ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ދުރުކުރުމަށްޓަކައި، އިތުބާރުނެތްކަމުގެ މައްސަލަ ޕާކިސްތާނުގެ ޕާލަމެންޓަށް ވައްދައިފިއެވެ.
އިމްރާން ޚާން މަގާމުން ދުރުކުރުމުގެ މަސައްކަތް މިފެށީ، ސަރުކާރުގެ ސިޔާސަތުތައް ދޯދިޔާވެ ޕާކިސްތާނުގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވުމާ ގުޅިގެންނެވެ.
އިތުބާރުނެތްކަމުގެ މައްސަލައިގެ ބަހުސް ޕާކިސްތާނުގެ ޕާލަމެންޓުގައި ބުރާސްފަތި ދުވަހު ފަށާނެއެވެ.
މިމައްސަލަ ޕާކިސްތާނުގެ އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ޕާކިސްތާން ޑިމޮކްރަޓިކް މޫވްމަންޓުގެ ފަރާތުން ޕާލަމެންޓުގެ ދަށުގެ ނުވަތަ ނޭޝަނަލް އެސެމްބްލީއަށް ވެއްދީ އިދިކޮޅު ލީޑަރު ޝަހްބާޒް ޝަރީފެވެ.
މައްސަލަ ހުށަހަޅުއްވަމުން ޝަހްބާޒް ޝަރީފް ވިދާޅުވީ، ޕާލަމެންޓުގެ އިތުބާރު ގެއްލުމުގެ ސަބަބުން އިމްރާން ޚާންގެ މަގާމުގެ ހައިސިއްޔަތު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
ޕާކިސްތާނުގެ ޕާލަމެންޓުގެ ދަށުގެ ނުވަތަ ނޭޝަނަލް އެސެމްބްލީގައި 342 މެމްބަރުން ހިމެނޭއިރު އިމްރާން ޚާން މަގާމުން ދުރުކުރުމަށް ބޭނުންވާ 172 ވޯޓް މިހާރު ހަމަވެފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އިމްރާން ޚާން މަގާމުން ދުރުކުރުމަށް ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުންވެސް މިހާރު ބޭނުންވެއެވެ.
ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރުނެތްކަމުގެ މައްސަލަ ޕާލަމެންޓަށް ވައްދާނެކަން އިދިކޮޅު ކޯލިޝަނުން މިދިޔަ ހަފްތާގައި އިއުލާން ކުރުމާއެކު ޕާކިސްތާނުގެ ސިޔާސީ މަސްރަހަށް ނުތަނަވަސްކަން ވެރިވެފައި ވެއެވެ.
އިތުބާރުނެތްކަމުގެ މައްސަލަ ވެގެންދާނީ ބޮޑުވަޒީރު އިމްރާން ޚާންގެ ސިޔާސީ ހަޔާތްޕުޅުގައި ކުރިމަތިވެވަޑައި ގަންނަވާން އެންމެ ވަރުގަދަ ގޮންޖެހުންކަމަށް މުހައްލިލުން ވިދާޅުވެއެވެ.