަކާއި ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު، އެރޮފްލޯޓްގެ ދަތުރުތައް، މިމަހުގެ 8 ވަނަ ދުވަހު ވަނީ ހުށްޓާލާފައެވެ.

އެރޮފްލޯޓް އިިން ބައިނަލްއަގްވާމީ ދަތުރުތައް އަލުން ފެށުމަށް ނިންމާފައިވަނީ އަންނަ މަހުއެވެ. މިއާއެކު އަލުން ދަތުރުތައް ފެށުމަށް އެ އެއާލައިން އިން ތައްޔާރުވަމުން އަންނައިރު، ރާއްޖެ އަށްވެސް ދަތުރުތައް އަލުން ފަށަން ބޭނުންވާކަން ހާމަކޮށް، ރަޝިއާގެ އެއާލައިންތައް ރާއްޖެއަށް ދަތުރުކުރުމާމެދު ދިވެހި ސަރުކާރުގެ ވިސްނުން ހުރި ގޮތް ސާފުކުރުމަށް، ރަޝިޔާގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާ މެދުވެރިކޮށް ރާއްޖޭގެ ސަރުކާރަށް ސިޓީއެއް ފޮނުވާފައިވެއެވެ.

މި ސިޓީގެ ޖަވާބުގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިިޓީން ބުނީ، އެރޮފްލޯޓުގެ ދަތުރުތައް ރާއްޖެއަށް ކުރަމުން އައީ ރަޝިޔާ އާއި ރާއްޖެއާ ދެމެދު ހަދާފައިވާ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން ކަމަށާއި، އެ އެއްބަސްވުމަށް ރާއްޖެއިން އެއްވެސް ބަދަލެއް މިހާތަނަށް ގެނެސްފައި ނުވާތީވެ، ބޭނުންވެއްޖެ ހާލަތެއްގައި، ބޭނުން ދުވަހަކު އެ އެއާލައިންގެ ފްލައިޓްތަކަށް ރާއްޖެއަށް ދަތުރުތައް ފެށޭނެކަމަށެވެ. މި އެންގުން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިިޓީން ވަނީ ރަޝިޔާގެ ވައިގެ ދަތުފަތުރާ ބެހޭ އިދާރާއަށް އަންގާފައެވެ.

ރަޝިއާ އަކީ ފަހަކަށް އައިސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އަދި އެގައުމުން އަންނަ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ އެރޮފްލޯޓްގެ ފްލައިޓުތައް މެދުވެރިކޮށެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި އެއް ލޭނާރަށްވާއިރު، ހަނގުރާމަ އާއިއެކުވެސް، އެގައުމުގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް މަސައްކަތް ކުރުމަކީ ރާއްޖެއަށް އޭގައި އެންމެ ފައިދާ ބޮޑުގޮތްކަން މި ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރޮފްލޯޓުގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ ފަހުކޮޅުއެވެ.